30 ސެޕްޓެމްބަރ 2018 - 11:31

މި ސަރުކާރުން ފެށި "ހިޔާ" މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އަޅާ ފްލެޓުތަކަށް ކުރިމަތިލުމުގެ މުއްދަތު މިއަދު ހަމަވާތީ އެތައް ސަތޭކަ ބަޔަކު ފޯމު ލާން ނަންބަރު ނަގައިފި އެވެ.

ފޯމް ލާން ދިޔަ މީހުން ގިނަކަމުން ނަންބަރާ ހަމައަށް ދާން ވެސް މިވަގުތު އޮތީ ބޮޑު ކިއޫއެއް ދަމާލައިފަ އެވެ. އޭގެ އިތުރުން ކިއޫބީ އެޕުން ނަންބަރު ނަގާ މީހުން ގިނަކަމުން، ފަސޭހައިން އެއަށް ވެސް ވަދެވޭ ގޮތެއް މިއަދު ނުވެ އެވެ.

ހައުސިން މިިނިސްޓްރީން އެންމެ ފުރަތަމަ ފުރުސަތު ހުޅުވާލީ އޮގަސްޓްގެ ނިޔަލަށް ކަމަށް ވިޔަސް، ގިނަ ބަޔަކަށް ފުރުސަތު ދިނުމުގެ ގޮތުން އެއް މަސް ދުވަސް އިތުރުކުރީ އެވެ.
ފްލެޓް ދޫކުރާ 12 ކެޓަގަރީން ކޮންމެ ބަޔަކުން އިއްޔެ ވެސް 500 ނަންބަރު ދޫކުރި އެވެ. އެކަމަކު މިއަދު ކޮންމެ ބަޔަކުން އެއަށް ވުރެ ގިނައިން ގެންދަނީ ނަންބަރު ދޫކުރަމުންނެވެ.
ލައްކައެއްހާ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ ދަށުން ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލީ މިދިޔަ ޖޫން މަހެވެ. ރިޔާސީ އިންތިހާބުގެ ކެމްޕޭން ތެރޭގައި ހައުސިން މިނިސްޓްރީން ބުނީ އޭރު 18،000 އަށް ވުރެ ގިނަ މީހުން ފޯމު ހުށަހަޅާފައިވާ ކަމަށެވެ.
ފޯމު ހުށަނާޅާ އެންމެ ފަހު ދުވަހަށް މަޑުކުރީ ކީއްވެގެންތޯ ޒުވާން އަންހެން ކުއްޖެއް ކައިރީ އަހާލުމުން ބުނީ "ފޯމު ލާން، ފޯމު ލާން، ހަމަ މަޑުކުރެވުނީ" ކަމަށެވެ.
"މިއީ އަބަދުވެސް ވާ ގޮތް. އެންމެ ފަހު ދުވަހު މިކަންކަމާ މި އުޅެވެނީ،" އޭނާ ބުންޏެވެ.
ޖޫން މަހު ހުޅުވާލި ފަހުން، ގިނަ ދުވަސް ދުވަހު ފޯމް ލީ ވަރަށް މަދު ބައެކެވެ. އެކަމަކު މި މަހު މެދަކާ ހިސާބުން އެ އަދަދު ވަރަށް ބޮޑު ތަން މައްޗަށް ދިޔަ އެވެ.
ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު، އިންތިހާބުގެ ކެމްޕޭންގައި އިއުލާންކުރެއްވި ގޮތުގައި، ރައީސް އަބްދުﷲ ޔާމީން ނިންމަވާފައި ވަނީ ފޯމް ލާ އެންމެންނަށް ވެސް ފްލެޓް ދޭ ގޮތަށެވެ. އެކަމަކު އިންތިހާބުގައި ރައީސް ޔާމީން ބަލިވުމުން، މަޝްރޫއުއަށް އާ ސަރުކާރުން ގެންނާނީ ކޮން ބަދަލެއް ކަމެއް ނޭނގެ އެވެ.
ހުޅުމާލޭގައި މިހާރު ވެސް ޗައިނާގެ ލޯނެއްގެ ދަށުން 7،000 ފްލެޓް އިމާރާތްކުރަމުން އެބަ ގެންދެ އެވެ. އެ ފްލެޓްތައް މުޅިން ނިމޭނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ކަމަށް ހައުސިން މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ.