03 އޮކްޓޯބަރ 2018 - 07:29

ސަލްމާން ހާން މިހާރު ކުޅެމުން އަންނަ ފިލްމު "ބާރަތު" ގެ ހާއްސަ ފެނިލުމަކުން ވަރުން ދަވަން ފެންނާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ނަމަވެސް މިކަމާ ބެހޭ ގޮތުން ވަރުން އާއި "ބާރަތު" ގެ ޓީމުން އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އިންޑިއާ އާއި މޯލްޓާގެ ޝޫޓިން ޝެޑިއުލް ނިންމައިލުމަށް ފަހު، ފިލްމުގެ ޓީމް މިހާރު ތިބީ އަބޫ ދާބީގަ އެވެ.
އަލީ އައްބާސް ޒަފަރު ޑައިރެކްޓް ކުރާ ފިލްމުގެ ހާއްސަ ފެނިލުމަކަށް ވަރުން އެއްބަސްވެފައިވާ ކަމަށް ބުނާ އިރު، މިދިޔަ އަހަރު ރިލީޒް ކުރި އޭނާގެ ކާމިޔާބު ފިލްމު "ޖުޅްވާ 2" ހެ ހާއްސަ ފެނިލުމަކުން ސަލްމާން ވެސް ފެނިފައިވެ އެވެ.
"ޖުޅްވާ" އަކީ 1997 ގައި ސަލްމާން ކުޅުނު "ޖުޅްވާ" ފްރެންޗައިޒްގެ ދެވަނަ ބައެވެ.
ސަލްމާނާ އަބަދު ވެސް ވަރަށް ގާތް ގުޅުމެއް އޮންނަ އަދި ބައެއް މީހުން "ޒުވާން ސަލްމާން" ގެ ގޮތުގައި ސިފަ ކުރާ ވަރުންއަކީ މިހާރު ބޮލީވުޑްގައި ތިބި ޒުވާން އެކްޓަރުންގެ ތެރެއިން އެންމެ ކާމިޔާބު އެކެކެވެ.
އޭނާ މިހާތަނަށް ކުޅުނު އެއްވެސް ފިލްމެއް ފްލޮޕްވެފައި ނުވާ އިރު، މިދިޔަ ހުކުރު ދުވަހު ރިލީޒް ކުރި ވަރުންގެ އެންމެ ފަހުގެ ފިލްމު "ސުއީ ދާގާ: މޭޑް އިން އިންޑިއާ" އަށް ވެސް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.
ވަރުންގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ކަލަންކް"، "ރަންބޫމީ"، ކެޓްރީނާ ކެއިފާ އެކު ކުޅޭ ޑާންސް ފިލްމެއް ހިމެނެ އެވެ.
އަންނަ އަހަރުގެ ފިތުރު އީދުގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައިވާ "ބާރަތު" އިން ސަލްމާނާ އެކު ފެނިގެންދާ ކާސްޓުންގެ ތެރޭގައި ކެޓްރީނާ، ޖެކީ ޝްރޮފް، ނޯރާ ފަހެތީ، ސުނިލް ގްރޯވާ، ތައްބޫ އަދި ޑިޝާ ޕަޓްނީ ފާހަގަކޮށްލެވެ އެވެ.