01 އޮކްޓޯބަރ 2018 - 13:26

ލައިވް ސްޓްރީމިން ޕްލެޓްފޯމެއް ކަމަށްވާ މައިކުޖޫ ޓީވީ މެދުވެރިކޮށް ދިރާގު ދިވެހި ޕްރިމިއާ ލީގުގެ މެޗުތައް އައިސްޓީވީން ވަގުތުން ދައްކާ ގޮތަށް ހަމަޖައްސައިފި އެވެ.
މައިކުޖޫ ޕްލެޓްފޯމް ބޭނުންކޮށްގެން ރާއްޖޭގެ ހާފްކޯޓް މޯލްޑިވްސް އިން އަންނަނީ މި އަހަރުން ފެށިގެން ވަރަށް ގިނަ ކުޅިވަރު އިވެންޓްތައް ލައިވްކޮށް ސްޓްރީމްކުރަމުންނެވެ. ހާއްސަކޮށް ފުޓްބޯޅައަށް ވަރަށް ރަނގަޅު ކަވަރޭޖެއް އައީ ދެމުންނެވެ. ހާފްކޯޓުން މެޗުތައް ލައިވްކުރަނީ މަދުވެގެން ހަތަރު ކެމެރާ ބޭނުންކޮށް، ކޮމެންޓަރީއާ ވެސް އެއްކޮށެވެ. އެ ކަވަރޭޖް، މައިކުޖޫގެ ވެބްސައިޓުން ސްޓްރީމްކޮށްގެން ވަރަށް ގިނަ ބަޔަކު އައީ ބަލަމުންނެވެ.
"މީގެ ފަހުން އެ ކަވަރޭޖް އައިސްޓީވީން ވެސް ފެންނާނެ. ސީދާ ފައިބާ ލިންކެއް އަޅުގަނޑުމެން މިދެނީ. އެހެންވީމާ ފީޑުގެ ފެންވަރު ރަނގަޅު ވާނެ،" ހާފްކޯޓުގެ ފައުންޑާ އަހުމަދު އަދުހަމް ބުންޏެވެ. "މައިޖުޖޫ ވެބްސައިޓް މެދުވެރިކޮށް މިހާރު ވެސް ވަރަށް ގިނަ ބަޔަކު މެޗުތައް ބަލާ. އައިސްޓީވީން ދައްކަން ފެށުމާ އެކު އިތުރަށް ފުޅާވެގެންދާނެ."
މުނިފޫހިފިލުވުމަށާއި ކުޅިވަރަށް ހާއްސަ ޗެނަލެއް ކަމަށްވާ އައިސްޓީވީން ދައްކާ ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗަކީ މިއަދު ހަވީރު ނިއު ރޭޑިއަންޓާއި ބ. ފެހެންދޫ ބައްދަލުކުރާ މެޗެވެ. މީޑިއާނެޓުގެ 100 ނަމްބަރު ޗެނަލުން ފެންނަ އައިސްޓީވީ އަކީ ދުނިޔޭގެ އެންމެ ވަރުގަދަ ލީގު ކަމަށްވާ އިނގިރޭސި ލީގުގެ މެޗުތައް ވެސް ދައްކާ ޗެނަލެކެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ މެޗަކާ ދިމާނުވާ ނަމަ، ދިވެހި ޕްރިމިއާ ލީގުގެ ހުރިހާ މެޗެއް ވެސް އައިސްޓީވީން ދައްކާނެ އެވެ.
މައިކުޖޫ މެދުވެރިކޮށް ހާފްކޯޓުން ރާއްޖޭގެ ކުޅިވަރު އިވެންޓްތައް ލައިވް ސްޓްރީމްކުރަން ފެށުމަކީ ވަރަށް ގިނަ ކުޅިވަރު އެސޯސިއޭޝަންތަކަށް ލިބުނު ހިތްހަމަޖެހުމެކެވެ. އެސޯސިއޭޝަންތަކުން އާއްމުކޮށް އިވެންޓްތައް ލައިވްކުރުވަން ޖެހެނީ ޓީވީތަކުން އެއާޓައިމް ބޮޑު އަގުގައި ގަނެގެންނެވެ. އިންޓަ ސްކޫލް ފަދަ މުބާރާތްތައް ސްޓްރީމްކުރުމަކީ ބެލެނެވެރިންނަށް ވެސް ލިބޭ އުފަލެކެވެ.
"ވޮލީބޯޅަ އާއި ކްރިކެޓް ފިޔަވައި ރާއްޖޭގެ އެހެން ހުރިހާ ކުޅިވަރެއްގެ އިވެންޓްތައް އަޅުގަނޑުމެން މައިކުޖޫ ޕްލެޓްފޯމުން ސްޓްރީމްކޮށްފިން. ވަރަށް ބޮޑު ސަޕޯޓެއް ލިބޭ،" އަދުހަމް ބުންޏެވެ.
އެފްއޭއެމްއާ އެކު އޮންނަ އެއްބަސްވުމެއްގެ ދަށުން ދިރާގު ދިވެހި ޕްރިމިއާ ލީގުގެ މެޗުތައް ޕީއެސްއެމުން ވެސް ވަގުތުން ދައްކަ އެވެ. އެންމެ ކުރިން ހަމައެކަނި ފުޓްބޯޅައިގެ ފައިނަލް މެޗުތައް ޓީވީން ދެއްކި ނަމަވެސް، ދިވެހި ލީގުގެ ނަން ކޮމާޝިއަލް ބްރޭންޑަކަށް ބަދަލުކުރި ފަހުން، 2005 އާ ހިސާބުން އާއްމުކޮށް ހުރިހާ މެޗެއް ދައްކަ އެވެ.
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު މުބާރާތް ކަމަށްވާ ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރަނީ އެސްޓީއޯ މާލޭ ލީގުގެ ގަދަ ހަ ޓީމު ކަމަށްވާ ނިއު ރޭޑިއަންޓް، މާޒިޔާ، ޓީސީ، އީގަލްސް، ގްރީންސްޓްރީޓްސް، ވިކްޓަރީ އަދި މިނިވަން ޗެމްޕިއަންޝިޕުގެ ގަދަ ހަތަރު ޓީމު ކަމަށްވާ ފ. ނިލަންދޫ، ބ. ފެހެންދޫ، ތ. ތިމަރަފުށި އަދި ށ. ފޯކައިދޫ އެވެ. ފުރަތަމަ ބުރު ނިމެން ގާތްވެފައިވާއިރު އެއް ވަނައިގައި އޮތީ ޓީސީ އެވެ.