ކަންގަނާ ރަނާވަތުގެ "މަނިކަރްނިކާ" ގެ ޓީޒާ ޓްރެއިލާ ދައްކާލައިފި
ކަންގަނާ ރަނާވަތުގެ "މަނިކަރްނިކާ" ގެ ޓީޒާ ޓްރެއިލާ ދައްކާލައިފި

އަންނަ އަހަރުގެ އެންމެ އުންމީދީ އެއް ފިލްމު ކަމަށްވާ ކަންގަނާ ރަނާވަތުގެ ތާރީހީ ފިލްމު "މަނިކަރްނިކާ: ދި ކްއީން އޮފް ޖާންސީ" ގެ ޓީޒާ ޓްރެއިލާ ދައްކާލައިފި އެވެ.

މި ފިލްމަކީ އިންޑިއާގެ ތާރީހުގައި ވަރަށް ފާހަގަކޮށްލެވުނު އަންހެން ހަނގުރާމަވެރިއެއް ކަމަށްވާ ރާނީ ލަކްޝްމީބާއީގެ ވާހަކަ ކިޔައިދޭ ފިލްމެވެ. އެހެންވެ ފިލްމުން ވަރުގަދަ ހަނގުރާމައިގެ މަންޒަރުތަކެއް ފެންނާނެކަން ޔަގީންވާ އިރު، ޓީޒާގައި ވެސް ބޮޑަށް ދައްކުވައި ދީފައި ވަނީ ހަނގުރާމައިގެ މަންޒަރުތަކެވެ.

އެގޮތުން އިނގިރޭސީންގެ އަޅުވެތިކަމުގެ ދަށުން މިނިވަން ކަމަށް ފެންބޮވަޑައިގެންފައިވާ ބަޔަކު، އިނގިރޭސީންނާ ދެކޮޅަށް ނުކުމެ، ލޭ އޮހޮރުވައިލާ ތަން ދައްކަ އެވެ. މީގެ އެންމެ ބޮޑު އުސްއައްޔަކީ "މަނިކަރްނިކާ" ގައި ޓައިޓްލް ރޯލް ކުޅޭ ކަންގަނާ އެވެ.

މަޝްހޫރު ފިލްމު ކްރިޓިކް ތަރަން އަދާޝް ޓީޒާ ސިފަކޮށްފައި ވަނީ "ޕަވަފުލް" އަދި "ބްރިލިއަންޓް" މަސައްކަތެއްގެ ގޮތުގަ އެވެ. ކޮމަލް ނަހަޓާ ބުނި ގޮތުގައި "މަނިކަރްނިކާ" އަކީ އާދަޔާހިލާފު ހިތްވަރުގަދަ އަންހެން ހަނގުރާމަވެރިއެއްގެ ގުރުބާނީ ފެނިގެން ދާނެ ފިލްމަކަށެވެ.

އެހެން ބައެއް ކްރިޓިކުން ބުނި ގޮތުގައި ފިލްމަކީ އަނެއްކާ ވެސް ކަންގަނާގެ އެކްޓިން އޭގެ އެންމެ އިންތިހާ އަށް ފެނިގެން ދާނެ ކަމަށް ބެލެވޭ ފިލްމެކެވެ. އަދި މިއީ ނެޝަނަލް އެވޯޑް ތިން ފަހަރަށް ހޯދާފައިވާ ބަތަލާ އެ އެވޯޑް އަލުން ވާދަ ކުރާނެ ފެންވަރުގެ ފިލްމަކަށް ވާނެ ކަމުގެ އުންމީދު ބޮޑު ކަމަށް ބުނެފައިވެ އެވެ.

"މަނިކަރްނިކާ" ޑައިރެކްޓްކޮށްފައި ވަނީ އިންޑިއާގެ ސައުތު ފިލްމު އިންޑަސްޓްރީގެ ހުނަރުވެރި ޑައިރެކްޓަރު ކްރިޝް އެވެ. "ބާހްބަލީ" ގެ ސްރީން ރައިޓަރު ވިޖެންދުރަ ޕްރަސާދާއި "ބާގް މިލްކާ ބާގް" ގެ ސްކްރީން ރައިޓަރު ޕްރަސޫން ޖޯޝީގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ ފިލްމުގެ ބައެއް މަންޒަރުތައް ކަންގަނާ ވެސް ޑައިރެކްޓްކޮށްފައިވެ އެވެ.

މިކަމާ ގުޅިގެން ފިލްމުގެ ބައެއް ތަރިން ވަނީ ހިތްހަމަނުޖެހިގެން ފިލްމު ދޫކޮށްލައިފަ އެވެ. އޭގެ ތެރޭގައި ސޯނޫ ސޫދު ފާހަގަކޮށްލެވެ އެވެ.

ޖެނުއަރީ، 25، 2019 ގައި ރިލީޒް ކުރާ "މަނިކަރްނިކާ" ގެ ކާސްޓުންގެ ތެރޭގައި އަތުލް ކުލްކަރްނީ، ޖިއްޝޫ ސެން ގުޕްތާ، ޓީވީ ބަތަލާ އަންކިތާ ލޯކަންދޭ އަދި ޓީވީ އެކްޓަރު ތާހެރް ޝައްބީރް، ސުރޭޝް އޮބެރޯއީ، ޑެނީ ޒެންގޯޕާ، ކުލްބުޝަން ކަރްބަންދާ އަދި މުހައްމަދު ޒީޝާން އައްޔޫބް ހިމެނެ އެވެ.

"މަނިކަރްނިކާ" ރިލީޒް ކުރަން ނިންމި ތާރީހަކީ ވެސް ބޮކްސް އޮފީހުގައި ފާހަގަކޮށްލެވޭ ދުވަހަކަށް ވާނެ އެވެ. ސަބަބަކީ ކަންގަނާއާ ލޯބީގެ މައްސަލަގަނޑެއްގައި އަރައިރުންވެ، ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވާ ރިތިކް ރޯޝަންގެ "ސުޕަ 30" ވެސް އެ ތާރީހުގައި ރިލީޒް ކުރަން ނިންމާފައި އޮތުމެވެ.