ފަޅުތެރެއަށް ވެއްޓުނު ބޯޓުގެ ތެރޭން މީހެއްގެ ހަށިގަނޑު ފެނިއްޖެ
ފަޅުތެރެއަށް ވެއްޓުނު ބޯޓުގެ ތެރޭން މީހެއްގެ ހަށިގަނޑު ފެނިއްޖެ

ޕާލޫ (އޮކްޓޯބަރު 2) - ޕެސިފިކުގެ މައިކްރޮނީޝިއާގެ ފަޅުތެރެއަށް މިދިޔަ ހަފުތާގައި ވެއްޓުނު މަތިންދާ ބޯޓުގެ ތެރޭން ފިރިހެނެއްގެ ހަށިގަނޑު ފެނިއްޖެ އެވެ.

ޕަޕުއާ ނިއު ގިނީގެ ގައުމީ އެއާލައިން، އެއާ ނިއުގިނީގެ ބޮއިން 737-800 ގެ ބޯޓު މައިކްރޮނީޝިއާގެ ވެނޯ އެއާޕޯޓަށް ޖައްސަން އުޅެނިކޮށް ރަންވޭ މަތިން ނެއްޓި ވަނީ ޗޫކް ފަޅުތެރެއަށް ވެއްޓިފަ އެވެ. އެއާލައިނުން ފުރަތަމަ ބުނީ 35 ޕަސިންޖަރުންނާއި 12 ކްރޫން ސަލާމަތްވި ކަމަށެވެ. ނަމަވެސް ފެނު ތެރޭގައި އޮތް ބޯޓް ތެރެއަށް ފީނި ޑައިވަރުންނަށް ވަނީ މީހެއްގެ ހަށިގަނޑު ފެނިފަ އެވެ.

"ވަރަށް ހިތާމައާ އެކު ދަންނަވަން ބޯޓު ތެރޭން މިއަދު ވަނީ ފިރިހެން ޕަސިންޖަރެއްގެ ހަށިގަނޑު ފެނިފައިވާ ވާހަކަ،" އެއާ ނިއުގިނީގެ ޗީފް އެގްޒެކެޓިވް ތަހަވަރް ދުއްރާނީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފެޑެރޭޑެޓް ސްޓޭޓްސް އޮފް މައިކްރޮނީޝިއާ އާއި ޕަޕުއާ ނިއު ގިނީ އަދި އެމެރިކާގެ އޮފިޝަލުން ގުޅިގެން ދަނީ ބޯޓު ވެއްޓުނު ހާދިސާ ތަހުގީގު ކުރަމުން ކަމަށެވެ.

"ބޯޓުގެ ކަޅުފޮށި ނެގުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން،" ދުއްރާނީ ވިދާޅުވި އެވެ.

މައިކްރޮނީޝިއާ ސަރުކާރުން ބުނެފައި ވަނީ ފަޅުތެރެއަށް ބޯޓު ވެއްޓުނު ހާދިސާގައި ނުވަ މީހުން ޒަޚަމްވި ކަމަށެވެ. އޭގެ ތެރޭން ހަތަރު މީހެއްގެ ހާލު ސީރިއަސް ކަމަށް ވެސް ބުނެފައިވެ އެވެ.