ޓައިޕް 2 ޑައެބެޓީސްގެ އަލާމާތްތައް
ޓައިޕް 2 ޑައެބެޓީސްގެ އަލާމާތްތައް

ޓައިޕް 2 ޑައެބެޓީސް އަކީ ހަށިގަނޑުގައި އެކަށީގެންވާ ވަރަށް އިންސިއުލިން އުފައްދައިނުދިނުމުން ލޭގައި ހަކުރުގެ މިންވަރު އެކަށީގެންވާ ވަރަށް ވުރެ މާބޮޑަށް އިތުރުވުމެވެ. މިހެން ވުމުން ހަށިގަނޑުގެ އެކި ގުނަވަންތަކަށް ގެއްލުންވެ ސިއްހީ ބޮޑެތި ނުރައްކާތަކަށް މީހާ ހުށަހެޅެ އެވެ.

ޑައެބެޓީސް ނުވަތަ ހަކުރު ބަލި ބޮޑު ނުވަނީސް އެކަން ދެނެގަނެވިއްޖެ ނަމަ ސިއްހީ ނުރައްކާތައް ކުޑަކުރެވޭނެ އެވެ. ހަކުރު ދަށްކޮށް ބެހެއްޓުމަށް، ދިރިއުޅުމުގެ އާދަތައް ބަދަލުކޮށް ނުރައްކާތައް ކުޑަކުރެވޭނެ އެވެ. އެހެންވެ، ބަލީގެ އަލާމާތްތައް ކުރިއާލައި ދެނެގަތުން މުހިންމެވެ.

ޓައިޕް 2 ޑައެބެޓީސްގެ އަލާމާތްތަކަކީ؛

ލޭގައި ހަކުރު އިތުރުވުމުން، އެ ހަކުރުތައް ލޭގެ ތެރެއިން ނަގައި ކުޑަކަމުދާ ތަކެތީގެ ގޮތުގައި ބޭރުކޮށްލުމުގެ މަސައްކަތް ކިޑްނީން ފަށަ އެވެ. ނަތީޖާ އަކީ އަވަސް އަވަހަށް ކުޑަކަމުދާން ޖެހުމެވެ. ހާއްސަކޮށް، ރޭގަނޑު އެވެ.

ލޭގައި ހުންނަ ހަކުރު ހަށިގަނޑުން ބޭރުކުރުމަށް ގިނައިން ކުޑަކަމުދާން ފެށުމުން ހަށިގަނޑުން ފެން މަދުވެ އެވެ. އެހެންވެ ހަށިގަނޑަށް އިތުރަށް ފެން ބޭނުންވުމުގެ ނަތީޖާއެއްގެ ގޮތުން، ބޮޑަށް ކަރުހިއްކަ އެވެ.

ހަކުރު ބަލި ހުންނަ މީހުން ކައި އެއްޗެހިން ހަށިގަނޑަށް ލިބެންޖެހޭ ހަކަތަ އެންމެ ފުރިހަމައަކަށް ނުލިބެ އެވެ.

ހަށިގަނޑުގެ ހަޖަމުގެ ނިޒާމުން ކާނާ ގުލްކޯޒަށް ބަދަލުކޮށްލަ އެވެ. ހަށިގަނޑުން މި ބޭނުންކުރަނީ ހަކަތައިގެ ގޮތުގަ އެވެ. ހަކުރު ބަލި ހުންނަ ނަމަ މި ގުލްކޯޒް ލޭގެ ތެރޭގައި އެންމެ ފުރިހަމައަކަށް ނުހިނގަ އެވެ. އަދި ސެލްތަކަށް ވެސް ރަނގަޅަށް ހަކަތައެއް ނުލިބެ އެވެ. އެހެންވެ، ކެޔަސް ބަނޑުހައިކަން ފިލައިގެން ނުދާ ކަމަށް އިހްސާސްވާނެ އެވެ.

ޓައިޕް 2 ޑައެބެޓީސް އިން ހަކަތައަށް އަސަރުކުރެ އެވެ. ކާނާއިން ލިބެންޖެހޭ ހަކަތަ ރަނގަޅަށް ނުލިބުމާއި ލޭގެ ތެރޭގައި ހަކުރު ދައުރުވުމުގައި ކުރިމަތިވާ އުނި ކަންތައްތަކުގެ ސަބަބުން ސެލްތައް ބަލިވެ އެވެ. އެހެންވެ އަބަދުވެސް ވަރުބަލިކަން އިހްސާސްވެ އެވެ.

ލޭގައި މާގިނައިން ހަކުރު ހުރުމުން، ލޮލުގައި ހުންނަ ހިމަ ނާރުތަކަށް ގެއްލުންވެ އެވެ. ނަތީޖާ އަކީ ފުސްކޮށް ފެނުމެވެ. މި މައްސަލަ އެންމެ ލޮލަކަށް ނުވަތަ ދެ ލޮލަށް ވެސް ދިމާވެދާނެ އެވެ. މި މައްސަލަ ކުރިމަތިވެފައި ދުވަސްކޮޅަކު ހުރުމަށް ފަހު އަނެއްކާ ރަނގަޅުވެލާފައި އަލުން ކުރިމަތިވެ އެވެ. ހަކުރު ބަލީގެ މައްސަލަ ބޮޑުވެ، ގިނަ ދުވަސްވާ ނަމަ ލޮލުގެ ފެނުން އެއްކޮށް ގެއްލުމަކީ ވެސް ވެދާނެ ކަމެކެވެ.

ހަކުރު ބަލި ހުންނަ މީހެއްގެ ހަށިގަނޑުން ތަނެއް ހަލާކުވެ ޒަޚަމެއް އުފެދިއްޖެ ނަމަ ލޭގެ ދައުރުވުމަށް އިތުރަށް ހުރަސް އެޅެ އެވެ. މިހެން ވުމުން، ވަރަށް ކުޑަ ޒަޚަމެއް ފަސޭހަވާން ވެސް އެތައް މަސް ދުވަހެއް ހޭދަވެދާނެ އެވެ. ފަސޭހަ ނުވެ ގިނަ ދުވަސް ވުމުން އިންފެކްޝަންގެ ނުރައްކާ ވެސް ބޮޑުވެ އެވެ.