ބިންހެލުމުގައި ބޯޓު ފުރުވާލި ކޮންޓްރޯލަރަށް ޕައިލެޓުގެ ތައުރީފް
ބިންހެލުމުގައި ބޯޓު ފުރުވާލި ކޮންޓްރޯލަރަށް ޕައިލެޓުގެ ތައުރީފް

ޕާލޫ (އޮކްޓޯބަރު 2) - ބިންހެލުމުގައި އެއާޕޯޓުގެ ކޮންޓްރޯލް ޓަވަރު ތެޅެން ފެށި ނަމަވެސް މަސްއޫލިއްޔަތު އަދާކުރުން މަތީ ދެމި ހުރުމަށް ފަހު އެންމެ ފަހުން ޓަވަރުން ފުންމާލުމުން މަރުވި އިންޑޮނީޝިއާގެ އެއާ ޓްރެފިކް ކޮންޓްރޯލަރަށް ބަޓިކް އެއާވޭސްގެ ޕައިލެޓް ރިކޮސެޓާ މަފެއްލާ ތައުރީފްކޮށްފި އެވެ.

ބިންހެލުމުގައި ބޯޓު ފުރުވާލި ކޮންޓްރޯލަރަށް ޕައިލެޓުގެ ތައުރީފް
ބިންހެލުމުގައި ބޯޓު ފުރުވާލި ކޮންޓްރޯލަރަށް ޕައިލެޓުގެ ތައުރީފް

ސުލަވެސީ އައިލެންޑުގެ ޕާލޫ އަށް ހުކުރު ދުވަހު ބިންހެލުން އައި އިރު އުމުރުން 21 އަހަރުގެ އަންތޯނިއަސް ގުނަވާން އަގުންގް ހުރީ ޕާލޫގެ މަޓިއަރާ އެސްއައިއެސް އޭއައި-ޖުފްރީ އެއާޕޯޓުގެ ކޮންޓްރޯލް ޓަވަރުގަ އެވެ. އޮފިޝަލުން ބުނީ ބިންހެލުން އައުމާ އެކު ޓަވަރުގައި ތިބި ބައެއް މީހުން ދިޔަ ނަމަވެސް އަގުންގް ހުރީ ފުރަން ތައްޔާރަށް އޮތް ބަޓިކް އެއާގެ ބޯޓަށް ކްލިއަރެންސް ދިނުމަށެވެ.

ބަޓިކް އެއާގެ ޕައިލެޓް މަފެއްލާ ބުނީ އަންގް ވަނީ ބޯޓުގެ ހުރިހާ ޕަސިންޖަރުން ސަލާމަތްކޮށްދީފައި ކަމަށެވެ. އެއީ ގައުމީ ބަތަލެއް ކަމަށް އޭނާ ބުންޏެވެ. ޕައިލެޓް ބުނީ ކޮންޓްރޯލް ޓަވަރުން އަގުންގް ވަނީ ވީހާ ވެސް އަވަހަކަށް ބޯޓު ނައްޓާލުމަށް އަންގައިފައި ކަމަށެވެ. އެހެންވެ ބޯޓުގެ ކްރޫންނާއި ގްރައުންޑް ކްރޫންނަށް އަންގައިގެން ވީ އެންމެ އަވަހަކަށް ބޯޓު ނައްޓާލި ކަމަށް ބުންޏެވެ.

ރިކްޓާ މިންގަނޑުން 7.5 ގެ ބާރު މިނުގެ ބިންހެލުން އައި އެ ބޯޓު ނައްޓާލިތާ މިނިޓެއް ވެސް ނުވަހީނެވެ.

ޕައިލެޓް ބުނީ އަގުންގެ ފަރާތުން އިވުނު އެންމެ ފަހު ބަހަކީ "ބޯޓު ނައްޓާލަން ރަންވޭ ކްލިއާ" ކަމަށެވެ. އޭގެ ފަހުން ބިންމަތިން ކަންވީ ގޮތެއް ޕައިލެޓާއި ބޯޓުގައި ތިބި 147 ޕަސިންޖަރުންނާއި ކްރޫންނަކަށް ނޭނގެ އެވެ. އެކަމަކު ބޮޑު ރާޅެއް އަންނަ މަންޒަރު ކޮކްޕިޓުން މަފެއްލާ އަށް ފެނިފައިވެ އެވެ.

"ކޮންޓްރޯލް ޓަވަރަށް އަހަރެން އެންގިން ބޮޑު ރާޅެއް އަންނަކަން. އެކަމަކު އެއްވެސް ޖަވާބެއް ނުލިބޭ،" މަފެއްލާ ބުންޏެވެ.

ޕައިލެޓް ބުނީ ޖަވާބު ނުލިބުނު ސަބަބު އެނގުނީ އެއާ ޓްރެފިކް ކޮންޓްރޯލަރުން ހިމެނޭ ވަޓްސްއަޕް ގްރޫޕަކުން ކަމަށެވެ. އަދި ކަންވީ ގޮތް އެނގުމުން އޭނާ ބަސް ހުއްޓުނު ކަމަށް ބުންޏެވެ.

ބިންހެލުން ގަދަވުމާ އެކު އަގުންގް ވަނީ ސަލާމަތްވުމަށް ހަތަރު ބުރީގެ ޓަވަރުން ފުންމާލައިފަ އެވެ. އޭނާގެ ފައި ބިނދުމުގެ އިތުރުން އެތެރެ ހައްޓަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. ވަގުތުން އޭނާ ވަނީ ކައިރީގައިވާ އާދައިގެ ހޮސްޕިޓަލަކަށް ގެންގޮސް ފަރުވާ ދޭން ފަށައިފަ އެވެ. ނަމަވެސް އެއަށް ވުރެ ރަނގަޅު ހޮސްޕިޓަލަކަށް ގެންދަން ހެލިކޮޕްޓަރު ދިއުމުގެ ކުރިން އަގުންގް ވަނީ މަރުވެފަ އެވެ.

ކުންފުނިން ވަނީ އަގުންގް ކުރި ހިތްވަރުގެ އަގު ވަޒަން ކުރަން އޭނާގެ މަގާމު ދެ ދަރަޖަ މައްޗަށް ޖައްސައިފަ އެވެ.