އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑް ގައްދުއަށް
އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑް ގައްދުއަށް

އުރީދޫގެ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ގދ. ގައްދޫ އަށް ތައާރަފްކޮށްފި އެވެ.

އެ ކުންފުނިން ބުނީ ގައްދުއަށް ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ދިނުމުގެ އުފަލުގައި އުރީދޫން ތައާރަފްކޮށްފައިވާ ހާއްސަ އޮފައެއް މެދުވެރިކޮށް، އަންނަ މަހުގެ 25ގެ ކުރިން އުރީދޫގެ ސުޕަނެޓްގެ ޚިދުމަތް ހޯދާ ފަރާތްތަކަށް، އެއް އަހަރުގެ ނިޔަލަށް ވަރަށް ހާއްސަ ބޯނަސް ޑޭޓާ ލިބޭނެ ކަމަށެވެ. އަދި ގައްދޫގެ ރައްޔިތުންނަށް ހަލުވި ސްޕީޑުގެ އިންޓަނެޓް ހޯދުމުގައި އިތުރު ފަސޭހަކަމެއް ހޯދައިދިނުމުގެ ގޮތުން، ސުޕަނެޓްގެ ޚިދުމަތް ގުޅައިދިނުމަށް އިތުރު ފީއެއް ނުނެގުމަށް ހަމަޖައްސާފައިވާ ކަމަށް ވެސް އުރީދޫން ބުންޏެވެ.

"އިގުތިސާދީ އަދި އިޖްތިމާއީ ކުރިއެރުން ގެނުވައިދޭ އެތަކެއް ބައިނަލްއަގުވާމީ ވަސީލަތްތަކާއި އާންމުން ގުޅުވާދިނުމުގައި، ހަލުވި ސްޕީޑްގެ އިންޓަނެޓްގެ ޚިދުމަތް ވަރަށް މުހިއްމު ކަމަށް އަޅުގަނޑުމެން ގަބޫލުކުރަން. އެހެންކަމުން، ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގައި ދިރިއުޅޭ ރައްޔިތަކަށް ވެސް، ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ޚާއްސަ އިސްކަމެއް ދެން. އަދި، މި މަސައްކަތުގެ ތެރެއިން، ގދ. ގައްދޫ އަށް ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ތައާރަފްކޮށް، ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް އިންޓަނެޓް ފޯރުކޮށްދީގެން ގައްދޫގެ ރައްޔިތުން ގުޅުވާލަދެވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" އުރީދޫގެ ޑިރެކްޓަ އޮފް ސޭލްސް އެންޑް ބްރޭންޑް، ހުސެން ނިޔާޒް ވިދާޅުވި އެވެ.

ކަސްޓަމަރުންގެ އެކި ބޭނުންތަކަށް އެކަށޭނެގޮތަށް ޑިޒައިންކޮށްފައިވާ ތަފާތު ސުޕަނެޓް ބްރޯޑްބޭންޑް ޕެކޭޖްތަކެއް އުރީދޫން ފޯރުކޮށްދެ އެވެ. އަދި އެ ޚިދުމަތާ އެކު، ގައްދޫގެ ރައްޔިތުންނަށް މާކެޓުގެ އެންމެ ހެޔޮ އަގުތަކުގައި އިންޓަނެޓް ބޭނުންކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. ސުޕަނެޓްގެ ޚިދުމަތް ހޯދުމުގައި ކަސްޓަމަރުންނަށް އިތުރަށް ލުއިފަސޭހަކަމެއް ފޯރުކޮށްދިނުމުގެ ގޮތުން، އުރީދޫ އިން ވަނީ އެއް އަހަރުގެ އިންސްޓޯލްމަންޓް ޕްލޭނަކާ އެކު ސުޕަނެޓްގެ ރައުޓަރު ގަތުމުގެ ފުރުސަތު ދީފަ އެވެ.

ގައްދޫ އަށް ސުޕަނެޓްގެ ޚިދުމަތް ފުޅާކުރުމުގައި، އުރީދޫގެ އިންފްރާސްޓްރަކްޗާ ޕާޓްނަރަކީ ޝައިން އިންވެސްޓްމެންޓްސް އެވެ.