ޕެރޭޑަށް ދިން ހަމަލާގެ ބަދަލު ހިފަން އީރާނުން މިސައިލް ހަމަލާދީފި
ޕެރޭޑަށް ދިން ހަމަލާގެ ބަދަލު ހިފަން އީރާނުން މިސައިލް ހަމަލާދީފި

ތެހެރާން (އޮކްޓޯބަރު 1) - އީރާނުގައި މިދިޔަ މަހު ބޭއްވި އަސްކަރީ ޕެރޭޑަކަށް ދިން ހަމަލާގެ ބަދަލުހިފުމުގެ ގޮތުން ސީރިއާގައިވާ "ޓެރަރިސްޓުންނަށް" އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ބެލިސްޓިކް މިސައިލް އިން ހަމަލާދީފި އެވެ.

އީރާނުގެ އަހްވާޒް ޝިޓީގައި ބޭއްވި ޕެރޭޑަށް މިދިޔަ މަހު 22 ގައި ދިން ހަމަލާގައި ވަނީ 24 މީހުން މަރުވެފަ އެވެ. ހަމަލާގެ ޒިންމާ ވަނީ އިސްލާމިކް ސްޓޭޓް (އައިއެސް) އިން އުފުލައިފަ އެވެ.

އީރާނުގެ މިސައިލް ހަމަލާތައް އަމާޒުކޮށްފައި ވަނީ އިރާގުގެ ބޯޑަރާ ކައިރީގައިވާ ސީރިއާގެ އަލްބޫ ކަމާލް ޓައުނަށެވެ.

"އީރާނުން ބަދަލު ހިފުމުގެ ގޮތުން ހަމަލާދީފައި ވަނީ އަހްވާޒަށް ދިން ހަމަލާ އަށް ޒިންމާވާ މީހުންނަށް،" ރިވޮލިއުޝަނަރީ ގާޑުން ބުނެފައިވެ އެވެ.

އީރާނުން ވަނީ މެދު ރާސްތާ ހަ މިސައިލް ފޮނުވާލައިފަ އެވެ. އޭގެ ފަހުން އަސްކަރީ ހަތް ޑްރޯނުން ވެސް ވަނީ ހަމަލާ ދީފަ އެވެ.

ރިވޮލިއުޝަނަރީ ގާޑުން ބުނެފައި ވަނީ އަހްވާޒަށް ހަމަލާ ދިން މީހުންނަށް ދޭނެ އަދަބު އަދި ކުރިއަށް އޮތީ ކަމަށެވެ.