10 އޯގަސްޓް 2016 - 06:24

ޖަރުމަނަށް ދިޔަ ޗައިނާ ޓޫރިސްޓެއްގެ ވޮލެޓް ގެއްލުމުން ޕޮލިހަށް ރިޕޯޓްކުރުމުގެ ތެރޭގައި ނުބައި ލިޔުންތަކެއްގައި ސޮއިކުރެވި ރެފިއުޖީއެއްގެ ގޮތުގައި ދުވަސްތަކެއް ވަންދން އުޅެން ޖެހިއްޖެ އެވެ.
ޗައިނާ މީހާ އަށް މި ލަނޑު ލިބުނީ ޖަރުމަނުގެ ސްޓުޓްގާޑަށް ގޮސް އުޅެނިކޮށް ވޮލެޓް ގެއްލުމުން އެކަން ރިޕޯޓްކުރަން އުޅުމުގެ ތެރޭގަ އެވެ. ޕޮލިހަށް ދިއުމުގެ ބަދަލުގައި އެ މީހާ އަށް ދެވުނީ އިދާރީ އެހެން މަސައްކަތްތަކެއް ކުރާ އޮފީހަކަށެވެ. އެތަނުން އޭނާ އަށް ދިނީ ޖަރުމަނުން ހިމާޔަތް ހޯދަން އެދޭ މީހުން ފުރާ ފޯމެކެވެ. އެ ފޯމު ފުރައި ހުށަހެޅުމާ އެކު ޖަރުމަނުގެ ޑޯޓްމަންޑްގައި ހުންނަ ރެފިއުޖީންނަށް ހާއްސަ ގެޔަކަށް ގެންދިޔައީ އެވެ.
"މިހެން ދިމާވީ އެ އިދާރާ އިން ބުނި ހުރިހާ ކަމެއް ކޮށް އެ ކަންކަމަށް އެއްބަސްވެގެން އެ މީހާ ހުރުމުން،" ޖަރުމަނުގެ ރެޑް ކްރޮސްގެ އޮފިޝަލަކު ޑީޕީއޭ ނިއުސް އެޖެންސީ އަށް ވިދާޅުވެފައިވެ އެވެ.
އުމުރުން 31 އަހަރުގެ ޗައިނާ މީހާ ރެފިއުޖީންގެ ގެޔަށް އައުމުން ރެޑް ކްރޮސްގެ އޮފިޝަލުންނަށް ޝައްކުވި ކަމަށް އޮފިޝަލް ވިދާޅުވެފައިވެ އެވެ. އޭނާ އަށް ޗައިނާ ބަހުން ނޫނީ ވާހަކަ ދައްކާކަށް ނޭނގެ އެވެ. އެހެންވެ އެޕްލިކޭޝަނެއް ބޭނުންކޮށްގެން އެ މީހާގެ ވާހަކަތައް ތަރުޖަމާކޮށް އަދި ޗައިނާ ރެސްޓޯރަންޓެއްގައި އުޅޭ ވެއިޓަރެއްގެ ވެސް އެހީ ހޯދައިގެން ބެލި އިރު އެ މީހާ އަކީ ހިމާޔަތަށް އެދިގެން ދިޔަ މީހެއް ނޫންކަން އެނގުނެވެ.
އެ މީހާގެ ވާހަކަތައް ފުރިހަމައަށް ދެނެގަންނަން 12 ދުވަސް ހޭދަވި ކަމަށްވެ އެވެ. ފަހުން އެނގުނު ގޮތުގައި އެ މީހާ ބޭނުންވެގެން އުޅުނީ ފްރާންސާއި އިޓަލީ އަށް ދަތުރެއް ކުރާށެވެ.