01 އޮކްޓޯބަރ 2018 - 07:06

ބޮކްސް އޮފީހުގައި ރިކޯޑްތައް ހެދި "ޑަންގަލް" އަށް ފަހު، ނިތޭޝް ތިވާރީ ދެން ޑައިރެކްޓް ކުރާނެ ފިލްމެއްގެ އިންތިޒާރުގައި ތިބި މީހުން ބައިވަރެވެ. އޭނާ ދެން ހަދާ ފިލްމު ގެނެސްދެނީ ސާޖިދު ނަދިއަދްވާލާގެ ފިލްމު ކުންފުނި ނަދިއަދްވާލާ ގްރޭންޑް ސަން އާއި ފޮކްސް ސްޓާ ސްޓޫޑިއޯސް ގުޅިގެންނެވެ.
މި ފިލްމު އިއުލާންކުރީ މިދިޔަ މެއި މަހުގެ ތެރޭގަ އެވެ. އެކަމަކު ސުޝާންތު ސިންގް ރާޖްޕޫތު ބަތަލުގެ ރޯލް ކުޅޭ ފިލްމުގެ ނަން އޭރު އިއުލާނެއް ނުކުރެ އެވެ.
މިއީ ކޮން ކަހަލަ ވާހަކައަކަށް ހަދާ ފިލްމެއްކަން އަދި ހާމަ ނުކުރި ނަމަވެސް ފިލްމުގެ ނަމަކީ "ޗިޗޯރް" ކަން ނިތޭޝް ކުރި ޓްވީޓެއްގައި ވަނީ ބުނެފަ އެވެ. އޭނާ މިހާރު ވަނީ ފިލްމުގެ ޝޫޓިން ވެސް ފަށައިފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމުގައި ސުޝާންތާ އެކު ބަތަލާގެ ރޯލުން ފެނިގެން ދާނީ ޝްރަދާ ކަޕޫރެވެ.
ނަމަވެސް ނިތޭޝް އާއި އާއި އޭނާގެ ޓީމުން މިކަން ކަށަވަރެއް ނުކޮށްދެ އެވެ. ޝްރަދާ މި ވަގުތު އަންނަނީ އަމޯލް ގުޕްތޭ ޑައިރެކްޓް ކުރާ، އަންހެން ބެޑްމިންޓަން ތަރި ސައިނާ ނެހްވާލްގެ ބައޮގްރަފިކަލް ޑްރާމާ "ސައިނާ" ގެ މަސައްކަތް ކުރަމުންނެވެ.
"ޗިޗޯރް" ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރުގެ އޮގަސްޓް މަހުގެ 30 ގަ އެވެ.
ކަރަން ޖޯހަރް ޕްރޮޑިއުސް ކުރާ ފިލްމު "ދޯސްތާނާ" ގެ ސީކްއެލްގެ އެއް ބަތަލުގެ ރޯލް ރާޖްކުމާރް ރާއޯ އަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ. ނަމަވެސް މިކަން ކަރަން އަދި ކަށަވަރެއް ނުކޮށްދެ އެވެ. "ދޯސްތާނާ 2" އާ ބެހޭ ގޮތުން ތަފާތު އެތައް ވާހަކައެއް ދެކެވޭތާ މިހާރު އެތަކެއް ދުވަހެއް ވެއްޖެ އެވެ.
މީޑިއާތަކުން ދާދި ފަހުން ބުނި ގޮތުގައި މި ފިލްމު ވަނީ ސިދާތު މަލްއުތުރާ އާއި ޖާންވީ ކަޕޫރަށް ވެސް ހުށަހަޅައިފަ އެވެ. ނަމަވެސް ކަރަން ކުރި ޓްވީޓެއްގައި ވަނީ ފިލްމުގެ ކާސްޓާ ބެހޭ ގޮތުން ދެކެވޭ ވާހަކަތައް ދޮގުކޮށްފަ އެވެ.
"ދޯސްތާނާ 2" ރާޖް އަށް ހުށަހަޅާފައިވާ ކަމަށް ބުނާ އިރު، އޭނާއަކީ މި ވަގުތު ބޮލީވުޑްގައި ތިބި ޒުވާން އެކްޓަރުންގެ ތެރެއިން އެންމެ ބިޒީ އެކެކެވެ. ރާޖް މިހާރު އަންނަނީ ދިނޭޝް ވިޖަން ޕްރޮޑިއުސް ކުރާ "މޭޑް އިން ޗައިނާ" ގެ މަސައްކަތް ކުރަމުންނެވެ.
"ދޯސްތާނާ 2" އަކީ އަބީޝެކް ބައްޗަން އާއި ޕްރިޔަންކާ ޗޯޕްޅާ އަދި ޖޯން އަބްރަހަމް ލީޑް ރޯލަށް ލައިގެން ތަރުން މަންސުކާނީ 2008 ގައި ގެނެސް ދިން ފިލްމްގެ ދެވަނަ ބައެވެ.
ސަލްމާން ރުޝްދީގެ ކާމިޔާބު ވާހަކަ "މިޑްނައިޓްސް ޗިލްޑްރެން" އަށް ބިނާކޮށް ނެޓްފްލިކްސް ގެނެސް ދޭން ނިންމާފައިވާ ވެބް ސީރިޒްގެ ޑައިރެކްޝަން ވިޝާލް ބަރަދްވާޖްއާ ހަވާލުކޮށްފި އެވެ.
