01 އޮކްޓޯބަރ 2018 - 12:01

ބާސެލޯނާ (އޮކްޓޯބަރު 1) – ބާސެލޯނާ އިން ވަރަށް ގިނަ ދިމަދިމާލުން ކަންކަން ރަނގަޅުކުރަން ޖެހޭ ކަމަށް އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ބުނެފި އެވެ.
ބާސެލޯނާ އަށް އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް މޮޅެއް ނުލިބެ އެވެ. ހޮނިހިރު ދުވަހު އެތުލެޓިކް ބިލްބާއޯ އަތުން 1-0 އިން ބަލިވާން ދަނިކޮށް ސަލާމަތްވީ މެސީ އަރައި އުފެއްދި ފުރުސަތެއްގައި މުނީރް އަލް ހައްދާދީ ޖެހި ގޯލުންނެވެ.
"ފަހަކަށް އައިސް ނެރުނު ނަތީޖާތަކާ މެދު ހިތްހަމަނުޖެހޭ. އެކަމަކު އަހަރެމެން އެބަޖެހޭ ހަމަޖެހެން. ސަބަބަކީ މިއީ ދިގު ސީޒަނަކަށް ވާތީ،" މެސީ ބުންޏެވެ. "އެ މެޗުގައި ވެސް އަހަރެމެން މަސައްކަތްކުރަމުން ދިޔައިން. އަދި ފުރުސަތުތަކެއް ވެސް ލިބުނު. މޮޅުވެވޭނެ މެޗެއް އެއީ."
އެކަމަކު މެސީ ބުނީ ޖުމްލަކޮށް ރަނގަޅު ކާމިޔާބެއް ހޯދާ ނަމަ ރަނގަޅުކުރަން ޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ޑިފެންސް ރަނގަޅުކުރަން ޖެހޭކަން އޭނާ ފާހަގަކުރި އެވެ.
"ކޮންމެ މެޗެއްގައި އެވަރަށް ގޯލް ބައިކޮޅަށް ވައްދާލަ ވައްދާލާ ތިބެވޭކަށް ނެތް. މިދިޔަ ސީޒަނުގައި އަހަރެމެން ކޮޅަށް ލަނޑެއް ޖެހުމަކީ އުނދަގޫ ކަމެއް. އެގޮތަށް ވިސްނާއިރު މި ފަހަރު އެހާ ފަސޭހައިން ގޯލް ވަނުމަކީ ރަނގަޅުކުރަން ޖެހޭ ކަމެއް،" މެސީ ބުންޏެވެ.