އިންތިޚާބު ބާތިލްކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: ހަބީބް
އިންތިޚާބު ބާތިލްކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: ހަބީބް

ރައީސް އަބްދުﷲ ޔާމީނަށް، ބޮޑު ތަފާތަކުން ނާކާމިޔާބުވެވަޑައިގަތް ރިޔާސީ އިންތިޚާބު ބާތިލްކުރަން ޖެހޭ ގާނޫނީ އެއްވެސް ހުއްޖަތެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެމްބަރު އިސްމާއިލް ހަބީބު ރޭ ވިދާޅުވެއްޖެ އެވެ.

މިދިޔަ ހަފުތާގައި ބޭއްވި ރިޔާސީ އިންތިޚާބު، ރައީސް ޔާމީނާ ވާދަކުރެއްވި އިދިކޮޅު ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ކާމިޔާބުކުރެއްވި ކަން، ދާއިމީ ނަތީޖާއާ އެކު އީސީން ވަނީ އާއްމުކޮށްފަ އެވެ. ނަތީޖާގައިވާ ގޮތުން އިންތިޚާބުގައި އިބޫ އަށް 134،705 ވޯޓު ލިބިވަޑައިގަތްއިރު، ރައީސް ޔާމީނަށް ލިބިވަޑައިގަތީ 96،052 ވޯޓެވެ. އެއީ އިބޫ އަށް ވޯޓުގެ 58.4 ޕަސެންޓް އަދި ރައީސް ޔާމީނަށް 41.6 ޕަސެންޓެވެ.

ރައްޔިތުންގެ ވޯޓުން އެމަނިކުފާނު ބަލިވެއްޖެ ކަން ގަބޫލުކުރައްވައި، ރައީސް ޔާމީން އިބޫ އަށް މަރުހަބާ ވެސް ވިދާޅުވި އެވެ. އެކަމަކު، އޭގެ ހަފުތާއެއްހާ ދުވަސް އީސީގެ މެމްބަރުންނަށް ބޮޑެތި ތުހުމަތުތަކަކާ އެކު ނަތީޖާ ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވެ ރޭ ވަނީ މުޒާހަރާ އަށް ނުކުމެވަޑައިގެންފަ އެވެ. އިންތިޚާބު އޮޅުވާލީ ކަމަށް ތުހުމަތު ކުރައްވައި އެ މައްސަލައިގައި އީސީ ޖަވާބުދާރީވަންދެން ޕީޕީއެމުން އަޑުއުފުލާނެ ކަމަށް ވެސް ރައީސް ޔާމީން ރޭ ވިދާޅުވި އެވެ.

މީގެއިތުރުން، އިންތިޚާބު ބާތިލްކުރަން ސުޕްރީމް ކޯޓަށް ގޮސްގެން ނަމަވެސް ހައްގުތައް ހިމާޔަތްކުރާނެ ކަމަށް ކަމަށް ޕީޕީއެމުން ވަނީ ބުނެފަ އެވެ.

މި ތުހުމަތުތަކާއި އިންތިޚާބުގެ ސައްހަ ކަމާ މެދު އުފައްދާ ޝައްކުތަކާ ގުޅިގެން އީސީގެ މެމްބަރު ހަބީބް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިންތިޚާބު ބާތިލްކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އިންތިޚާބުގެ ހުރިހާ ކަމެއް ވެސް ދިޔައީ، ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އީސީގެ މެމްބަރުންނަށް ދޮގު އިލްޒާމްތައް އަޅުވައި މުޒާހަރާކުރަމުންދާތީ ހިތްހަމަޖެހިވަޑައިނުގެން ހަބީބު ވިދާޅުވީ "ޖަވާބުދާރީ ކުރުވާނީ މަގު މައްޗަކުން ނޫން" ކަމަށެވެ. ޖަވާބު ހޯދަން އަވަހަށް އީސީ އަށް ވަޑައިގަތުމަށް އޭނާ އެދިވަޑައިގަތެވެ.

"ޖަވާބު ދޭން ތައްޔާރު. އީސީގެ ރައީސް ޝަރީފް އާއި މެމްބަރުންގެ އަބުރު ކަތިނުލައްވާ. ޒިންމާދާރު ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވުމަށް އިލްތިމާސްކުރަން،" ހަބީބް ވިދާޅުވި އެވެ.

ޕީޕީއެމުން ތުހުމަތު ކުރަނީ، އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އިސްވެ ހުންނަވައިގެން އެ ކޮމިޝަނުން ރިޔާސީ އިންތިޚާބުގެ ވޯޓު އޮޅުވާލާފައިވާ ކަމަށެވެ. އެކަމަކު އެ ތުހުމަތު ކޮމިޝަނުގެ މެމްބަރުން ދޮގު ކުރައްވަ އެވެ.

ރައީސް އަބްދުﷲ ޔާމީން ވެސް ވިދާޅުވެފައި ވަނީ އިލެކްޝަންސް ކޮމިޝަނަށް ނުފޫޒު ފޯރާފައިވާކަން އީސީގެ ޝަރީފް މީހަކާ ދެއްކެވި ވާހަކަތަކެއް ހިމެނޭ، އާއްމުވި އޯޑިއޯއިން އެނގޭ ކަމަށެވެ. އެހެންވެ އެ އަށް ޖަވާބުދާރީ ވުމަށް ރައީސް ޔާމީން ގޮވައިލެއްވި އެވެ. އަދި، އެ ބޭފުޅުން ޖަވާބުދާރީ ކުރުވަން އެ ކޮމިޝަނަށް ވެސް ޕީޕީއެމްގެ އިސްބޭފުޅުން ވަޑައިގަންނަވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.