މިދިޔަ ހުކުރު ދުވަހު ރިލީޒް ކުރި "ޕަޓާޙާ" ގެ ޑައިރެކްޓަރާ "މިޑްނައިޓްސް" ހަވާލު ކުރި ކަމަށް ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ރިޕޯޓް ކުރި ނަމަވެސް މިކަމާ ބެހޭ ގޮތުން ނެޓްފްލިކްސް އާއި ވިޝާލް އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ. ވިޝާލްއަކީ އަބަދު ވެސް ލިޔެފައިވާ ވާހަކަތަކަށް ބިނާކޮށް ފިލްމު ހަދަން މަޝްހޫރު ޑައިރެކްޓަރެކެވެ.
އެގޮތުން ޝޭކްސްޕިއާގެ ބައެއް ވާހަކަތަކަށް ބިނާކޮށް އޭނާ ވަނީ ފިލްމު ހަދައިފަ އެވެ. އޭގެ ތެރޭގައި "ހައިދަރް"، "އޯމްކާރާ" އަދި "މަގުބޫލް" ހިމެނެ އެވެ. އޭނާ އަދި ވަނީ ޕްރިޔަންކާ ޗޯޕްޅާ ހިމަނައިގެން ޝޭކްސްޕިއާގެ "ޓްވެލްފް ނައިޓް" ހަދަން ވެސް ނިންމައިފަ އެވެ.
ރުޝްދީ 1981 ގައި ނެރުނު "މިޑްނައިޓްސް ޗިލްޑްރެން" ގައި ކިޔައި ދެނީ އިންޑިއާ އަށް މިނިވަންކަން ލިބުނު ތާރީހު ކަމަށްވާ އޮގަސްޓް، 15، 1947 ގެ ސުންގަޑި ސުންމިނިޓްގައި އުފަންވާ ސަލީމް ސިނާއި ކިޔާ ކުއްޖަކާއި އެ ތާރީހުގައި ވިހޭ އިތުރު ކުދިންތަކެއްގެ ވާހަކަ އެވެ. މި ވާހަކަ އަށް ބިނާކޮށް މީގެ ކުރިން ދީޕާ މެހެތާ ވަނީ ހަމަ އެ ނަމުގައި 2012 ގައި ފީޗާ ފިލްމެއް ވެސް ގެނެސް ދީފަ އެވެ.
އަނޫރާގް ބާސޫ 2007 ގައި ގެނެސް ދިން ކާމިޔާބު ފިލްމު "ލައިފް އިން އަ...މެޓްރޯ" ގެ ދެވަނަ ބައެއް ގެނެސް ދޭން ނިންމާފައިވާ އުރު، މި ފިލްމުގެ ކާސްޓުން އަދި ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ. އެކަމަކު މިއީ ބޮޑު ކާސްޓެއް ފެނިގެން ދާނެ ފިލްމެކެވެ.
ބޮލީވުޑްގެ ހަބަރުތައް ބުނާ ގޮތުން މި ފިލްމުން ތާޕްސީ ޕައްނޫ އަށް ހުށަހެޅި ރޯލް މިހާރު ވަނީ ފާތިމާ ސަނާ ޝެއިހަށް ވަނީ ހުށަހަޅައިފަ އެވެ. އޭނާއަކީ އަންނަ ނޮވެމްބަރު މަހުގެ 8 ގައި ރިލީޒް ކުރާ "ތަގްސް އޮފް ހިންދުސްތާން" ގެ އެއް ބަތަލާ އެވެ.
މީޑިއާތަކުން ބުނީ ތާޕްސީގެ ބަދަލުގައި "ލައިފް އިން އަ...މެޓްރޯ" ގެ ކާސްޓަށް ފާތިމާ ނެގީ، ތާޕްސީ އެހެން ޕްރޮޖެކްޓްތަކެއްގައި ބިޒީވާތީ ފިލްމަށް ވަގުތު ދެވެން ނެތުމުންމެވެ. ޓީ ސީރީޒްއާ ގުޅިގެން އަނޫރާގް ގެނެސް ދޭން ނިންމާފައިވާ ފިލްމުގެ ކާސްޓުން ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް އޭނާ ބުންޏެވެ.
އަޑުތައް އަރާފައިވާ ގޮތުން މި ފިލްމަށް ރާޖްކުމާރް ރާއޯ ވަނީ ސޮއިކޮށްފަ އެވެ. އަދި ފިލްމުގެ ކާސްޓުން ސައިފް އަލީ ހާނާއި ސޮނާކްޝީ ސިންހާ އަދި އަބީޝެކް ބައްޗަން ފަދަ ތަރިން ފެނުމުގެ ފުރުސަތު ބޮޑު ކަމަށްވެ އެވެ.
އަނޫރާގް އެންމެ ފަހުން ޑައިރެކްޓް ކުރީ މިދިޔަ އަހަރު ރިލީޒް ކުރި ރަންބީރު ކަޕޫރާއި ކެޓްރީނާ ކެއިފްގެ "ޖައްގާ ޖާސޫސް" އެވެ.