01 އޮކްޓޯބަރ 2018 - 07:04

އެކްޓަރު ނާނާ ޕަޓޭކަރްގެ ފަރާތުން ޖިންސީ ފުރައްސާރަ ލިބުނު ކަމަށް ބުނެ ކުރީގެ ބަތަލާ ތަނުޝްރީ ދައްތާ ދެއްކި ވާހަކަތަކާ ގުޅިގެން ބޮލީވުޑްގެ ބައެއް ފަންނާނުން އޭނާގެ ދިފާއުގައި ވާހަކަ ދައްކައިފައި ވަނިކޮށް، ބަތަލާ އަދި އައިޓަމް ގާލް ރާކީ ސާވަންތު ތަނުޝްރީއާ ދެކޮޅަށް ވާހަކަ ދައްކައިފި އެވެ.
ރާކީއަކީ 2009 ގެ "ހޯން އޯކޭ ޕްލީޒް" އިން ތަނުޝްރީ އަށް ލިބުނު އައިޓަމް ލަވަ ނުކުޅެ، ދޫކޮށްލުމުން އެ ލަވަ ކުޅުނު ބަތަލާ އެވެ. ތަނުޝްރީ ބުނި ގޮތުގައި ނާނާ ޕަޓޭކަރް އޭނާގެ ގަޔަށް އަތްލައި، ގައިގޯޅި ސްޓެޕްތަކެއް ޖައްސަން މަސައްކަތް ކުރީ އެ ލަވައިގެ ޝޫޓިން ތެރޭގަ އެވެ.
އެ ހާދިސާ ހިނގިތާ 10 ވަރަކަށް އަހަރު ފަހުން މިދިޔަ ހަފުތާގެ ތެރޭގައި ތަނުޝްރީ އިންޑިއާގެ މީޑިއާ އަށް އެ ވާހަކަ ކިޔައިދީ، ނާނާ ޕަޓޭކަރަށް ބަހުގެ ހަމަލާތައް ފޮނުވާފައިވެ އެވެ.
މިކަމާ ގުޅިގެން ނާނާ ޕަޓޭކަރް ވަނީ އޭނާގެ މައްޗަށް ތަނުޝްރީ ކުރި ތުހުމަތު ދޮގުކޮށް، މައާފަށް ވެސް އެދެން ޖެހޭނެ ކަމަށް ބުނެފަ އެވެ. އަދި އޭނާގެ އަބުރު ގެއްލޭ ފަދަ ދޮގު ވާހަކަތަކެއް ދައްކައިފައިވާތީ ތަނުޝްރީގެ މައްޗަށް ދައުވާކުރާނެ ކަމުގެ އިންޒާރު ވެސް ދީފަ އެވެ.
މި މައްސަލަގަނޑު ވަރަށް ބޮޑަށް ހޫނުވެފައި ވަނިކޮށް ރާކީ ނޫސްވެރިންނާ ބައްދަލުކޮށް، ތަނުޝްރީއާ ބެހޭ ގޮޮތުން ވަނީ ހައިރާން ކުރުވަނިވި ވާހަކަތަކެއް ދައްކައިފަ އެވެ. އޭނާ ބުނި ގޮތުގައި "ހޯން އޯކޭ ޕްލީޒް" ގެ އައިޓަމް ލަވަ ތަނުޝްރީ އަށް ނުކުޅެވުނީ ލަވައިގެ ޝޫޓިން އަށް ދިޔަ އިރު، އޭނާ މަސްތުގެ ހާލަތުގައި ހުރެ، ހޭނެތުމުން ކަމަށެވެ.
ރާކީ ބުނި ގޮތުގައި ލަވައިގެ ކޮރިއޯ ހެދި ގަނޭޝް އަޗަރިއާ އާއި ނާނާ ޕަޓޭކަރް ފިލްމުގެ ސެޓަށް އައުމަށް އެދި ގުޅި އިރު އޭނާ ހުރީ ގޭގަ އެވެ.
