01 އޮކްޓޯބަރ 2018 - 07:01

ހެލްމެޓު އެޅުމުގެ ރައްކާތެރިކަން ބޮޑަސް ހެލްމެޓް ގެންގުޅުމަކީ ބައެއް މީހުންނަށް އިތުރު ތަކުލީފެކެވެ. ކިހިލިފަތްދަށަށް ޖަހާލައިގެން ހެލްމެޓް އުފުލާކަށް ބައެއް މީހުން ބޭނުމެއް ނޫނެވެ. މިކަމަށް ހޯދާނެ ހައްލަކީ ކޮބައިހެއްޔެވެ؟
ވާޖީނިޔާ ޓެކްގައި އިންޖިނިއަރިންގެ ރޮނގުން ކިޔަވަމުން އައި ޑޭވިޑް ހޯލްގެ ދައްތަ، ބައިސްކަލު ދުއްވަނިކޮށް ދިމާވި އެކްސިޑެންޓެއްގައި މީގެ ތިން އަހަރު ކުރިން ލިބުނު އަނިޔާއަށް ފަހު ހެލްމެޓްގެ މުހިންމުކަން އޭނާއަށް ވިސްނުނެވެ. އަދި ކުރި ދިރާސާތަކަށްފަހު، މީހުން ހެލްމެޓް ނާޅާ ސަބަބު އޭނާ ދެނެގަތެވެ. ސަބަބެއްކަމަށް ބެލެވުނީ ހެލްމެޓް ގެންގުޅެން އުނދަގޫވުމެވެ. މިއީ ޕާކް އެންޑް ޑައިމަންޑް ހެލްމެޓްގެ ފެށުމެވެ.
އާދައިގެ ހެލްމެޓް އަޅައިގެން ދުއްވުމަކީ އެކްސިޑެންޓްތަކުގައި ސިކުނޑިއަށް ލިބޭ ގެއްލުން 70 ޕަސެންޓް ދަށްކޮށްދޭ ކަމެއްކަން އެމެރިކާގައި ކުރި ދިރާސާއަކުން ދެއްކިއެވެ. ޑޭވިޑް ހޯލް އާއި އޭނާގެ އެކުވެރި ޖޯޑްން ކްލައިން ގުޅިގެން ކުރި މަސައްކަތުން އުފެއްދީ ޕާކް އެންޑް ޑައިމަންޑް މަރުކާގެ ހެލްމެޓެކެވެ. މިއީ އާދައިގެ ތޮތްޕެއްގެ ބައްޓަމަށް ފަރުމާކޮށްފައިވާ ހެލްމެޓެކެވެ. އެއް އަތުން ފަތްޖަހާލުމަށްފަހު ދަބަހަށް ލެވެއެވެ. ބަރުދަނުގައި ހުންނަނީ އެންމެ 226 ގްރާމެވެ. ހެލްމެޓް ކިހިއްޔަށް ޖަހައިގެން މުޅި ދުވާލު ހަތަރުދަމު ގެންގުޅޭކަށް ނުޖެހެއެވެ.
މި ހެލްމެޓް ފަރުމާކޮށްފައިވަނީ އާދައިގެ ހެލްމެޓް ހަދާ ބާވަތުގެ މާއްދާއަކުން ނޫނެވެ. އެކްސިޑެންޓެއް ވިޔަސް ބޮލުން ވެއްޓި ދުވާރުމަތީގައި އާދައިގެ ހެލްމެޓް ފަޅައިގެންދާ ގޮތަށް މި ހެލްމެޓް ފަޅައިގެން ނުދާނެކަމުގެ ޔަގީންކަން މި ހެލްމެޓް އުފެއްދި ޒުވާނުން ދެއެވެ. އާދައިގެ ހެލްމެޓާއެކު ބިންމަތީގައި ބޯޖެހި ބޯ ފަޅައިގެން ނުދިޔަސް ހޭނެތޭ ގޮތް މެދުވެރިވެއެވެ. ނަމަވެސް ޕާކް އެންޑް ޑައިމަންޑް ހެލްމެޓް އުފައްދާފައިވާ ގޮތުން މިގޮތަށް ހޭނެތުމުގެ ފުރުސަތުވެސް ކުޑަކޮށްދެއެވެ.
ޑެންމާކަކީ ދުނިޔޭގައި ނިސްބަތުން އެންމެ ގިނައިން ބައިސްކަލު ދުއްވާ މީހުން އުޅޭ ގައުމެވެ. އަދި މަގުތައް ވެސް ބައިސްކަލާ އެންމެ ރަހްމަތްތެރި އެއް ގައުމެވެ. އެ ގައުމުގައި ހެލްމެޓް ނާޅާ ދުއްވާ މީހުން ގިނައެވެ. ނަމަވެސް ކޮންމެ ކޮންމެ ގައުމެއްގައި ކަން އޮތީ މިހެނެއްނޫނެވެ. އެންމެ ރަގަޅު ގޮތަކީ ކޮންމެ ފަދަ ހާލެއްގައިވެސް ހެލްމެޓް އެޅުމެވެ. މިކަމަށް އެންމެ ފަސޭހަ ހެލްމެޓަކަށްވާނީ ޕާކް އެންޑް ޑައިމަންޑް ހެލްމެޓެވެ.