01 އޮކްޓޯބަރ 2018 - 14:16

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އުފައްދަވާ ސަރުކާރަށް ޕީޕީއެމްގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް އެ ޕާޓީގެ ފަރާތުން މިއަދު ބުނެފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ތަރުޖަމާނު އަލީ އާރިފް ވިދާޅުވީ އާ ސަރުކާރަށް އެއްބާރުލުން ދިނުމުގެ ގޮތުން މިހާރު ވެސް އަންނަ އަހަރަށް ދައުލަތުގެ ބަޖެޓް ތައްޔާރު ކުރުމަށް ވެސް ދައުވަތު ދީފައިވާ ކަމަށެވެ.
"ކުރިއަށް އޮތް ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދިނުމަށްޓަކައި އަޅުގަނޑުމެން މިހާރު ސަރުކާރުން ވަނީ ދެން އަންނަން އޮތް ސަރުކާރަށް ކުރިއަށް އޮތް އަހަރުގެ ބަޖެޓަށް ޖާގަ ދިނުމަށްޓަކައި ނުވަތަ އެބޭފުޅުންގެ ޕޮލިސީތައް ރިޕްރެޒެންޓް ކުރުމަށްޓަކައި ބަޖެޓެއް ތައްޔާރު ކުރުމަށް ވެސް ދައުވަތު ދީފައި،" އާރިފް ވިދާޅުވި އެވެ.
"އެގޮތުން އަޅުގަނޑުމެން މި ދައްކައިދެނީ އަޅުގަނޑުމެންނަކީ ވަރަށް ޒިންމާދާރުކަމާއެކު އިދިކޮޅުގައި ވެސް މަސައްކަތް ކުރާނެ ބައެއްކަން."
އާ ސަރުކާރުން ކުރާ ގައުމީ ކޮންމެ ކަމެއްގައި ވެސް ޕީޕީއެމުން އަބަދުވެސް އެއްބާރުލުން ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކުރިއަށް އޮތް ސަރުކާރުން ކުރާ ގައުމީ ކޮންމެ ކަމެއްގައި މި ޕާޓީން އެއްބާރުލުން ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވެސް ވަނީ ވިދާޅުވެފައި އަދި އަޅުގަނޑުމެން ވެސް މި ދަނީ ބުނަމުން،" އާރިފް ވިދާޅުވި އެވެ.
މީގެ އިތުރުން އިލެކްޝަންސް ކޮމިޝަނުން އިންތިހާބުގެ ބައެއް ކަންކަން ގެންގޮސްފައި އެންމެ ރަނގަޅަށް ނޫން ކަމަށް ބުނެ އާންމުން އެ ވާހަކަ ދައްކަމުންދާ ކަމަށް އާރިފް ވިދާޅުވި އެވެ. އެގޮތުން ބޮޑު އަގުގައި ވޯޓު ކަރުދާސް ޗާޕު ކުރި މައްސަލައެއް އުޅޭކަން އޭނާ ފާހަގަ ކުރެއްވި އެވެ.
"އިލެކްޝަންސް އިން ކޮންމެވެސް ސިފައެއްގައި އެއަށް ޖަވާބު ދިނުމަކީ ރައްޔިތުން ބޭނުންވާނެ ކަމެއް،" އޭނާ ވިދާޅުވި އެވެ.