"އޭރު ވެސް އަހަންނަކަށް ވާނުވާއެއް ނޭނގޭ. ދެން ސެޓަށް ދިޔަ އިރު ތަނުޝްރީގެ ވެނިޓީ ވޭންގެ ވަށާލައިގެން ވަރަށް ގިނަ ބަޔަކު ތިބި. އެ މީހުން ބުނަމުން ދިޔައީ އޭނާ ބޭރަށް ނުނިކުމެ، އެތެރޭގައި އޮންނަތާ ހަތަރު ފަސްގަޑިއިރު ވެދާނެ ކަމަށް،" ރާކީ ބުންޏެވެ. "ވޭނުގެ ތެރޭގައި ތަނުޝްރީގެ ކޮސްޓިއުމް ޑިޒައިނަރާއި ހެއާ އާއި މޭކަޕް އާޓިސްޓް ވެސް ހުރި. ދެން އަހަރެން އެއިން މީހަކަށް ގުޅައިގެން ޚަބަރު ބެލި އިރު، އެ މީހުން ބުނަނީ ތަނުޝްރީ ހޭނެތިފައި އޮންނަތާ ވަރަށް ގިނައިރުވެއްޖެ ކަމަށް."
ރާކީ ވަނީ ތަނުޝްރީއަކީ މިހާރު ވެސް މަސްތުވާތަކެތި ބޭނުންކުރާ މީހެއް ކަމަށް ތުހުމަތުކޮށްފަ އެވެ. އެގޮތުން އޭނާ އާންމުކޮށް މިހާރު ދިރިއުޅޭ އެމެރިކާގެ އިމިގްރޭޝަނުން ތަނުޝްރީގެ ދަބަސް ފާސްކޮށްފި ނަމަ މަސްތުވާ ބާވަތުގެ ތަކެތި ފެންނާނެ ކަމަށް ބުންޏެވެ.
ރާކީ ބުނީ ތަނުޝްރީގެ ބޭނުމަކީ އޭނާ އަށް ބޮލީވުޑުން މިހާރު މަސައްކަތެއް ނުލިބޭތީ، މަސައްކަތްކުރާ ބައެއްގެ އަގު ވައްޓާލައި ހަސަދަ ފިލުވައިލުން ކަމަށެވެ. އަދި ބޮލީވުޑްގެ ފަންނާނުންތަކެއް އޭނާއާ އެކު ތިބި ކަމަށް ދެއްކިޔަސް، އެއިން އެއްވެސް މީހަކު ސީދާ ވަކި ކޮޅެއް ނުނަގާ ކަމަށާއި ހަމައެކަނި ތަނުޝްރީ އަށް ހަމްދަރުދީ ފާޅުކޮށްލީ ކަމަށް ރާކީ ބުންޏެވެ.
"އޭނައަކީ މަސްތުވާތަކެތީގެ ސަބަބުން މިހާރު ހަލާކުވެފައި ހުރި މީހެއް. އަދި ބޮޑު ދޮގުވެރިއެއް. އެމެރިކާގައި ވެސް އޭނާ އެ އުޅޭ ގޮތް ހޯދައި ބަލައިފި މީހަކަށް ސާފުވާނެ ކިހިނެއްކަން އޭނަ އެ އުޅެނީ،" ރާކީ ބުންޏެވެ. "މާ މާތް މީހަކަށް ހެދިގެން އުޅޭ އިރު ފުރަތަމަ ކުރަން ޖެހޭ ކަމަކީ އަމިއްލަ މީހާގެ ފަސްބައި ތާހިރު ކުރުން."
ބޮލީވުޑްގައި "ޑްރާމާ ކްއީން" ގެ ނަމުން މަޝްހޫރުވެފައިވާ ރާކީއަކީ އަބަދު ވެސް އޭނާ ހިތަށް އެރިހާ އެއްޗެއް މީހުންނާ ދިމާއަށް ގޮވައިލަން އާދަވެފައިވާ މީހެކެވެ. އެގޮތުން ބަތަލާ ސަނީ ލިއޯނީއާ ވެސް ޖައްސާލައިގެން ދުވަސްތަކެއް ވަންދެން އުޅުނެވެ.
ތަނުޝްރީއާ ބެހޭ ގޮތުން ރާކީ ދެއްކި ވާހަކަތަކަށް އޭނާ އަދި އެއްވެސް ރައްދެއް ނުދެ އެވެ.