އިންޑިއާގެ ޕްރޮޑިއުސާސް ގިލްޑްގެ ރައީސްގެ މަގާމަށް އަނެއްކާ ވެސް ސިދާތު
އިންޑިއާގެ ޕްރޮޑިއުސާސް ގިލްޑްގެ ރައީސްގެ މަގާމަށް އަނެއްކާ ވެސް ސިދާތު

ޕްރޮޑިއުސާސް ގިލްޑް އޮފް އިންޑިއާ (ޕީޖީއައި) ގެ ރައީސްގެ މަގާމަށް ދެވަނަ ދައުރަކަށް ޕްރޮޑިއުސަރު ސިދާތު ރޯއި ކަޕޫރް އިންތިހާބުކޮށްފި އެވެ.

އިންޑިއާގެ ޕްރޮޑިއުސާސް ގިލްޑްގެ ރައީސްގެ މަގާމަށް އަނެއްކާ ވެސް ސިދާތު
އިންޑިއާގެ ޕްރޮޑިއުސާސް ގިލްޑްގެ ރައީސްގެ މަގާމަށް އަނެއްކާ ވެސް ސިދާތު

"ޑަންގަލް" އާއި "އޭބީސީޑީ 2" ފަދަ ކާމިޔާބު އެތައް ފިލްމެއް ޕްރޮޑިއުސްކޮށްފައިވާ ސިދާތު އެ މަގާމު އަދާކުރަމުން އަންނަނީ މިދިޔަ އަހަރުން ފެށިގެންނެވެ. ޕީޖީއައިގެ ރައީސްގެ މަގާމަށް ދެވަނަ ދައުރަކަށް އޭނާ އިންތިހާބުކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހު ބޭއްވި އެ ޖަމިއްޔާގެ 64 ވަނަ އަހަރީ ބައްދަލުވުމުގަ އެވެ.

ސިދާތުއަކީ ބޮލީވުޑްގެ މަޝްހޫރު ބަތަލާ އަދި ސެންޓްރަލް ބޯޑް އޮފް ފިލްމް ސެޓިފިކޭޝަން (ސީބީއެފްސީ) ގެ މެމްބަރު ވިދިޔާ ބާލަންގެ ފިރިމީހާ އެވެ. އަދި އޭނާއަކީ "އާޝިގީ 2" ފަދަ ފިލްމުތައް ކުޅުނު އަދިތިޔާ ރޯއި ކަޕޫރާއި "ނޯޓަންކީ ސާލާ" ފަދަ ފިލްމުތައް ކުޅެފައިވާ ކުނާލް ރޯއި ކަޕޫރްގެ ބޭބެ ވެސް މެ އެވެ.

ދެވަނަ ދައުރަކަށް ޕީޖީއައިގެ ރައީސްގެ މަގާމަށް އެ އިންތިހާބުވުމާ ގުޅިގެން، އެ ޖަމިއްޔާގެ ވެބް ސައިޓްގައި އާންމުކޮށްފައިވާ ސިދާތުގެ ބަޔާނުގައި ބުނީ ޕީޖީއައިގެ ރައީސްގެ މަގާމަށް ދެވަނަ ދައުރަކަށް އޭނާ އިންތިހާބުކޮށް ދިނުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. އަދި ވަރަށް އިހުލާސްތެރިކަމާއި ވަފާތެރިކަމާ އެކު، މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރާނެ ކަމަށް ބުންޏެވެ.

ޕީޖީއައިއަކީ އިންޑިއާގެ މުނިފޫހި ފިލުވުމުގެ ދާއިރާތެ އުފެއްދުންތައް ކުރިއަރުވައި މާކެޓްކޮށް، ޕްރޮޑިއުސަރުންނަށް ކުރިއަށް ދެވޭނެ ދޮރުތައް ހުޅުވައިދޭ ޖަމިއްޔާއެކެވެ. އެގޮތުން ފިލްމާއި ޓީވީ އުފެއްދުންތަކާއި ޑިޖިޓަލް ކޮންޓެންޓް ގެނެސްދޭ ޕްރޮޑިއުސަރުންނަށް ޕީޖީއައިއަކީ މަދަދުވެރިއެކެވެ.

މި ޖަމިއްޔާ ވުޖޫދަށް އައީ 1954 ގައި ވުޖޫދަށް އައި އިންޑިއަން ފިލްމް ޕްރޮޑިއުސާސް އެސޯސިއޭޝަންގެ ބައެއްގެ ގޮތުގަ އެވެ.

މިހާރު ރޯއި ކަޕޫރް ފިލްމްސްގެ ނަމުގައި އަމިއްލަ ފިލްމު ކުންފުންޏެއް ހަދައިގެން ވެސް މަސައްކަތް ކުރާ ސިދާތު، 44 އަކީ ވޯލްޓް ޑިޒްނީ ކޮމްޕެނީ އިންޑިއާގެ ކުރީގެ މެނެޖިން ޑިރެކްޓަރު ވެސް މެ އެވެ. އޭނާ ވަނީ ކުރިން ޔޫޓީވީގެ ވައިސް ޕްރެޒިޑެންޓްގެ މަގާމު ވެސް އަދާކޮށްފަ އެވެ.

ރޯއި ފިލްމްސް އިން ގެނެސް ދޭން ހުރި ފިލްމުތަކުގެ ތެރޭގައި ޕްރިޔަންކާ ޗޯޕްޅާ މިހާރު ކުޅެމުން އަންނަ ފިލްމު "ދަ ސްކައި އިޒް ޕިންކް" ފާހަގަކޮށްލެވެ އެވެ.