01 އޮކްޓޯބަރ 2018 - 13:16

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓަށް ފޯމް ހުށަހެޅުމުގެ މުއްދަތު އިއްޔެ ހަމަވިޔަސް އިއްޔެ ދޫކުރި ހުރިހާ ނަމްބަރަކަށް ހިދުމަތް ނުދިން ކަމަށް ބުނެ ބައެއް މީހުން ހައުސިން މިނިސްޓްރީ ދޮށުގައި މިއަދު އިހުތިޖާޖު ކޮށްފި އެވެ.

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓަށް ހުށަހެޅުމުގެ މުއްދަތު އިއްޔެއަށް ހަމަވާތީ ވަރަށް ގިނަ އަދަދެއްގެ ބަޔަކު ހައުސިން މިނިސްޓްރީގައި ކިޔޫ ޖެއްސި އެވެ. އަދި "ކިޔުބީ" އެޕްލިކޭޝަނާއި ހައުސިން މިނިސްޓްރީގައި ފޯމް ބަލައިގަންނަން ހާއްސަކޮށްފައިވާ ކައުންޓަރުން ދޫކުރި ހުރިހާ ނަމްބަރަކަށް ހިދުމަތް ދޭނެ ކަމަށް އެ މިނިސްޓްރީގެ ބައެއް މުވައްޒަފުން ބުނެފައިވެ އެވެ.

ހައުސިން މިނިސްޓްރީން ރޭ ފަތިހާ ހަމައަށް ފޯމް ބަލައިގަތެވެ. އަދި ހެނދުނު އިއުލާންކުރީ ފޯމް ބަލައިގަތުން ނިމުނީ ކަމަށެވެ. އޭރު ވެސް ބައެއް މީހުން ފޯމު ލާން ގޮސް ތިއްބެވެ.
އޭގެ ތެރެއިން ބައެއް މީހުން ހެނދުނު ހައުސިން މިނިސްޓްރީގެ ރިސެޕްޝަން އޭރިޔާގައި ތިބެ އަޑުގަދަ ކުރަން ފެށުމުން ފުލުހުން ގޮސް އެތަނުން އެ މީހުން ނެރުނެވެ.
އޭގެ ތެރޭގައި ހިމެނޭ އަހުމަދު ރަޝީދު ބުނީ ފޯމް ލާން އޭނާ ނަމްބަރު ނެގީ އިއްޔެ ހެނދުނު 9:47 ގައި ކަމަށެވެ. ފޯމް ބަލައިގަތުން ހުއްޓާލިކަން އެންގީ ނުނިދާ ކިޔޫގައި ހުއްޓާ ފަތިހު 0530 ހާ އިރު ކަމަށް އޭނާ ބުންޏެވެ.
"ފަތިސް ނަމާދަށް ބަންގި ގޮވީމަ ކައުންޓަރު ކުއްޖާ ކައިރި އެހިން ނަމާދަށް ގޮސް އަންނައިރު ނަމްބަރު ޖެހޭނެހޭ. ބުނީ ނުޖެހޭނެއޭ ނަމާދަށް ދާށޭ. ދެން ނަމާދުން އައިސް ކިޔޫގައި ހުއްޓާ ކުއްލިއަކަށް މި އިއުލާން ކުރީ ފޯމް ބަލައިގަތުން ނިމުނީ ކަމަށް،" އާއިލާއާ އެކު މާލޭގައި ދިރިއުޅޭތާ 25 އަކަށް އަހަރު ވެފައިވާ އަހުމަދު ބުންޏެވެ.
އެ ޝަކުވާތަކާ ގުޅިގެން ހައުސިން މިނިސްޓްރީގެ މީޑިއާ އޮފިޝަލް އަހުމަދު ފަޒާލް ވިދާޅުވީ ފޯމް ބަލައިގަތުމުން ފަތިހު ހުއްޓާލީ ދެން އެ ހިދުމަތް ދެވެން ނެތުމުން ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ދެ ފަހަރެއްގެ މަތިން އާންމުންނަށް ފުރުސަތު ދިނެވެ.
އެންމެ ފުރަތަމަ ސަރުކާރުން ހުޅުވާލީ ޖޫން 1 އިން ފެށިގެން އޮގަސްޓްގެ ނިޔަލަށެވެ. އެކަމަކު ފަހުން އިތުރު އެއް މަސް ދުވަސް ދިނެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ ފްލެޓަށް ފޯމު ހުށަހަޅާ ކޮންމެ މީހަކަށް ވެސް ފްލެޓް ދޭން ރައީސް އަބްދުﷲ ޔާމީން ނިންމަވާފައިވާ ކަމަށެވެ.
އޭނާ އެކަން އިއުލާންކުރެއްވި ރެއާ ހަމައަށް 18،000 އަށް ވުރެ ގިނަ މީހުން ފޯމު ލި އެވެ. އޭގެ ފަހުން މިދިއަ 10 ވަރަކަށް ދުވަހު، އެތައް ސަތޭކަ ބަޔަކު ހައުސިން މިނިސްޓްރީއަށް ފޯމް ހުށަހެޅި އެވެ.