މިއަހަރުގެ ބްރައިޑް ފެއާގެ ސޭލްސް އެންޑް މާކެޓިން ޕާޓްނަރަކަށް މާކިޓެކްޓް މޯލްޑިވްސް ހަމަޖައްސައިފި
މިއަހަރުގެ ބްރައިޑް ފެއާގެ ސޭލްސް އެންޑް މާކެޓިން ޕާޓްނަރަކަށް މާކިޓެކްޓް މޯލްޑިވްސް ހަމަޖައްސައިފި

ރާއްޖޭގެ ފެޝަން ދާއިރާގެ މަސައްކަތްތައް އާންމުންނަށް ދައްކާލަން ބާއްވާ އެންމެ ބޮޑު ފެއާ، "ބްރައިޑް މޯލްޑިވްސް"ގެ މިއަހަރުގެ ފެއާގެ ސޭލްސް އެންޑް މާކެޓިން ޕާޓްނަރަކަށް މާކިޓެކްޓް މޯލްޑިވްސް ހަމަޖައްސައިފި އެވެ.

ފެއާގެ ސޭލްސް އެންޑް މާކެޓިން ޕާޓްނަރަކަށް މާކިޓެކްޓް ހަމަޖައްސައި އެއްބްސްވުމުގައި ސޮއިކޮށްފައި ވަނީ މާކިޓެކްޓްގެ މެނޭޖިން ޕާޓްނަރު އަލީ ޝިނާން އާއި ބްރައިޑް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝާފީ އެވެ.

މި އެއްބަސްވުމުގެ ދަށުން މިއަހަރުގެ ފެއާގެ ސޭލްސް އެންޑް މާކެޓިންގެ ހުރިހާ ކަމެއް ކުރިއަށް ގެންދާނީ މާކިޓެކްޓުންނެވެ. އޭގެ ތެރޭގައި ފެއާގެ ސްޓޯލްތައް ވިއްކުމާއި ސްޕޮންސަރުން ކަނޑައެޅުން ފަދަ މަސައްކަތްތައް ހިމެނެ އެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޝާފީ ވިދާޅުވީ ބްރައިޑް މޯލްޑިވްސުން މާކިޓެކްޓާ މި ބޮޑު މަސައްކަތް ހަވާލު ކުރީ އެ ކުންފުނީގެ މަސައްކަތްތައް ވަރަށް ގާތުން ބަލައި، މިފަދަ މަސައްކަތެއް ކުރެވޭނެ ވަރުގެ ޓީމެއް އޮންނަ ކުންފުންޏެއް ކަމަށް ވާތީ ކަމަށެވެ.

"އަޅުގަނޑުގެ ޓީމުން މިއޮތީ މި ޕްރޮޖެކްޓަށް ވަރަށް ބޮޑަށް ތައްޔާރުވެފައި. އެގޮތުން ޕްލޭން ކޮށް، ޓައިމް ފްރޭމް ކަނޑައަޅަގެން މަސައްކަތްތައް ކުރިއަށް މިގެންދަނީ،" ޝިނާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު ވެސް ވަރަށް ގިނަ ފަރާތްތަކުން ޝައުގުވެރިންކަން ފާޅުކުރަމުން ދާ ކަމަށާއި ވަރަށް އަވަހަށް ސްޓޯލްތައް ވިއްކުމަށާއި ސްޕޮންސަރުން ހޯދުމަށާއި މީޑިއާ ޕާޓްނަރުން ހަމަޖެއްސުމަށް އިއުލާން ކުރާނެ ކަމަށެވެ.

ބްރައިޑް ފެއާ ފުރަތަމަ ބާއްވާފައި ވަނީ 2010 ވަނަ އަހަރު އެވެ. މިއީ ފެޝަންގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އެ ފަރާތްތަކުގެ އުފެއްދުންތައް ދައްކާލައި، އާ އުފެއްދުންތައް ތައާރަފު ކުރުމަށް ލިބޭ ޕްލެޓްފޯމެކެވެ. ކޮންމެ އަހަރަކު ވެސް ބްރައިޑް ފެއާއަށް އާންމުންގެ ވެސް ވަރަށް ބޮޑު ތަރުހީބެއް ލިބެ އެވެ.