ފްލެޓަށް ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލާނަން: މާރިޔާ
ފްލެޓަށް ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލާނަން: މާރިޔާ

މި ސަރުކާރުން ކުރިއަށް ގެންދާ ހިޔާ މަޝްރޫއުގެ ދަށުން ފްލެޓަށް ހުށަހެޅުމުގެ ފުރުސަތު މިއަދު ހަމަވި ނަމަވެސް އާ ސަރުކާރުގެ ސޯޝަލް ހައުސިން ސްކީމުގެ ދަށުން ފްލެޓާއި ގޯއްޗަށް ކުރިމަތިލާން އަލުން ހުޅުވާލާނެ ކަމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

ފްލެޓަށް ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލާނަން: މާރިޔާ
ފްލެޓަށް ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލާނަން: މާރިޔާ

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓަށް ހުށަހަޅަން ވަރަށް ގިނަ އަދަދެއްގެ ބަޔަކު މިއަދު ވަނީ ހައުސިން މިނިސްޓްރީގައި ކިޔޫ ޖެހިފަ އެވެ. މިނިސްޓްރީން ބުނެފައި ވަނީ މިއަދު ފޯމު ނުލެވުނު ނަމަވެސް ކިޔޫ ނަންބަރެއް ލިބިއްޖެ ނަމަ ފަހުން ވެސް ފޯމު ހުށަހެޅިދާނެ ކަމަށެވެ.

ފްލެޓުތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ ފްލެޓް ދޫކުރުމުގައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އުސޫލާއި ހަމައިން ބޭރުން ކަންކަން ކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެ ކަންކަން މުރާޖާ ކުރުމާ އެކު ފްލެޓާއި ގޯއްޗަށް ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަރަށް ގިނަ ބޭފުޅުން އަޅުގަނޑުމެންނަށް ގުޅާފައި އަހާ ފްލެޓް ފޯމުތައް ފުރާފައި ހައުސިން މިނިސްޓްރީއަށް ގެންދަންވީތޯ ނޫންތޯ. އަޅުގަނޑުމެން ދަންނަވާނީ އަޅުގަނޑުމެންގެ ސަރުކާރުގައި އަނެއްކާވެސް ފްލެޓް ފޯމު ފުރުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް،" މާރިޔާ ވިދާޅުވި އެވެ.

"އަދި އުސޫލާއި ހަމައިގެ ބޭރުން އެއްވެސް ކަމެއް ފެނިއްޖެ ކަމަށްވާ ނަމަ ދެން އެކަމެއް އެގޮތަށް ކުރިއަށް ދިނުމަށް ތަނެއް ނުދެވޭނެ."

މާރިޔާ ވިދާޅުވީ އާ ސަރުކާރުގައި ފްލެޓާއި ގޯތި ދޫކުރާނީ އެކަމަށް އެންމެ ބޭނުންވާ މީހުން ބަލައިގެން ކަމަށެވެ.

"ބޯހިޔާވަހިކަން ބޭނުންތެރި މީހުންނަށް އެންމެ ފުރަތަމައިނުން ބަލައިގެން ސޯޝަލް ހައުސިންގެ ކަންކަން އޭގެ ޒާތުގައި ކުރިއަށްދާނީ. އެއީ އަޅުގަނޑުމެން ގެންގުޅޭނެ އުސޫލާއި ހަމައަކީ،" މާރިޔާ ވިދާޅުވި އެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގައި މުޅިން ވެސް ދޫކޮށްފައި ވަނީ ރައީސް މުހައްމަދު ނަޝީދުގެ ދައުރުގައި ހަދާފައިވާ ފްލެޓްތައް ކަމަށެވެ.

"އެބޭފުޅުން އަޅުއްވާފައިވާ ފްލެޓެއް ނެތް. އެބޭފުޅުން ސިއްރު ލިސްޓަށް ވެސް ބެއްސެވީ ހަމަ އެމްޑީޕީ ސަރުކާރުން އަޅާފައިވާ ފްލެޓްތައް. އެހެންވީމަ ފްލެޓެއް ނެތި ހުސްއެކަނި ލޮނުގަނޑެއް އެ ބައްސަވަނީ،" މާރިޔާ ވިދާޅުވި އެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ ފްލެޓަށް ފޯމު ހުށަހަޅާ ކޮންމެ މީހަކަށް ވެސް ފްލެޓް ދޭން ރައީސް ޔާމީން ނިންމަވާފައިވާ ކަމަށެވެ.

ލައްކައެއްހާ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ ދަށުން ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލީ މިދިޔަ ޖޫން މަހެވެ. ރިޔާސީ އިންތިހާބުގެ ކެމްޕޭން ތެރޭގައި ހައުސިން މިނިސްޓްރީން ބުނީ އޭރު 18،000 އަށް ވުރެ ގިނަ މީހުން ފޯމު ހުށަހަޅާފައިވާ ކަމަށެވެ.

ހުޅުމާލޭގައި މިހާރު ވެސް ޗައިނާގެ ލޯނެއްގެ ދަށުން 7،000 ފްލެޓް އިމާރާތްކުރަމުން އެބަ ގެންދެ އެވެ. އެ ފްލެޓްތައް މުޅިން ނިމޭނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ކަމަށް ހައުސިން މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ.