އައިޔޫއެމް ސިޔާސީކޮށްފި، ޝަހީމް އިސްތިއުފާ ދެއްވާ: ސައުދު
އައިޔޫއެމް ސިޔާސީކޮށްފި، ޝަހީމް އިސްތިއުފާ ދެއްވާ: ސައުދު

އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް)ގެ ޗާންސެލަރު ކަމުގެ މަގާމުގައި ހުންނަވައި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، އެތަން ސިޔާސީ ކޮށްފައިވާ ކަމުގެ ތުހުމަތާ އެކު އޭނާ އެ މަގާމުން އިސްތިއުފާ ދެއްވަން، ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން އިއްޔެ ގޮވާލައްވައިފި އެވެ.

ރައީސް އަބްދުﷲ ޔާމީނަށް ނާކާމިޔާބުވެވަޑައިގަތް ރިޔާސީ އިންތިޚާބުގައި އެމަނިކުފާނުގެ ރަނިން މޭޓަކީ ޝަހީމެވެ. ކެމްޕޭން ދަތުރުތަކާއި ސިޔާސީ ހަރަކާތްތަކުގައި ޝަހީމް އުޅުއްވީ ޗާންސެލަރު ކަމުގެ މަގާމުން އިސްތިއުފާ ނުދެއްވަ އެވެ. އޭނާ މިހާރު ވަނީ ޕީޕީއެމަށް ސޮއި ވެސް ކުރައްވައިފަ އެވެ.

ޝަހީމް ކުރިން ނިންމެވީ، ޗާންސެލަރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު، ސިޔާސީ މަސައްކަތްތައް ކުރިއަށް ގެންދިއުމަށެވެ. އެކަމަކު އެ ނިންމުން ބަދަލުކުރައްވައި، އިސްތިއުފާ ނުދެއްވީ، ރައީސް ޔާމީންގެ އެދިވަޑައިގަތުމަށް ކަމަށް ޝަހީމް ވަނީ ވިދާޅުވެފަ އެވެ. ޗާންސެލަރު ކަމުގެ މަގާމުގައި ދެމިހުންނަވައި ސިޔާސީ މަސައްކަތް ކުރެއްވުމަކީ ގާނޫނީ ގޮތުން މައްސަލައެއް އޮތް ކަމެއް ނޫން ކަަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

އެކަމަކު ޝަހީމަށް ފާޑުވިދާޅުވެ، ސައުދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އައިޔޫއެމްއަކީ ދިވެހި ގައުމު ބިނާކުރުމުގެ އެންމެ މުހިއްމު އެއް މުއައްސަސާ ކަމަށެވެ. އެ މުއައްސަސާގެ ޗާންސެލަރު ކަމުގެ މަގާމުގައި ހުންނަވައި ރައީސް ޔާމީންގެ ރަނިން މޭޓެއްގެ ގޮތުގައި ހަރަކާތްތެރިވެވަޑައިގެން، ޝަހީމް މުޅި މުއައްސަސާގައި ސިޔާސީ ކުލަ ޖައްސައި ފެއިލްކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

އެ ތުހުމަތާ އެކު ސައުދު ގޮވާލެއްވީ ޝަހީމް ވަގުތުން އިސްތިއުފާ ދެއްވުމަށެވެ.

ޝަހީމް ވިދާޅުވެފައިވާ ގޮތުގައި، އިސްލާމިކް ޔުނިވާސިޓީ އަކީ ރައީސް ޔާމީންގެ ވަރަށް މުހިއްމު މަޝްރޫއެކެވެ. އިންތިޚާބު ކާމިޔާބުވެއްޖެ ނަމަ ވެސް އިސްލާމީ ޔުނިވަސިޓީގެ މަސައްކަތް ކުރިއަށް ގެންދަން ޖެހޭނީ އޭނާގެ ބެލުމުގެ ދަށުން ކަމަށް ރައީސް ޔާމީން ވިދާޅުވި ކަމަށް ޝަހީމް ކުރިން އޮތީ ވިދާޅުވެފަ އެވެ.