ޑައިރެކްޓަރު މަނީ ރަތުނަމްގެ އޮފީސް ގޮއްވައިލާނެ ކަމުގެ އިންޒާރު ދިން މައްސަލަ ޕޮލިހަށް
ޑައިރެކްޓަރު މަނީ ރަތުނަމްގެ އޮފީސް ގޮއްވައިލާނެ ކަމުގެ އިންޒާރު ދިން މައްސަލަ ޕޮލިހަށް

މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި، މަނީ ރަތުނަމްގެ ތަމަޅަ ފިލްމު "ޗެއްކާ ޗިވަންތާ ވާނަމް" ގައި ހިމެނޭ ބައެއް ޑައިލޮގްތަކާ ދޭތެރޭ ބަޔަކު ހިތްހަމަނުޖެހިގެން ރަތުނަމްގެ އޮފީސް ގޮއްވައިލާނެ ކަމަށް ބުނެ ދިން އިންޒާރު ފުލުހުންނަށް ރިޕޯޓްކޮށްފި އެވެ.

މީޑިއާތަކުން ބުނި ގޮތުގައި ކާކުކަން ނޭނގޭ މީހަކު އަންގާރަ ދުވަހު ވަނީ ޗެންނައިގައި ހުންނަ ރަތުނަމްގެ އޮފީހަށް ގުޅައި ފިލްމުގައި ހިމެނޭ ބައެއް ޑައިލޮގްތައް އުނި ނުކޮށްފި ނަމަ އޮފީސް ގޮއްވައިލާކަމުގެ އިންޒާރު ދީފަ އރވެ. އެހެންވެ ސަލާމަތީ ފިޔަވަޅުތަކެއް ވެސް ވަނީ އަޅައިފަ އެވެ.

ފުލުހުން މިހާރު އަންނަނީ އެ ފޯން ކޯލަކީ ކޮން ދިމާއަކުން ކޮން ބަޔަކު އިސްކޮށް ތިބެގެން ކުރި ކަމެއްތޯ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

"ދިލް ސޭ" އާއި "ގުރޫ" އަދި "ބޮމްބޭ" ފަދަ ކާމިޔާބު ހިންދީ ފިލްމުތަކެއް ވެސް ގެނެސް ދިން ރަތުނަމްގެ އާ ފިލްމު "ޗެއްކާ ޗިވަންތާ ވާނަމް" އަކީ ޕޮލިޓިކަލް ތުރިލާއެކެވެ. މި ފިލްމުގެ ތަރިންގެ ތެރޭގައި އަރްވިންދު ސުވާމީ، އަދިތީ ރާއޯ ހައިދަރީ، ޖިއޮތިކާ އަދި ޕްރަކާޝް ރާޖް ހިމެނެ އެވެ.

އޭއާރް ރަހްމާން މިއުޒިކް ތައްޔާރުކޮށް ދީފައިވާ މި ފިލްމަކީ ރަތުނަމް މި ފަހުން ގެނެސް ދިން ފިލްމުތަކުގެ ތެރެއިން އެންމެ ކާމިޔާބު އެއް ފިލްމެވެ. ކްރިޓިކުން ވަނީ "ޗެއްކާ ޗިވަންތާ ވާނަމް" އަށް ވަރަށް ބޮޑަށް ތައުރީފު ވެސް ކޮށްފަ އެވެ.

މި ފިލްމުގައި ކިޔައި ދެނީ ބައްޕަ މަރުވުމުން ތިން ބެއިންނަށް ވާރުތަ ކުރާ ވިޔަފާރީގެ ދަހިވެތިކަމުގައި އެ ތިން ބެއިންގެ މެދުގައި ހިނގާ ކޯޅުންތަކެއްގެ ސަބަބުން ހިނގާ ހަމަނުޖެހުންތަކެކެވެ.

އިންޑިއާގެ އެންމެ މޮޅެތި ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ ރަތުނަމް، 62، އެންމެ ފަހުން ޑައިރެކްޓް ކުރި ހިންދީ ފިލްމަކީ 2010 ގައި އައިޝްވާރިޔާ ރާއީ އާއި އަބީޝެކް ބައްޗަން ލީޑް ރޯލް ކުޅުނު "ރާވަން" އެވެ.