ދަތިކުރުމުގެ ފިޔަވަޅު އަޅާފައި އޮތްހާ ހިނދު ހަތިޔާރު ނައްތާނުލާނެ: ނޯތު ކޮރެއާ
ދަތިކުރުމުގެ ފިޔަވަޅު އަޅާފައި އޮތްހާ ހިނދު ހަތިޔާރު ނައްތާނުލާނެ: ނޯތު ކޮރެއާ

ނިއު ޔޯކް (ސެޕްޓެމްބަރު 30) - ދަތިކުރުމުގެ ފިޔަވަޅު އަޅާފައި އޮތްހާ ދުވަހަކު ނިއުކްލިއާ ހަތިޔާރު ނައްތާނުލާނެ ކަމަށް ނޯތު ކޮރެއާގެ ޚާރިޖީ ވަޒީރު ރި ޔޮންގް ވިދާޅުވެއްޖެ އެވެ.

އދ.ގެ ޖެނެރަލް އެސެމްބްލީގައި ވާހަކަ ދައްކަވަމުން ރި ޔޮންގް ވަނީ އެމެރިކާ އާއި އދ. އިން ނޯތު ކޮރެއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް ގޮވާލައިފަ އެވެ. އެކަމަކު ރައީސް ޑޮނަލްޑް ޓްރަމްޕް ސަރުކާރުން ބުނެފައި ވަނީ ދަތިކުރުމުގެ ފިޔަވަޅު އުވާލާނީ ނޯތު ކޮރެއާ އިން ނިއުކްލިއާ ހަތިޔާރު ނައްތާލުމުން ކަމަށެވެ.

ޓްރަމްޕާ އެކު ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން ޖޫން މަހު ސިންގަޕޫރުގައި ބޭއްވި ސަމިޓުގައި ވަނީ ނޯތު ކޮރެއާގެ ނިއުކްލިއާ ހަތިޔާރު ނައްތާލަން އެއްބަސްވެވަޑައިގެންފަ އެވެ.

ރި ވިދާޅުވީ އެމެރިކާގެ ސިޔާސަތަކީ ނޯތު ކޮރެއާ އިން ނިއުކްލިއާ ހަތިޔާރު ފުރަތަމަ ނައްތާލުން ކަމަށެވެ.

"ނިއުކްލިއާ ހަތިޔާރު ނައްތާލުމުގެ މައްސަލަ ދާދި ފަހުން މަޑުޖެހިފައި ވަނީ އެމެރިކާ އަށް އިތުބާރު ނުކުރެވޭތީ،" ރި ވިދާޅުވި އެވެ. "އެމެރިކާ އަށް އިތުބާރު ނުކުރެވެންޏާ ނޯތު ކޮރެއާގެ ގައުމީ ސަލާމަތަށް ޔަގީންކަމެއް ނޯންނާނެ. އަދި އެ ހާލަތުގައި ނޯތު ކޮރެއާގެ ނިއުކްލިއާ ހަތިޔާރު ނައްތާލާނެ ގޮތެއް ވެސް ނޯންނާނެ."

އޭނާ ވިދާޅުވީ ދަތިކުރުމުގެ ފިޔަވަޅު އަޅައިގެން ނޯތު ކޮރެއާ ކުޑަކަކޫ މައްޗަށް ތިރިކުރެވިދާނެ ކަމަށް ހީކުރުމަކީ މޮޔަ ކަމެއް ކަމަށާއި އެ ގޮތަށް ހީކުރަނީ ނޯތު ކޮރެއާއާ ބެހޭ ގޮތުން އެކައްޗެއް ވެސް ނޭނގޭ މީހުން ކަމަށެވެ.