ސިލްވާގެ ލަނޑުން މޮޅުވެ ސިޓީ އަށް ހަމަޖެހުމެއް
ސިލްވާގެ ލަނޑުން މޮޅުވެ ސިޓީ އަށް ހަމަޖެހުމެއް

ހޮފެންހައިމް (އޮކްޓޫބަރު 3) - ޗެމްޕިއަންސް ލީގުގައި ރޭ ޑޭވިޑް ސިލްވާ ޖެހި ގޯލުން 2-1 އިން ހޮފެންހައިމް އަތުން މޮޅުވެ މެންޗެސްޓާ ސިޓީން ހަމަޖެހުމެއް ހޯދައިފި އެވެ.

ރޭގެ މެޗުން ސިޓީ މޮޅުވިއިރު، އޭގެ ކުރިން މި މުބާރާތުގައި ސިޓީ ކުޅުނު ހަތަރު މެޗުން ވަނީ ބަލިވެފަ އެވެ. މިދިޔަ ސީޒަނުގައި އެ ޓީމު އެންމެ ފަހުން ކުޅުނު ތިން މެޗުން ބަލިވިއިރު، މި ފަހަރުގެ މުބާރާތުގެ ފުރަތަމަ މެޗުގައި އަމިއްލަ ދަނޑުގައި ވަނީ ލިޔޯން އަތުން ބަލިވެފަ އެވެ.

ހޮފެންހައިމް ދަނޑުގައި ކުޅުނު ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗު ފަށައިގެން ފުރަތަމަ މިނިޓްގައި އެ ޓީމުން ވަނީ ލަނޑު ޖަހައިފަ އެވެ. އެ ޓީމަށް ލީޑުނަގައިދިނީ އިޝާކް ބެލްފޮޑިލް އެވެ. ހޮފެންހައިމް އަށް ލީޑު ހިފަހައްޓާލެވުނީ ހަތް މިނިޓް ވަންދެނެވެ. މެޗުގެ އަށް ވަނަ މިނިޓްގައި ސިޓީ އަށް އެއްވަރުކޮށްދިނީ ސާޖިއޯ އަގުއޭރޯ އެވެ.

ސިޓީ މޮޅުކޮށްދިން ލަނޑު ސިލްވާ ކާމިޔާބުކުރީ މެޗު ނިމެން ތިން މިނިޓަށް ވެފައި ހުއްޓަ އެވެ. އޭރިއާ ތެެރެއިން ލިބުނު ބޯޅަ ސިލްވާ ވަނީ ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިފަ އެވެ.

މެޗުގެ ކުރިން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ އޭނާގެ ޓީމަށް ކުރިއަށް އޮތް ފަސް މެޗަކީ ފަސް ފައިނަލް ކަމަށް ބުނެފަ އެވެ. ރޭގެ މެޗަށް ފަހު ގާޑިއޯލާ ބުނީ މެޗުގެ އޮއިވަރު ދިޔަ ގޮތުން މިއީ ވަރަށް އުނދަގުލުން ހޯދުނު މޮޅެއް ކަމަށާއި އެެހެން ކަމުން ކުރިއަށްދާން މިއީ ލިބިގެންދިޔަ ބޮޑު ހިތްވަރެއް ކަމަށެވެ.

މި ގްރޫޕުގެ އަނެއް މެޗުގައި ލިޔޯން ދަނޑުގައި ފުރަތަމަ ހާފުގައި ޝަކްތަރު ޑޮނެސްކުން ދެ ލަނޑު ޖަހާފައި އޮއްވައި ދެ ވަނަ ހާފުގައި ލިޔޯނުން ވަނީ 2-2 އިން އެއްވަރުކޮށްފަ އެވެ.

ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކް ރޭގެ މެޗަށް ނުކުތްއިރު އޮތީ އެންމެ ފަހުން ކުޅުނު ދެ މެޗުގެ ނަތީޖާ ނުކުތް ގޮތުން ފޯމު ގެއްލިފަ އެވެ. ރޭގެ މެޗު ފަށައިގެން ހަތަރު ވަނަ މިނިޓްގައި މެޓް ހަމެލްސް ބަޔާނަށް ލީޑު ނަގައިދީފައިވަނިކޮށް ދެ ވަނަ ހާފުގައި އަޔަކްސް އަށް އެއްވަރުކޮށްދިން ގޯލު ޖެހީ ނޮސައިރް މަރްޒޯއީ އެވެ.

ބަޔާނާ ހަވާލުވެ އެންމެ ފަހުން ޗެމްޕިއަންސް ލީގުގައި އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ މެޗުން މޮޅެއް ނުހޯދި ދިޔައީ 2009 ވަނަ އަހަރުގައި ލުއީ ވެން ހާލްގެ އިރުޝާދުގެ ދަށުންނެވެ. ބަޔާންގެ ކޯޗު ކަމާ މި ސީޒަނުގައި ހަވާލުވި ނިކޯ ކޮވަޗަށް ގިނަ ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފަ އެވެެ.

މި ގްރޫޕުގެ އަނެއް މެޗުން އޭއީކޭ އެތަންސް ދަނޑުގައި ކުޅުނު މެޗުން ބެންފީކާ ވަނީ 3-2 އިން މޮޅުވެފަ އެވެ. މި މެޗުގެ ދެ ވަނަ ހާފުގެ ފަހު ބައިގައި ބެންފީކާ އިން ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ އެ ޓީމަށް ކުޅޭ ޕޯޗުގަލްގެ ޑިފެންޑަރު ރުބެން ޑިއާސް އަށް ރަތް ކާޑު ދެއްކުމުންނެވެ.