01 އޮކްޓޯބަރ 2018 - 12:22

ސާފް ސުޒުކީ ކަޕް ކާމިޔާބުކުރި ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން ނިސްބަތްވާ ރަށްރަށަށް ތަށި ގެންދާ ދަތުރުގައި އެންމެ ފުރަތަމަ ތަށި ގެންދާނީ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލް ގަނީ (އަކޫ)ގެ އުފަން ރަށް ނ. މާފަރަށް ކަމަށް އެފްއޭއެމުން ބުނެފި އެވެ.
ސަރަހައްދުގެ ޗެމްޕިއަންކަން 10 އަހަރު ފަހުން ރާއްޖެ މި ފަހަރު ހޯދީ ބަންގްލަދޭޝްގައި ކުރިއަށްދިޔަ މުބާރާތުގެ ފައިނަލުގައި އިންޑިއާ އަތުން 2-1 އިން ހޯދި މޮޅާ އެކު އެވެ. ރާއްޖޭން 2008 ވަނަ އަހަރު މުބާރާތް ކާމިޔާބުކުރިއިރު، ޓީމުގެ ކެޕްޓަނަކަށް ހުރީ އަކްރަމްގެ ބޭބެ އައްސަދު އަބްދުލް ގަނީ އެވެ.
މި ފަހަރު މުބާރާތުގެ ތަށި ޗެމްޕިއަންކަން ހޯދި ޓީމުގެ ކުޅުންތެރިންގެ ރަށްތަކަށް ގެންދަން އެފްއޭއެމުން ނިންމީ އެ ކުޅުންތެރިން ހޯދި ކާމިޔާބީގެ އަގުވަޒަންކުރުމުގެ ފުރުސަތު އުފަން ރަށުގައި ވެސް ދިނުމުގެ ގޮތުންނެވެ. އަދި މިއީ މުސްތަގުބަލަށް ބަލާއިރު ކުޅުންތެރިންނަށް ދެވޭ ހިތްވަރެއްގެ ގޮތުގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ބަނީ ސިފަކުރައްވައިފަ އެވެ.
ރާއްޖޭން 2008 ވަނަ އަހަރު މި މުބާރާތް ކާމިޔާބުކުރުމުން މުބާރާތުގެ ތަށި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ގެންދިޔަ އެވެ. ހާލަތު ހުރި ގޮތުން މި ފަހަރު ގެންދާނީ ކުޅުންތެރިން ނިސްބަތްވާ ރަށްތަކަށް އެކަންޏެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) "މިހާރަ"ށް ވިދާޅުވީ ރަށްރަށަށް ތަށި ގެންދިއުމުގެ ކަންތައްތައް ހަމަޖެއްސުމުގެ މަޝްވަރާތައް ކުޅުންތެރިން ކުޅެމުން އަންނަ ކްލަބްތަކާ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
"މިހާރު އަޅުގަނޑުމެން ރާވާފައި އޮންނާނީ މި މަހު ހަތަރު ވަނަ ދުވަހު ނ. މާފަރަށް ތަށި ގެންދަން. އެއީ ޓީމުގެ ކެޕްޓަން އަކްރަމްގެ ރަށުން މިކަން ފަށަން ވެގެން. ދެން އެ ފަހުން އެ އަތޮޅުގެ ކުޑަފަރީ އަށް ވެސް ދާނެ،" ޖަވާ ވިދާޅުވި އެވެ.
ރަށްރަށަށް ތަށި ގެންދިއުމުގައި އެންމެ ބޮޑަށް ބަލަންޖެހެނީ ކުޅުންތެރިން ކުޅެމުން އަންނަ ޓީމުތަކުގެ ޝެޑިއުލަށް ބުރޫނާރާ ގޮތަށް އެކަން ކުރުމަށް ކަމަށް ޖަވާ ވިދާޅުވި އެވެ.
"ކުޅުންތެރިން ލިބޭ ދުވަސްތަކަށް ވިސްނާފައި މި ދަތުރުތައް ރާވަނީ. އެއީ ކްލަބްތަކަށް މެޗެއް ނެތް ދުވަހަކު އެކަން ކުރަން ވެގެން. އެހެންވެ ބޮޑަށް މި ބަލަނީ ހަފްތާ ބަންދުގައި ދަތުރުތައް ރާވަން. ފައިނަލް ދުވަސްތަކެއް ކަނޑައެޅޭނީ ކްލަބްތަކާ މަޝްވަރާ ކުރުމަށް ފަހު،" އޭނާ ވިދާޅުވި އެވެ.
މި ފަހަރުގެ ސާފްގެ ތަށި ހޯދި 20 ކުޅުންތެރިންގެ ތެރޭގައި ރާއްޖޭގެ ގިނަ އަތޮޅުތަކަށް ނިސްބަތްވާ ކުޅުންތެރިން ހިމެނެ އެވެ. އޭގެ ތެރެއިން އެއް ރަށަކަށް ނިސްބަތްވާ ކުޅުންތެރިން ވެސް ހިމެނެ އެވެ. އެ ރަށްތަކަށް ބަލާއިރު ހދ. ނޮޅިވަރަމްފަރު، ހދ. ނޭކުރެންދޫ، ނ. މާފަރު، ނ. ކުޑަފަރި، އދ. މަހިބަދޫ، އދ. ފެންފުށި، ބ. އޭދަފުށި، ދ. ރިނބުދޫ، ތ، ތިމަރަފުށި، ތ. ކިނބިދޫ، ލ. ކުނަހަންދޫ، ލ. މާބައިދޫ، ކ. ގުރައިދޫ، ސ. ފޭދޫ އަދި ސ. ހިތަދޫ ހިމެނެ އެވެ.
- އޮކްޓޫބަރު 4: ނ. މާފަރު (ކެޕްޓަން އަކުރަމްގެ އުފަން ރަށް)
- އޮކްޓޫބަރު 5: ނ. ކުޑަފަރި (ޑިފެންޑަރު ސަމްދޫހު މުހައްމަދުގެ އުފަން ރަށް)
- އޮކްޓޫބަރު 7: ލ. ކުނަހަންދޫ (ޑިފެންޑަރު ހުސެއިން ޝިފާއު ޔޫސުފްގެ އުފަން ރަށް)
- އޮކްޓޫބަރު 8: ލ. މާބައިދޫ (މިޑްފީލްޑަރު ހުސެއިން ނިހާން (ނިހާޓް)ގެ އުފަން ރަށް)
- އޮކްޓޫބަރު 13: ތ. ތިމަރަފުށި (ޑިފެންޑަރު މުޖުތާޒް މުހައްމަދު (މުޖޭ) އާއި މިޑްފީލްޑަރު މުހައްމަދު އިރުފާން (އިރޭ)ގެ އުފަން ރަށް)
- އޮކްޓޫބަރު 14: ތ. ކިނބިދޫ (ގޯލްކީިޕަރު ހުސެއިން ޝަރީފްގެ އުފަން ރަށް)
އެފްއޭއެމުން ބުނީ ދެން ހުރި ރަށްތަކަށް ތަށި ގެންދާ ތާރީހުތައް ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށެވެ.