އީސީގެ ރައީސް ޝަރީފް ހައްޔަރުކުރަން ގޮވާލައި ޕީޕީއެމުން މުޒާހަރާ އަށް
އީސީގެ ރައީސް ޝަރީފް ހައްޔަރުކުރަން ގޮވާލައި ޕީޕީއެމުން މުޒާހަރާ އަށް

އިލެކްޝަންސް ކޮމިޝަން (އީސީ) ރައީސް އަހުމަދު ޝަރީފް އެ މަގާމުން އިސްތިއުފާ ދެއްވުމަށާއި އޭނާ ހައްޔަރު ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލައި ޕީޕީއެމުން މިރޭ މުޒާހަރާ ކުރަން ފަށައިފި އެވެ.

މިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ވޯޓު އޮޅުވައިލި ކަމަށް ބުނެ، ވެރިކަން ކުރާ ޕާޓީ ޕީޕީއެމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން އިންތިޚާބާ ގުޅޭގޮތުން އެ ޕާޓީން އުފައްދާފައިވާ ސުވާލުތަކަށް އީސީން ޖަވާބުދޭން ޖެހޭނެ ކަމަށް ވެސް ޕީޕީއެމުން ބުންޏެވެ.

ބޮޑުތަކުރުފާނު މަގުން އޮކްސިޖަން ރެސްޓޯރަންޓް ކައިރީގައި ހުންނަ ޕީޕީއެމްގެ އޮފީސް ދޮށަށް އެއްވި މީހުން ދަނީ އިންތިޚާބާ ގުޅޭ ގޮތުން ހުށަހަޅާފައިވާ ކަންބޮޑުވުންތަކަށް ޖަވާބުދާރީ ވުމަށް ގޮވައިލަމުންނެވެ. އަދި އެކަން ނުކުރެވޭނަމަ އެ ކޮމިޝަންގެ ފަސް މެމްބަރުން ވަގުތުން އިސްތިއުފާ ދެއްވުމަށް ވެސް ގޮވައިލަ އެވެ.

މި މުޒާހަރާގައި، ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ ޕީޕީއެމްގެ ބައެއް މެމްބަރުންނާއި އެ ޕާޓީގެ ކައުންސިލްގެ ބައެއް ބޭފުޅުން ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

އީސީގެ ރައީސް ޝަރީފް ހައްޔަރު ކުރުމަށް ޕީޕީއެމުން ގޮވައި އޭނާއާ ދެކޮޅަށް މުޒާހަރާ ފަށާފައިވާއިރު، ޝަރީފް މީހަކާ ދައްކަވާ ވާހަކަތަކެއްގެ އޯޑިއޯއެއް ސޯޝަލް މީޑިއާގައި މިއަދު ވަނީ ލީކް ކޮށްލައިފަ އެވެ. އެ އޯޑިއޯގައި ޝަރީފާ ވާހަކަ ދައްކަނީ ކާކު ކަމެއް ނޭނގުނު ނަމަވެސް ކޮންމެވެސް ކަމަކާ އޭނާ ބިރުން އަދި ކަމެއް ސިއްރު ކުރަން އުޅޭކަން ދޭހަވެ އެވެ. އަދި ޝަރީފް ގެންދެވީ ހާސްނުވުމަށާއި ބިރު ނުގަތުމަށް އަދި އެ ކަމަކަށް އެއްބަސް ނުވުމަށް ތަކުރާރުކޮށް އެ މީހެއްގެ ކައިރީގައި އެދިވަޑައިގަންނަވަމުންނެވެ. އަދި ވިދާޅުވީ، އެކަމެއް "ޑިނައި ކޮށްފިއްޔާ ޕޮލިސް ތެރޭގައި އަނެކައްޗެއް ނުކުރެވޭނެ، ސާބިތެއް ނުކުރެވޭނެ" ކަމަށެވެ.

އޯޑިއޯ ލީކުވުމާ ގުޅިގެން ޝަރީފް މިރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އެއީ އޭނާ އެކި ފަހަރުމަތިން ދައްކާފައިވާ ވާހަކަތަކުން އެހެން މާނައެއް ނެރުމަށްޓަކައި ހަދައިގެން ނެރެފައިވާ އޯޑިއޯއެއް ކަމަށެވެ. އަދި އެ އޯޑިއޯގެ މައްސަލަ ތަހުގީގު ކޮށްދިނުމަށް ފުލުހުންނަށް ހުށަހަޅުއްވަން ގަސްދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.

ރިޔާސީ އިންތިޚާބު އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ކާމިޔާބު ކުރެއްވީ 134،705 ވޯޓުންނެވެ. ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަތީ 96،052 ވޯޓެވެ.