09 އޯގަސްޓް 2016 - 15:45

މެންޗެސްޓާ (އޮގަސްޓް 9) - ދުނިޔޭގެ ދެ ވަނަ އަށް އެންމެ އަގުބޮޑު ޑިފެންޑަރުގެ ގޮތުގައި އެވަޓަންގެ އިނގިރޭސި ޑިފެންޑަރު ޖޯން ސްޓޯންސް މެންޗެސްޓާ ސިޓީ އަށް ބަދަލުވެއްޖެ އެވެ.
ސިޓީން އުމުރުން 22 އަހަރުގެ ޑިފެންޑަރު ގަތީ 47.5 މިލިއަން ޕައުންޑަށެވެ. އޭނާ ސިޓީއާ އެކު ހަ އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ އޭނާ އަކީ ސިޓީގެ އާ ކޯޗު ޕެޕް ގާޑިއޯލާ އެ ޓީމަށް ގެނައި 8 ވަނަ ކުޅުންތެރިޔާ އެވެ.
ސިޓީ އަށް އޭނާ ސޮއިކުރިކަން އެ ކްލަބުން ކަށަވަރުކޮށްދިނުމުގެ ކުރިން ޔުއެފާ އިން އާއްމު ކުރި ސިޓީގެ ޗެމްޕިއަންސް ލީގުގެ ސްކޮޑުގައި ސްޓޯންސްގެ ނަން ހިމަނާފައި އޮތެވެ. އެހެންވެ އޭނާ އެ ކްލަބާ ގުޅޭކަން މިއަދުގެ ހެނދުނުގެ ވަގުތެއްގައި އޮތީ ޔަގީންވެފަ އެވެ.
"ސިޓީއަކީ ވަރުގަދަ އަމާޒެއް އޮތް އަދި މޮޅު ކޯޗެއް ހުރި ޓީމެއް. އެ ކްލަބާ ގުޅެން އަހަރެން ހުރީ ކެތްމަދުވެފައި،" ސްޓޯންސް ބުންޏެވެ.
އިނގިރޭސި ގައުމީ ޓީމަށް ކުޅޭ ސްޓޯންސް ގެންދަން ޗެލްސީން މިދިޔަ ސީޒަނުގައި ވަރަށް ބޮޑަށް މަސައްކަތްކުރި އެވެ. އެކަމަކު އެ ކްލަބުން ވަނީ އޭނާ 50 މިލިއަން ޕައުންޑަށް ވުރެ ކުޑަ އަގެއްގައި ވިއްކާލަން ދެކޮޅު ހަދައިފަ އެވެ.
ދުނިޔޭގެ އެންމެ އަގުބޮޑު ޑިފެންޑަރަކީ ޗެލްސީން 2014 ވަނަ އަހަރު ޕީއެސްޖީ އަށް ބަދަލުވި ބްރެޒިލްގެ ޑޭވިޑް ލުއިޒް އެވެ.