މެެލޭޝިއާ އެއާޕޯޓުގައި ދިރިއުޅެމުންދިޔަ ސީރިއާ މީހާ ބޭރުކޮށްލައިފި
މެެލޭޝިއާ އެއާޕޯޓުގައި ދިރިއުޅެމުންދިޔަ ސީރިއާ މީހާ ބޭރުކޮށްލައިފި

ކުއާލަ ލަމްޕޫރު (އޮކްޓޯބަރު 2) - މެލޭޝިއާ އެއާޕޯޓުގައި އެތައް މަހެއް ވަންދެން ދިރިއުޅެމުން ދިޔަ ސީރިއާ މީހާ އެންމެ ފަހުން ބޭރުކޮށްލައިފި އެވެ.

މެެލޭޝިއާ އެއާޕޯޓުގައި ދިރިއުޅެމުންދިޔަ ސީރިއާ މީހާ ބޭރުކޮށްލައިފި
މެެލޭޝިއާ އެއާޕޯޓުގައި ދިރިއުޅެމުންދިޔަ ސީރިއާ މީހާ ބޭރުކޮށްލައިފި

ކުއާލަ ލަމްޕޫރު އިންޓަނޭޝަނަލް އެއާޕޯޓުގެ ޓްރާންސިޓް ސެކްޝަނުގައި ދިރިއުޅެމުން ދިޔަ ހަސަން އަލް ކަންތާރުގެ މައްސަލަ ސަމާލު ކަމަށް އައިސްފައި ވަނީ މި އަހަރު ކުރީކޮޅު އޭނާ ޕޯސްޓް ކުރަން ފެށި ވީޑިއޯތަކަކުންނެވެ. އޭނާ ސީރިއާ އިން ނުކުތީ ސިފައިންގެ ޚިދުމަތަށް ފިލަން ވެގެންނެވެ. އޭގެ ފަހުން އެ ގައުމުގައި ހަނގުރާމަ ފެށުމުން އެނބުރި ދިއުމަށް ދާން ވަނީ ދެކޮޅު ހަދައިފަ އެވެ.

މެލޭޝިއާގެ އިމިގްރޭޝިން އޮފިސަރު ވިދާޅުވީ ބޯޑިން އޭރިޔާގައި ތިބޭ ޕަސިންޖަރުން ޖެހޭނީ ބޯޓަށް އަރަން ކަމަށާއި އެކަމަކު އެއާޕޯޓުގައި އުޅުނު ސީރިއާ މީހާގެ މައްސަލަ ރޯޔަލް މެލޭޝިއާ ޕޮލިސްއާ ގުޅިގެން ހައްލުކޮށްފައިވާ ކަމަށެވެ. ފުލުހުން ސުވާލުކޮށް ނިމުމުން އޭނާ ހަވާލު ކުރާނީ އިމިގްރޭޝަނަށެވެ. އޭގެ ފަހުން ސީރިއާ އެމްބަސީއާ ގުޅިގެން އޭނާ ޑިޕޯޓް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ އެވެ.

ސީރިއާގައި 2011 ވަނަ އަހަރު ހަނގުރާމަ ފެށުނު އިރު ކަންތާރު މަސައްކަތް ކުރީ ޔޫއޭއީގެ އިންޝުއަރެންސް ކުންފުންޏެއްގަ އެވެ. އޭނާގެ ޕާސްޕޯޓް އާ ނުކުރެވުނީ އަސްކަރީ ޚިދުމަތް ފުރިހަމަކޮށްފައި ނުވާތީ އެވެ. އެއީ މަޖްބޫރު ކަމެކެވެ. އެހެންވެ ހައްޔަރުކޮށްފާނެތީ އެނބުރި ސީރިއާ އަށް ދާން އޭނާ ވަނީ ދެކޮޅު ހަދައިފަ އެވެ. އެހެންވެ ގަވާއިދާ ޚިލާފަށް އޭނާ ޔޫއޭއީގައި މަޑުކުރި އެވެ. އެކަމަކު 2016 ވަނަ އަހަރު އޭނާ ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާ އަށް 2017 ވަނަ އަހަރު ޕާސްޕޯޓެއް ލިބުނު ނަމަވެސް ވަނީ މެލޭޝިއާ އަށް ޑިޕޯޓްކޮށްލައިފަ އެވެ. މެލޭޝިއާ އަކީ ސީރިއާ މީހުންނަށް ހިލޭ ވިސާގައި އެތެރެވެވޭ މަދު ގައުމުތަކުގެ ތެރޭން ގައުމެކެވެ. މެލޭޝިއާ އިން ކަންތާރަށް ވަނީ ތިން މަސް ދުވަހުގެ ޓޫރިސްޓް ވިސާ ދީފަ އެވެ.

ތިން މަސް ހަމަވުމުން އޭނާ ވަނީ ތުރުކީ އަށް ދާން މަސައްކަތް ކޮށްފަ އެވެ. އެކަމަކު ބޯޑިން ކުރެވޭ ގޮތެއް ނުވި އެވެ. އޭނާ ކެމްބޯޑިއާ އަށް ދިޔަ ނަމަވެސް އެ ގައުމަށް ވެސް އެތެރެކޮށް ނުދިމުން އަނބުރާ މެލޭޝިއާ އަށް ދިޔައީ މާޗް 7 ވަނަ ދުވަހު އެވެ. އޭގެ ފަހުން އޭނާ ދިރިއުޅެމުން ދިޔައީ އެއާޕޯޓުގެ އެރައިވަލް އޭރިޔާގަ އެވެ. އެއާލައިންތަކުގެ ސްޓާފުން އޭނާ އަށް ކާންދީ ހަދަ އެވެ.

އުމުރުން 36 އަހަރުގެ ދިމިޝްގަށް ނިސްބަތްވާ ކަންތާރު ވަނީ ކެމްބޯޑިއާ އާއި އިކުއެޑޯ އިން ހިމާޔަތް ހޯދަން ވެސް ހުށަހަޅައިފަ އެވެ. ނަމަވެސް ކާމިޔާބުވެފައެއް ނުވެ އެވެ.

އެއާޕޯޓުގައި ހުރެގެން ކަންތާރު ދިޔައީ އޭނާގެ ހާލަތު ބަޔާންކޮށްދިނުމުގެ ގޮތުން ފޮޓޯތައް ޕޯސްޓްކުރަމުންނެވެ.