01 އޮކްޓޯބަރ 2018 - 07:02

ސެކިޔުރިޓީ ކެމެރާ ބަހައްޓަނީ ވައްކަންކޮށްފާނެތީ، އެ މީހަކު ދެނެގަތުމަށެވެ. އަނިޔާވެރި އަމަލެއްކޮށްފާނެ ތަނެއްގައި، އެ ބަޔަކު ދެނެގަތުމަށެވެ. ނަމަވެސް، ސެކިޔުރިޓީ ކެމެރާ މޮނީޓާކުރަން މީހަކު ނެތް ނަމަ، އެ ކަމެއް ހިނގަމުންދާއިރު، އެއީ ހިނގާ ކަމެއްކަން ވެސް، ވަގުތުން ވަގުތަކަށް ނޭނގެ އެވެ.
ތަހުޒީބީ ޒަމާން ދަންނަ ސެކިޔުރިޓީ ކެމެރާތަކަށް "އާޓިފިޝަލް އިންޓެލިޖެންސް" އަތުވެއްޖެ އެވެ. ދެން ވާ ގޮތަކީ މި އެވެ. އެ ބާރު ހުންނަ ކެމެރާތަކަށް، ކަނޑި އަދި ބަޑި ވެސް ދެނެގަންނަން އެނގެ އެވެ. ބަޑި ފަދަ އާލާތެއް ހިފައިގެން މީހަކު ފިހާރައަކަށް ނުވަތަ ބޭންކަކަށް ވަދެއްޖެ ނަމަ، އެ ތަނުގައި ތިބި ބަޔަކަށް އެނގުމެއް ވެސް ނުވެ، އެކަން ފުލުހަށް އަންގަ އެވެ. އަދި ނެޓްވޯކްގެ ޒަރިއްޔާއިން ގުޅިފައި ހުރި ނަމަ ހުރި ބަޔަކަށް ވެސް އަންގަ އެވެ.
މިއީ ސެކިޔުރިޓީ ކެމެރާތަކަށް އައުން ލަސްވެއްޖެ ތަރައްގީއެކެވެ. މިހެން ބުނި ނަމަވެސް، މިލިޓަރީ ސަރަހައްދުތަކަށް ޚާއްސަ ކެމެރާ އަދި ސެންސަރުތަކަށް، ބޮން، ބަޑިބޭސް އަދި ކެމިކަލް ފަދަ ބާވަތްތައް ވަކިކުރަން އެނގެ އެވެ. ނަމަވެސް އާންމު ތަންތަނަށް އަދި ފަރުދީ ބޭނުންހިފޭ ފަށަށް އަދި ހަމަ އެ އައީ އެވެ.
ނުރައްކާތެރި ހަތިޔާރު އަދި ފަނާކުރަނިވި އާލާތްތައް ގެންގުޅޭ ސަރަހައްދުތައް ބަލައި ފާސްކުރުމަށް މިއީ ދުނިޔެ އަށް ނުހަނު ބޭނުންޖެހިފައިވާ ޓެކްނޮލޮޖީއެކެވެ. އެމެރިކާ ފަދަ، ބަޑި ގެންގުޅުން އާންމު ތަންތަނުގައި، ސްކޫލުތަކަށް ވަދެ ބަޑިޖަހަމުން ދާއިރު، އެތަައް ބަޔަކު މަރުވާ ފަހުން ނޫން ގޮތަކަށް އަދި ހާލަތު ބަދަލުވެފައެއް ނުވެ އެވެ. ނަމަވެސް، އާޓިފިޝަލް އިންޓެލިޖެންސް ކެމެރާތައް، މާހައުލު ރައްކާތެރިކޮށްދޭ ވަސީލަތަކަށް ވާނެ އެވެ.