ބިންހެލުމުގައި މަތިންދާ ބޯޓެއް ފުރުވާލަން އެހީވި އެއާ ޓްރެފިކް ކޮންޓްރޯލަރު މަރުވެއްޖެ
ބިންހެލުމުގައި މަތިންދާ ބޯޓެއް ފުރުވާލަން އެހީވި އެއާ ޓްރެފިކް ކޮންޓްރޯލަރު މަރުވެއްޖެ

ޖަކާޓާ (އޮކްޓޯބަރު 1) - ބިންހެލުމުގައި އެއާޕޯޓުގެ ކޮންޓްރޯލް ޓަވަރު ތެޅެން ފެށި ނަމަވެސް މަސްއޫލިއްޔަތު އަދާކުރުން މަތީ ދެމި ހުރުމަށް ފަހު އެންމެ ފަހުން ޓަވަރުން ފުންމާލުމުން މަރުވި އިންޑޮނީޝިއާގެ އެއާ ޓްރެފިކް ކޮންޓްރޯލަރަށް އެތައް ބަޔަކު ތައުރީފް ކުރަން ފަށައިފި އެވެ.

ބިންހެލުމުގައި މަތިންދާ ބޯޓެއް ފުރުވާލަން އެހީވި އެއާ ޓްރެފިކް ކޮންޓްރޯލަރު މަރުވެއްޖެ
ބިންހެލުމުގައި މަތިންދާ ބޯޓެއް ފުރުވާލަން އެހީވި އެއާ ޓްރެފިކް ކޮންޓްރޯލަރު މަރުވެއްޖެ

ސުލަވެސީ އައިލެންޑުގެ ޕާލޫ އަށް ހުކުރު ދުވަހު ބިންހެލުން އައި އިރު އުމުރުން 21 އަހަރުގެ އަންތޯނިއަސް ގުނަވާން އަގުންގް ހުރީ ޕާލޫގެ މަޓިއަރާ އެސްއައިއެސް އޭއައި-ޖުފްރީ އެއާޕޯޓުގެ ކޮންޓްރޯލް ޓަވަރުގަ އެވެ. އޮފިޝަލުން ބުނީ ބިންހެލުން އައުމާ އެކު ޓަވަރުގައި ތިބި ބައެއް މީހުން ދިޔަ ނަމަވެސް އަގުންގް ހުރީ ފުރަން ތައްޔާރަށް އޮތް ބަޓިކް އެއާގެ ބޯޓަށް ކްލިއަރެންސް ދިނުމަށެވެ.

"ބިންހެލުން އައި އިރު އަގުންގް ހުރީ ބަޓިކް އެއާގެ ބޯޓަށް ކްލިއަރެންސް ދޭން. ބޯޓް ނައްޓާލުމުން ނޫނީ ޓަވަރު ދޫކޮށް ދާން އޭނާ ދެކޮޅު ހެދި،" އެއާނޭވް އިންޑޮނީޝިއާގެ ތަރުޖަމާން ޔޮހަނެސް ހެރީ ވިދާޅުވި އެވެ.

ފްލައިޓް 6231 ނައްޓާލުމާ އެކު ބިންހެލުން އިތުރަށް ވަރުގަދަވި އެވެ. އޭގެ ފަހުން 7.5 ގެ ބާރުމިނުގެ ބިންހެލުމަކާ އެކު ސުނާމީއެއް ވެސް އެރި އެވެ. ބިންހެލުމާއި ސުނާމީގައި ވަނީ 832 މީހުން މަރުވެފަ އެވެ.

ބިންހެލުން ގަދަވުމާ އެކު އަގުންގް ވަނީ ސަލާމަތްވުމަށް ހަތަރު ބުރީގެ ޓަވަރުން ފުންމާލައިފަ އެވެ. އޭނާގެ ފައި ބިނދުމުގެ އިތުރުން އެތެރެ ހައްޓަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. ވަގުތުން އޭނާ ވަނީ ކައިރީގައިވާ އާދައިގެ ހޮސްޕިޓަލަކަށް ގެންގޮސް ފަރުވާ ދޭން ފަށައިފަ އެވެ. ނަމަވެސް އެއަށް ވުރެ ރަނގަޅު ހޮސްޕިޓަލަކަށް ގެންދަން ހެލިކޮޕްޓަރު ދިއުމުގެ ކުރިން އަގުންގް ވަނީ މަރުވެފަ އެވެ.

ކުންފުނިން ވަނީ އަގުންގް ކުރި ހިތްވަރުގެ އަގު ވަޒަން ކުރަން އޭނާގެ މަގާމު ދެ ދަރަޖަ މައްޗަށް ޖައްސައިފަ އެވެ.