ޒުވާން ކޯޗުންނަށް ގާޑިއޯލާ އަކީ މިސާލެއް: ނާގަލްސްމަން
ޒުވާން ކޯޗުންނަށް ގާޑިއޯލާ އަކީ މިސާލެއް: ނާގަލްސްމަން

ހޮފެންހައިމް، ޖަރުމަން (އޮކްޓޫބަރު 2) - ކުރިއަރަން ބޭނުންވާ ޒުވާން ކޯޗުން މިސާލެއްގެ ގޮތުގައި ބަލަންވީ މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ކަމަށް އޭނާއާ ދެކޮޅަށް މިރޭ ނުކުންނަ ހޮފެންހައިމްގެ ޒުވާން ކޯޗު ޖޫލިއަން ނާގަލްސްމަން ބުނެފި އެވެ.

ޒުވާން ކޯޗުންނަށް ގާޑިއޯލާ އަކީ މިސާލެއް: ނާގަލްސްމަން
ޒުވާން ކޯޗުންނަށް ގާޑިއޯލާ އަކީ މިސާލެއް: ނާގަލްސްމަން

އުމުރުން 31 އަހަރުގެ ނާގަލްސްމަން އަކީ ޖަރުމަނުގައި މި ވަގުތު ހުރި އެންމެ އުއްމީދީ ކޯޗެވެ. މީގެ ތިން އަހަރު ކުރިން އުމުރުން 28 އަހަރުގައި ހޮފެންހައިމްއާ ހަވާލުވެ ނާގަލްސްމަން އަންނަނީ އެ ޓީމުގައި ކާމިޔާބު މަސައްކަތެއް ކުރަމުންނެވެ.

ނާގަލްސްމަންގެ ކޯޗުކަމުގައި ހޮފެންހައިމް އިން ފުރަތަމަ ސީޒަން ނިންމާލީ ލީގުގެ ހަތަރު ވަނައިގަ އެވެ. އަދި މިދިޔަ ސީޒަނުގައި އެ ޓީމު ވަނީ ލީގުގެ ތިން ވަނަ އަށް ޖެހިލައިފަ އެވެ. މިދިޔަ ފަހަރު ޗެމްޕިއަންސް ލީގުގެ ކޮލިފައިން ބުރުގައި ލިވަޕޫލް އަތުން ކެޓި ނަމަވެސް މި ފަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުން ފުރުސަތު ހޯދީ އެވެ.

ހޮފެންހައިމްގެ ތާރީހުގައި އެ ޓީމުގެ ދަނޑުގައި ކުޅޭ ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗު ނާގަލްސްމަން އަށް ހާއްސަވާ އެހެން ސަބަބެއް އެބައޮތެވެ. އެއީ ވާދަކުރަން ޖެހޭ ޓީމުގައި ހުރި ކޯޗު ގާޑިއޯލާ އެވެ.

"އަހަރެން މި ނުކުންނަނީ ގާޑިއޯލާ ދެކޮޅަށް. މިއީ ފުރަތަމަ ފަހަރު. ގާޑިއޯލާ އަކީ ޒުވާން ކޯޗުންނަށް މިސާލެއް. އޭނާގެ ވިސްނުމުގައި ފުޓްބޯޅަ އަށް ތަފާތެއް ގެނެސްފި. އޭނާ ކޯޗުކޮށްދިން ކޮންމެ ޓީމެއްގައި ވަރުގަދަ ބިންގަލެއް އަޅާ. މުޅި ޓީމު ބައްޓަން ކުރަނީ މުސްތަގުބަލަށް ވެސް ވިސްނާފައި. ގާޑިއޯލާ އަކީ ހަމަ ތަފާތު މޮޅު ކޯޗެއް،" އަންނަ ސީޒަނުގައި ޖަރުމަނުގެ އާރްބީ ލިޕްޒިގަށް ބަދަލުވުމަށް ނިންމާފައިވާ ނާގަލްސްމަން ބުންޏެވެ.

ހޮފެންހައިމް ކުޅުނު ފުރަތަމަ މެޗުން ވަނީ ޝަކްތަރު ޑޮނެސްކާ އެއްވަރުވެފަ އެވެ. މި ގްރޫޕުގެ އަނެއް މެޗުގައި ސިޓީ ވަނީ އަމިއްލަ ދަނޑުގައި ލިޔޯން އަތުން ބަލިވެފަ އެވެ.

ނާގަލްސްމަން ބުނީ ދެ ޓީމުގެ ފެންވަރަށް ބަލާއިރު ސިޓީ އޮތީ މާ ކުރީގައި ކަމަށާއި އެކަމަކު ހޮފެންހައިމް ވެސް ރަނގަޅު ޕްލޭނަކާ އެކު ނުކުމެއްޖެނަމަ ކާމިޔާބުވާނެ ކަމަށެވެ.

"ފުރަތަމަ މެޗުގައި ވީ ގޮތަށް ބަލާއިރު ސިޓީ އޮންނާނީ މޮޅަކަށް ކެތްމަދުވެފައި. އަނެއްކޮޅުން ދެ ޓީމުގެ ފެންވަރަށް ބަލާއިރު ވެސް ގިނަ ބަޔަކު ބުރަވާނީ ސިޓީ ކޮޅަށް. އެކަމަކު ވަރަށް ފުރިހަމަ ޕްލޭނަކާ އެކު ނުކުމެގެން އަހަރެމެންނަށް ވެސް ނަތީޖާއެއް ނެރެވިދާނެ،" ނާގަލްސްމަން ބުންޏެވެ.

މިރޭގެ މެޗަށް ކުރިމަތިލާއިރު ސިޓީ އަށް އޮތް އެންމެ ބޮޑު އެއް ހިތްހަމަ ޖެހުމަކީ އެ ޓީމުގެ ތަރި ކެވިން ޑިބްރޭނާ އަނިޔާއިން ރަނގަޅުވެ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވެފައިވުމެވެ. ގާޑިއޯލާ ބުނީ އަވަސް އަރުވާލައިގެން ޑިބްރޭނާ ލައްވާ ނުކުޅުވާނެކަމަށާއި އޭނާ ހަމަޖެހިލައިގެން ފިޓްނަސް އެއްކޮށް ރަނގަޅުކުރަން ވަގުތުދޭން ޖެހޭ ކަމަށެވެ.

"ސިޓީ އަށް ކުރިއަށް އޮތީ ފަސް ފައިނަލް. އެއްވެސް މެޗެއް ފަސޭހަ ކުރެވޭ ހާލަތެއް ނޫން މިއީ،" ގާޑިއޯލާ ބުންޏެވެ.

ސިޓީ އާއި ހޮފެންހައިމް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 21:55 ގަ އެވެ.