02 އޮކްޓޯބަރ 2018 - 12:23

ރިޔާސީ އިންތިހާބުގައި އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އާ ވާދަކުރައްވައި ބަލިވިބަލިވުން ގަބޫލުފުޅު ކުރައްވައި، "ހިނިތުންވުން ދެއްކެވުމަށް"، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، އެމަނިކުފާނުގެ ކޮއްކޯފުޅު ރައީސް އަބްދުﷲ ޔާމީނަށް ދެންމެ ގޮވާލައްވައިފި އެވެ.
މައުމޫން ފައުންޑޭޝަންގެ އޮފީހުގައި އިބޫއާ ބައްދަލުކުރެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން އެގޮތަށް ގޮވާލެއްވުމުގެ ކުރިން މައުމޫން ވަނީ 2008 ގައި އެމަނިކުފާނު ކުރެއްވި ތަޖުރިބާ ވިދާޅުވެފަ އެވެ. އެގޮތުން ދެވަނަ ބުރުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކާމިޔާބުކުރެއްވުމާ އެކު، މައުމޫންގެ އަރިސް ބައެއް ބޭފުޅުން، އެ ނަތީޖާ ގަބޫލުނުކުރެއްވުމަށް ދެންނެވި ކަމަށް ވިދާޅުވި އެވެ.
އެކަމަކު މައުމޫން ވިދާޅުވީ ރައީސް ޔާމީނަށް ވުރެ މާ ކުޑަ ތަފާތަކުން 2008ގެ އިންތިހާބުން ބަލިވެވަޑައިގަތަސް، އެރޭގެ ދަންވަރު އެބަލި ގަބޫލުކުރައްވައި، ނަޝީދަށް ގުޅުއްވާ މަރުހަބާ ދެންނެވި ކަމަށެވެ.
"އޭރުގެ ނަތީޖާ މާ ގާތް، މިހާރުގެ ނަތީޖާ މާ ތަނަވަސް، އޭރު އަށް ޕަސެންޓް އުޅުނީ ތަފާތު. މިހާރު ބައްލަވާ، އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 58 ޕަސެންޓް، ޔާމީނަށް ލިބިވަޑައިގަތީ 42 ޕަސެންޓް، 16 ޕަސެންޓްގެ ތަފާތު،" ހަތް މަސް ދުވަހު ޖަލުގައި އޮންނެވުމަށް ފަހު، އިންތިހާބަށް ފަހު ކަފާލާތުގެ ދަށުން ދޫކޮށްފައިވާ މައުމޫން ވިދާޅުވި އެވެ.
"އޭރު އަޅުގަނޑު މައްސަލައެއް ނުޖައްސަން. އަޅުގަނޑު ކޮންމެހެން މޮޅު ވާހަކައެއް ދައްކަނީކީ ނޫން. އަޅުގަނޑު މި ދަންނަވަނީ މިއެއްޔޭ ކަންތައް އޮންނަން ވީ ގޮތަކީ ޑިމޮކްރަސީއެއްގައި. އެންމެ ވޯޓަކުން ބަލިވިޔަސް ބަލި ގަބޫލުކުރާށޭ، މައްސަލަ ނުޖައްސާށޭ."
ރައީސް ޔާމީންގެ ވެރިކަން ވައްޓާލަން އުޅުމުގެ ތުހުމަތުގައި ފެބްއަރީ 5 ގައި ހައްޔަރުކުރި ގޮތަށް ދޫނުކޮށް ޖަލުގައި ބެހެއްޓި މައުމޫން ވިދާޅުވީ ރައީސް ޔާމީން ބަލިގަބޫލުފުޅު ކުރައްވަން ޖެހިވަޑައިގަންނަވަނީ "ރައްޔިތުން އަނެއްކާވެސް ފިތުނަގަނޑެއްގެ ތެރެއަށް ވައްޓާނުލުން" ކަމަށެވެ.
"ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ނަތީޖާ ގަބޫލުކޮށްގެން، ހިނިތުންވެލައި، ރީތިކޮށް ހިނިތުންވެގެން ހުރެ، ރައްޔިތުންނަށް އަލްވަދާއުކިޔާފައި ދާށޭ،" މައުމޫން، ރައީސް ޔާމީނަށް ގޮވާލެއްވި އެވެ.
މައުމޫން ވިދާޅުވި ގޮތުގައި އިންތިހާބުގައި ރައްޔިތުން ވޯޓުލީ ނާއިންސާފާއި ހިޔާނާތާ ދެކޮޅަށެވެ.