އިބޫ ހުވާ ކުރެއްވުން އާންމުކޮށް ހުޅުވާލައިގެން ބާއްވަނީ
އިބޫ ހުވާ ކުރެއްވުން އާންމުކޮށް ހުޅުވާލައިގެން ބާއްވަނީ

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު އާންމުކޮށް ހުޅުވާލައިގެން ބޭއްވުމަށް ނިންމައިފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިބޫގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު އާންމުކޮށް ހުޅުވާލައިގެން ބޭއްވުމަށް ނިންމާފައި ވަނީ އިބޫ އެ ގޮތަށް އެދިވަޑައިގަތުމުން ކަމަށެވެ.

"އަޅުގަނޑުމެންގެ ވިސްނުމަކީ ވީހާ ވެސް ރައްޔިތުންނާ ގާތުން ރައްޔިތުންގެ ވެރިކަމެއް ކޮށްދިނުން. އެހެން ކަމަށް ވާއިރު ރައްޔިތުން އިންތިހާބު ކުރި ރައީސަކު ހުވާ ކުރައްވާ ރަސްމިއްޔާތުގައި ވީހާ ވެސް ގިނަ ރައްޔިތުންނަށް ބައިވެރިވެވޭނެ ގޮތަށް އެކަން ކުރުމަކީ އަޅުގަނޑުމެން އެންމެންގެ ވަރަށް ބޮޑު އެދުމެއް،" މާރިޔާ ވިދާޅުވި އެވެ.

"ވީމާ އިންތިހާބީ ރައީސް އޮނަރަބަލް އިބްރާހިމް މުހައްމަދު ސޯލިހު އެ ގޮތަށް ކަންތައް ކުރެއްވުމަށް އެދިވަޑައިގަންނަވާތީ އަޅުގަނޑުމެން މި ދަނީ މަސައްކަތް ކުރަމުން."

އިދިކޮޅު ޕާޓީތަކުން ގުޅިގެން ރިޔާސީ އިންތިހާބަށް ނެރުނު އިބޫ އެ އިންތިހާބު ކާމިޔާބު ކުރައްވާފައި ވަނީ 58 ޕަސެންޓް ވޯޓު ހޯއްދަވައިގެންނެވެ. އެއީ 134،705 ވޯޓެވެ. އަދި މުޅި ރާއްޖޭގެ 18 އަތޮޅެއްގެ މެޖޯރިޓީ ވެސް އިބޫ ހޯއްދެވި އެވެ. މިއީ މިހާ ބޮޑު ފަރަގަކުން ރާއްޖޭގައި ރައީސަކު އިންތިހާބުވި ފުރަތަމަ ފަހަރެވެ.

މިއާ ޚިލާފަށް މި އިންތިޚާބުގައި ނާކާމިޔާބުވަޑައިގެންނެވި މިހާރުގެ ރައީސް އަދި ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަތީ 96،052 ވޯޓެވެ. އެއީ ވޯޓު ދިން މީހުންގެ 41.6 ޕަސެންޓެވެ.