ދީޕިކާ ޕަދްކޯން ވެސް ފިލްމު ޕްރޮޑިއުސަރަކަށް
ދީޕިކާ ޕަދްކޯން ވެސް ފިލްމު ޕްރޮޑިއުސަރަކަށް

މީގެ ދުވަސްކޮޅެއް ކުރިން މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "ރާޒީ" ގެ ޑައިރެކްޓަރު މެގްނާ ގުލްޒާރުގެ ފިލްމަކަށް ދީޕިކާ ޕަދްކޯން ވަނީ ސޮއިކޮށްފަ އެވެ. އެ ފިލްމާ ބެހޭ ގޮތުން މިހާރު ލިބޭ ޚަބަރަކީ ފިލްމުގެ އެއް ޕްރޮޑިއުސަރަކީ ވެސް ދީޕިކާ ކަމެވެ.

އޭނާ ކުރިން ވެސް ވަނީ ފިލްމު އުފެއްދުމުގެ މަސައްކަތަށް ޝައުގިވެރިވާ ކަމަށް ބުނެފަ އެވެ. ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި މެގްނާއާ ގުޅިގެން ދީޕިކާ ޕްރޮޑިއުސް ކުރާ ފިލްމު އަންނަ އަހަރުގެ ކުރީކޮޅު ރަސްމީކޮށް އިއުލާން، ފެބުރުއަރީ މަހުގެ ތެރޭގައި އޭގެ ޝޫޓިން ފަށާނެ އެވެ.

އެ ފިލްމަކީ އެސިޑް ހަމަލާއެއްގެ ޝިކާރައަކަށްވެ، ފަހުން ސާޖަރީއެއް ހަދައިގެން އާދައިގެ ދިރިއުޅުމެއް ހޯދި ލަކްޝްމީ އަގަރްވާލްގެ ހަޔާތަށް ބިނާކޮށް ހަދާ ފިލްމެކެވެ. މެގްނާ ލިޔެ، ޑައިރެކްޓްކޮށް ލަކްޝްމީގެ ވާހަކަ ބޮޑު ސްކްރީނަށް ގެނެސްދޭ އިރު، މި ފިލްމުގެ ބަތަލާގެ ރޯލުން ދީޕިކާ ފެންނާނެ ކަމެއް އަދި ކަށަވަރެއް ނުވެ އެވެ.

އެކަމަކު މިހާރު ވެސް ޔަގީންވާ ކަމަކީ މި ފިލްމުން އޭނާ ފިލްމު ޕްރޮޑަކްޝަނަށް ނުކުމެގެން ދާނެ ކަމެވެ. މި އަހަރު ކުރީކޮޅު ރިލީޒް ކުރި ސަންޖޭ ލީލާ ބަންސާލީގެ "ޕަދްމާވަތު" އަށް ފަހު، އެއްވެސް ފިލްމެއްގައި ދީޕިކާ މަސައްކަތެއް ނުކުރެ އެވެ.

ބޮލީވުޑްގެ ބަތަލާއިންގެ ތެރެއިން މިހާރު ފިލްމު ޕްރޮޑަކްޝަނަށް ނުކުމެފައިވާ ތަރިންގެ ތެރޭގައި ޕްރިޔަންކާ ޗޯޕްޅާ، އަނުޝްކާ ޝަރްމާ އަދި މަދޫރީ ޑިކްސިޓް ފާހަގަކޮށްލެވެ އެވެ.