03 އޮކްޓޯބަރ 2018 - 08:52

މޮސްކޯ (އޮކްޓޯބަރު 3) – ޔޫރަޕުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ރޭ ޗެމްޕިއަންސް ލީގުގައި ރަށުން ބޭރުގައި ރަޝިއާގެ ސީއެސްކޭއޭ މޮސްކޯ އަތުން ހައިރާންކުރުވަނިވި ގޮތަކަށް 1-0 އިން ބަލިވެއްޖެ އެވެ.
މި މޮޅާ އެކު ސީއެސްކޭއޭ ވަނީ ހަތަރު ޕޮއިންޓާ އެކު ގްރޫޕް ޖީ ގެ އެއް ވަނަ އަށް އަރައިފަ އެވެ. ރެއާލް މެޑްރިޑާއި އޭއެސް ރޯމާ އަށް ތިން ޕޮއިންޓް ލިބިފައިވާއިރު ހެޑް-ޓު-ހެޑް އުސޫލުން ކުރި ހޯދައި ދެ ވަނައިގައި އޮތީ މެޑްރިޑެވެ. ފުލުގައި އެއް ޕޮއިންޓާ އެކު އޮތީ ރޭ ރޯމާ އަތުން 5-0 އިން ބަލިވި ޗެކް ރިޕަބްލިކުގެ ވިކްޓޯރިއާ ޕްލެޒެން އެވެ.
މޮސްކޯގެ ލުޒްނިކީ ސްޓޭޑިއަމުގައި ކުޅުނު މެޗުގެ ދެ ވަނަ މިނެޓުގައި ސީއެސްކޭއޭ އިން ވަނީ ކުރި ހޯދައިފަ އެވެ. ޓޯނީ ކްރޫޒް ފަހަތަށް ޖައްސާލި ބޯޅައެއް ފެނުޖެހިފައި ލިބުނީ ނިކޮލާ ލަސިޗަށެވެ. އޭނާ ވަނީ އެ ބޯޅަ ހޯދައި ރަފައެލް ވަރާން ކައިރިން ދެމި ގަނެ ގޯލަށް ވައްދާލައިފަ އެވެ.
ކްރިސްޓިއާނޯ ރޮނާލްޑޯ ނެތުމުން އެޓޭކުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ ގަރެތު ބޭލް ރޭގެ މެޗުގައި ނުކުޅެ އެވެ. އެކަމަކު ވެސް ރޭ ފުރުސަތުތަކެއް ލިބުނެވެ. ކަރިމް ބެންޒެމާ އާއި އާއި ކަސެމިރޯ އަދި މަރިއާނޯގެ ޝޮޓްތަކެއް އަމާޒުވީ ގޯލް ދަނޑިއަށެވެ.
އިތުރު ވަގުތުގެ ތެރޭގައި ސީއެސްކޭއޭގެ ގޯލްކީޕަރު އަކިންފީވަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތްކާޑެއް ދައްކައިފަ އެވެ. އޭނާ ވަނީ މި މެޗުގައި މުހިއްމު ސޭވްތަކެއް ވެސް ކޮށްފަ އެވެ.
ރެއާލް މެޑްރިޑުގެ ކޯޗު ހުލެން ލޮޕެޓީގް ބުނީ ތިން ހަމަލައެއް ގޯލް ދަނޑި އަށް އަމާޒުވުމުން އެނގެނީ އޭނާގެ ޓީމު ނަސީބު ދެރަކަން ކަމަށެވެ.
"އަހަރެމެން ހުރިހާ ގޮތަކުން މަސައްކަތްކުރިން. ހީނުކުރާ ގޮތަކަށް މެޗު ފެށިގެން ދިޔައީ. އެއީ އިދިކޮޅު ޓީމުން ބޭނުންވި ގޮތް. އަނެއްކާ އަހަރެމެންގެ ނަސީބު ވެސް ދެރައީ،" ލޮޕެޓީގް ބުންޏެވެ. "އެކަމަކު އަލުން ކުޅުންތެރިން ހިތްވަރުލައި ގޯލް ޖަހައި މެޗުތަކުން މޮޅުވާނެ. އެއީ ޔަގީންކަމެއް."
މިއީ ރެއާލް މެޑްރިޑަށް ލަނޑެއް ނުޖެހި އަދި މޮޅެއް ނުލިބު ޖެހިޖެހިގެން ދިޔަ ތިން ވަނަ މެޗެވެ. ސްޕެނިޝް ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި އެތުލެޓިކޯ މެޑްރިޑާ 0-0 އިން އެއްވަރުވިއިރު އޭގެ ކުރިން ސެވިއްޔާ އަތުން 3-0 އިން ބަލިވީ އެވެ.
މި ގްރޫޕުގައި ރޭ ރޯމާ އިން އަމިއްލަ ދަނޑުގައި ވިކްޓޯރިއާ ޕްލެޒެން އަތުން 5-0 އިން މޮޅުވިއިރު އެޑިން ޖެކޯ ވަނީ ހެޓްރިކެއް ހަދައިފަ އެވެ. އަނެއް ދެ ގޯލް ޖެހީ ސެންގިޒް އުންޑާ އަދި ޖަސްޓިން ކްލައިވެޓެވެ.