09 އޯގަސްޓް 2016 - 15:39

ވޮޝިންޓަން (އޮގަސްޓް 9) - އެމެރިކާގައި ނޮވެމްބަރު މަހު އޮންނަ ރިޔާސީ އިންތިޚާބުގައި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވާނެކަން ސީއައިއޭގެ ކުރީގެ އެޖެންޓް އީވާން މެކްމުލިން އިއުލާން ކުރައްވައިފި އެވެ.
ހައުސް ރިޕަބްލިކަން ކޮންފަރެންސްގެ ޗީފް ޕޮލިސީ ޑިރެކްޓަރުގެ މަގާމު އަދާކުރައްވާ މެކްމުލިން އަށް ވަނީ ޓްރަމްޕާ ދެކޮޅު ވަރަށް ގިނަ ބަޔަކު ތާއީދުކުރާނެ ކަމަށް ބުނެފަ އެވެ. ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރިޕަބްލިކަން މެންބަރުންނާއި ސްޓާފުންގެ ކަންކަން ބަހައްޓާ ކޮންފަރެންސްގެ ޑިރެކްޓަރު އިންތިޚާބަށް ނުކުންނެވި ނަމަވެސް ކުރިއަށް އޮތް ތިން މަސް ދުވަސްތެރޭ ވޯޓު ހޯދުމަކީ ދަތިކަމެކެވެ. އުމުރުން 40 އަހަރުގެ މެކްމުލިން މީގެ ކުރިން އިންތިޚާބީ މަގާމެއް އަދާކުރައްވައިފައެއް ނުވެ އެވެ.
މެކްމުލިން އަކީ ސޯޝަލް މީޑިއާގައި ޓްރަމްޕަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންދާ ފަރާތެކެވެ. އޭނާ ވިދާޅުވެފައި ވަނީ ޓްރަމްޕަކީ ވަރަށް ޚުދުމުޚުތާރު މީހެއް ކަމަށެވެ.
"އަދި މާލަހެއް ނުވޭ. ޑޮނަލްޑް ޓްރަމްޕާއި ހިލަރީ ކްލިންޓަނަށް ވުރެ ރަނގަޅު މީހަކު އެމެރިކާގެ ރައްޔިތުންނަށް ބޭނުންވޭ،" މެކްމުލިން ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވެ އެވެ.
ވިޔަފާރީގެ ދާއިރާ އިން މާސްޓާސް ހާސިލްކުރައްވާފައިވާ މެކްމުލިން 11 އަހަރަށް ފަހު ސީއައިއޭ އިން ވަކިވެވަޑައިގެންފައި ވަނީ 2010 ވަނަ އަހަރު އެވެ. އޭނާ ވަނީ ހައުސްގެ ފޮރިން އެފެއާޒް ކޮމިޓީގެ ސީނިއާ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުގެ މަގާމު 2013 ވަނަ އަހަރު ފުރުއްވަން ފައްޓަވައިފަ އެވެ.