ރާޖް ކަޕޫރްގެ އަންހެނުން ކްރިޝްނާ މަރުވެއްޖެ
ރާޖް ކަޕޫރްގެ އަންހެނުން ކްރިޝްނާ މަރުވެއްޖެ

ހިންދީ ސިނަމާގެ އެންމެ އިސް އާއިލާގެ ގޮތުގައި ސިފަކުރާ ކަޕޫރް ހާންދާންގެ ދުވަސްވީ އެއް ޝަހުސިއްޔަތު ކަމަށްވާ ކުރީގެ މަޝްހޫރު އެކްޓަރު/ޑައިރެކްޓަރު ރާޖް ކަޕޫރްގެ އަންހެނުން ކްރިޝްނާ މަރުވެއްޖެ އެވެ.

ކްރިޝްނާއަކީ ރަންބީރުގެ ބައްޕަ ރިޝީ ކަޕޫރާއި ކަރިޝްމާ އާއި ކަރީނާ ބައްޕަ ރަންދީރް ކަޕޫރްގެ ބައްޕަގެ އިތުރުން ކުރީގެ އެކްޓަރު ރަޖީވް ކަޕޫރާއި ރީމާ ޖެއިން އާއި ރީޓޫ ނާނާގެ މަންމަ އެވެ.

ރަންދީރް މިއަދު މީޑިއާތަކަށް ބުނީ ކްރިޝްނާ މަރުވީ އިއްޔެ ރޭ ފަތިހުގެ ވަގުތެއްގައި ހާޓްއެޓޭކެއް ޖެހިގެން ކަމަށާއި ފާއިތުވި ދުވަސްތަކުގައި މަންމަ އުޅުނީ ވަރަށް ބަލިވެ ކަމަށެވެ. އަދި ކްރިޝްނާގެ ކުއްލި ވަކިވުމަކީ އާއިލާ އަށް ލިބުނު ވަރަށް ފުން ހިތާމައެއް ކަމަށް ބުންޏެވެ.

ކްރިޝްނާ މަރުވި އިރު، ހަގު ފިރިހެން ދަރިފުޅު ރިޝީ ހުރީ ބޭސް ފަރުވާއަކަށް އެމެރިކާ އަށް ގޮހެވެ. ނަމަވެސް ހޮނިހިރު ދުވަހު ފެށި ދަތުރު ކުރުކޮށްލާފައި އޭނާ ވަނީ މުމްބާއީ އަށް ގޮސްފަ އެވެ.

ކްރިޝްނާގެ މަރުވި ހަބަރާ އެކު ބޮލީވުޑްގެ އެތައް ފަންނާނުންނެއް ވަނީ ވަނީ އާއިލާ އަށް ތައުޒިޔާ ކިޔައިފަ އެވެ.

ކްރިޝްނީ މަރުވި އިރު، ހިންދީ ސިނަމާ އަށް ޖަވާހިރެއް ފަދަ އެތައް ފިލްމެއް ދޫކޮށްލި އޭނާގެ ފިރިމީހާ ރާޖްގެ ފިލްމީ ކެރިއަރާއި އޭނާ ހިންދީ ސިނަމާ އަށް ކޮށް ދީފައިވާ ހިދުމަތުގެ ރަމްޒެއްގެ ގޮތުގައި ހުރި 71 އަހަރުވީ އާރްކޭ ސްޓޫޑިއޯ ވިއްކައިލަން ވެސް ކަޕޫރް ހާންދާނުން ދާދި ފަހުން ވަނީ ނިންމައިފަ އެވެ.

ރާޖް މަރުވީ އުމުރުން 63 އަހަރުގައި 1988 ގަ އެވެ.