03 އޮކްޓޯބަރ 2018 - 07:32

ބޮލީވުޑްގެ ދެމަފިރިން ކަމަށްވާ އަޖޭ ދޭވްގަން އާއި ކާޖޮލްގެ ޖޯޑު އަލުން ސްކްރީނުން ދެކެލަން ކެތްމަދުވެފައި ތިބި މީހުންނަށް އަންނަ އަހަރު ވަރަށް ހާއްސަ ވާނެ އެވެ.
ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި އަޖޭ މިހާރު ޝޫޓިން ފަށާފައިވާ ތާރީހީ ހަނގުރާމަ ފިލްމު "ތާނަޖީ: ދި އަންސަންގް ވޮރިއާ" ގެ ބަތަލާގެ ރޯލުން ކާޖޮލް ފެނިގެން ދާނެ އެވެ.
މި ފިލްމުގެ ޓީމްގެ މެމްބަރަކާ ހަވާލާދީ ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި ފިލްމުން އަޖޭ އާއި ކާޖޮލްގެ ޖޯޑު ފެންނާނެ ކަމާ މެދު މިހާރު ޝައްކެއް ނެތެވެ. އަދި ފިލްމަށް ކާޖޮލް ތައްޔާރު ވަމުން އަންނަ ކަމަށް ބުންޏެވެ. ދެ ތަރިން ފިލްމުގައި ފެނިގެން ދާނީ ލޯބިވެރިންގެ ރޯލުންނެވެ.
"ދިލް ކިޔާ ކަރޭ" އާއި "ޕިޔާރް ތޯ ހޯނާ ހިތާ" ފަދަ ކާމިޔާބު ފިލްމުތައް އެކީގައި ކުޅެފައިވާ އަޖޭ އާއި ކާޖޮލް އެންމެ ފަހުން އެކުގައި ކުޅުނީ 2010 ގެ "ތޫންޕޫރް ކާ ސުޕަހީރޯ" އެވެ.
މުމްބާއީގައި ފިލްމަށް ހާއްސަ ބިޔަ އަދި ބޮޑު ފަސް ސެޓެއް ހަދައިގެން "ތާނަޖީ" ޝޫޓް ކުރާ އިރު، ފިލްމުގެ ސެޓްތަކަށް އެކަނި ވެސް 7 ކްރޯޑް ރުޕީސް ހަރަދުވާ ކަމަށްވެ އެވެ. މި ފިލްމަކީ ޓީ ސީރީޒާއި އަޖޭ ގުޅިގެން ހަދާ ފިލްމެކެވެ.
އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ 22 ގައި ރިލީޒް ކުރަން ނިންމާފައިވާ "ތާނަޖީ" ޑައިރެކްޓް ކުރަނީ އޯމް ރައުތު އެވެ. މި ފިލްމުން ސައުތު ފިލްމު އިންޑަސްޓްރީގެ މަޝްހޫރު އެކްޓަރު ޖަގަޕަތީ ބާބޫ ވެސް ފެނިގެންދާ އިރު، ފިލްމުގެ ރޯލެއް ސައިފް އަލީ ހާނަށް ވެސް ހުށަހަޅާފައިވާ ކަމަށްވެ އެވެ.
"ތާނަޖީ" އިން ކށޖޮލް ފެނިގެންދާ އިރު، މީގެ ތިން އަހަރު ކުރިން ރިލީޒް ކުރި "ދިލްވާލޭ" އަށް ފަހު، އޭނާ ކުޅެފައިވާ ހިންދީ ފިލްމު "ހެލިކޮޕްޓާ އީލާ" މި މަހުގެ 12 ވަނަ ދުވަހު ސިނަމާތަކަށް އަންނާނެ އެވެ. އަޖޭ ދެން އެންމެ އަވަހަށް ފެނިގެން ދާނީ ޑިސެމްބަރު 7 ގައި ރިލީޒް ކުރާ "ޓޯޓަލް ދަމާލް" އިންނެވެ.