30 ސެޕްޓެމްބަރ 2018 - 10:31

ޓިއުރިން (ސެޕްޓެމްބަރު 30) – ޔުވެންޓަސް 2006 ވަނަ އަހަރު ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވެ ވެއްޓުނު ވަޅުގަނޑުން އަރައިގަނެ ޔޫރަޕުގެ ވަރުގަދަ ބާރަކަށް ވުމުގެ ފަހަތުގައި ހުރި އެ ކްލަބުގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޖިސެއްޕޭ މަރޯޓާ ކްލަބް ދޫކޮށްލަން ނިންމައިފި އެވެ.
ކުރިން ބެލެވިފައި އޮތީ އޭނާ އިޓަލީ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސްގެ މަގާމަށް ކުރިމަތިލާނެ ކަމަށެވެ. އެކަމަކު މަރޯޓާ ވަނީ އިއްޔެ އެކަން ދޮގުކޮށްފަ އެވެ. އޭނާ މެންޗެސްޓާ ޔުނައިޓެޑް ނުވަތަ ބާސެލޯނާ އިން ފެނުމުގެ ފުރުސަތު ވެސް އެބައޮތެވެ.
ސަމްޕްޑޮރިއާގައި 2004 އިން 2006 އަށް މަސައްކަތްކުރި މަރޯޓާ ޔުވެންޓަސްއާ ގުޅުނީ 2010 ވަނަ އަހަރެވެ. ކްލަބުގެ ޗީފް އެފްޒެކެޓިވް އޮފިސަރުގެ މަގާމްގެ އިތުރުން ސްޕޯޓިން ބައިގެ ޖެނެރަލް މެނޭޖަރުގެ ޒިންމާ ވެސް އައީ އުފުލަމުންނެވެ.
އޭނާގެ ދައުރުގައި އެ ކްލަބުން ވަނީ އިޓާލިއަން ލީގުގައި ހަތް ފަހަރު އަދި އަދި އިޓާލިއަން ކަޕް ހަތަރު ފަހަރު ކާމިޔާބުކޮށްފަ އެވެ. އަދި ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދެ ފަހަރު ދަތުރުކުރި އެވެ.
"ތެދަށް ބުނަންޏާ ބުނެވޭނީ ބުނާނެ އެއްޗެއް ނޭގެޔޭ. މިއީ އަހަންނަށް ވެސް އާ ހަބަރެއް. އެހެން ޑިރެކްޓަރުންނާ އެކު، ކާމިޔާބު ޓީމެއް އުފެއްދުމަށް އޭނާ ޔުވެންޓަސް ބިނާކުރި. އޭނާ ނެތްތަން ދައްކާނެ. އެކަމަކު އެކަން ޖެހޭނެ ފޫބައްދަން،" އިޓާލިން ލީގުގައި ރޭ ނަޕޯލީ އަތުން 3-1 އިން މޮޅުވި މެޗަށް ފަހު ޔުވެންޓަސްގެ ކޯޗު މަސިމިލިއާނޯ އެލެގްރީ ބުންޏެވެ.
މަރޯޓާ އެންމެ ފަހުން ކްލަބަށް ގެނެސްދިން ކުޅުންތެރިޔަކީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. އޭނާގެ އެހީއާ އެކު ކްލަބް މިވަގުތު އޮތީ ހަތް މެޗުން މޮޅުވެ 21 ޕޮއިންޓާ އެކު އެއް ވަނައިގަ އެވެ.
މަރޯޓާ ފާހަގަކުރެވެނީ ކުޑަ އަގަކަށް މޮޅު ކުޅުންތެރިން ގެންނަ ޑިރެކްޓަރެއްގެ ގޮތުގަ އެވެ. އެގޮތުން އަންދްރޭ ޕިރްލޯ، ޕައުލް ޕޮގްބާ، ސާމީ ކެދީރާ އަދި އާޓޫރޯ ވިޑާލް ގަތުމަށް އޭނާ ހޭދަކުރީ 12 މިލިއަން ޔޫރޯ އެވެ. ފަބިއޯ ކުއަގްލިއަރެއްލާ، އަލެސަންދްރޯ މަޓްރީ އަދި އަލްބާޓޯ އަކުއިލާނީ މެން ފަދަ ކުޅުންތެރިން ގެނެސް އޭނާ ފެށި މަސައްކަތުގައި ކޮންމެ ސީޒަނެއްގައި މަޑުމަޑުން ވަރުގަދަކުރަމުން އޭނާ މިހާރު ވަނީ ޔުވެންޓަސް، ޔޫރަޕުގެ ފުޓްބޯޅައިގެ އެންމެ ވަރުގަދަ ބާރަށް ހަދައިފަ އެވެ.