29 ސެޕްޓެމްބަރ 2018 - 16:49

އޭނާ ވެ ވަޑައިގަންނަވާނީ ހުރިހާ ދިވެހިންގެ ރައީސަކަށް ކަމަށް މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިޚާބުގައި ބޮޑު އަޣުލަބިއްޔަތަކުން އިބޫ ވަނީ އިންތިޚާބު ކާމިޔާބު ކުރައްވައިފަ އެވެ. އިންތިޚާބުގެ ދާއިމީ ނަތީޖާ މިއަދު އިއުލާން ކޮށްފައި ވަނިކޮށް، އިބޫ ކުރެއްވި ޓްވީޓެއްގައި ވަނީ ދިވެހި ރައްޔިތުން ދައްކުވައި ދިނީ ޑިމޮކްރަސީގެ ރީތި މިސާލެއް ކަމަށާއި އެކަމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި ރާއްޖޭގެ މުސްތަގްބަލް ހެޔޮ ގޮތުގައި ބިނާ ކުރުމުގެ ފުރުސަތު އޮތީ ލިބިފައި ކަމަށް ވެސް އިބޫގެ ޓްވީޓުގައި ވެ އެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑު ވާނީ ހުރިހާ ދިވެހި ރައްޔިތުންގެ ރައީސަށް." އިބޫގެ ޓްވީޓްގައިވެ އެވެ.
ޕީޕީއެމްގެ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީނާ ވާދަކުރައްވައި، އިބޫ އިންތިޚާބު ކާމިޔާބު ކުރެއްވުމުން ރައީސް ޔާމީން ވަނީ ބަލި ގަބޫލުފުޅު ކުރައްވައި، އިބޫއަށް މަރުހަބާ ވިދާޅުވެފަ އެވެ. އަދި ނޮވެމްބަރު 17 ގައި އިބޫ ހުވާ ކުރެއްވުމާ ހަމައަށް ސަރުކާރުން ދޭންޖެހޭ އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ވެސް އޮތީ ދީފަ އެވެ.
އިންތިޚާބު އިބޫ ކާމިޔާބު ކުރެއްވުމުން ދުނިޔޭގެ ބޮޑެތި ގައުމުތަކުން ވެސް ދަނީ އިބޫއަށް މަރުހަބާ ކިޔަމުންނެވެ. އޭގެ ތެރޭގައި އެމެރިކާ އާއި އިންޑިއާ އާއި ރަޝިއާގެ އިތުރުން ޗައިނާ އާއި ސައުދީ އަރަބިއާ ފަދަ ގައުމުތައް ހިމެނެ އެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ އިބޫ އިންޑިއާއަށް ވަޑައިގަތުމަށް ވެސް ދައުވަތު އަރުވައިފަ އެވެ.
އިބޫ، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީ 134،705 ވޯޓުންނެވެ. އެއީ ވޯޓުގެ 58.4 ޕަސެންޓެވެ. ރައީސް ޔާމީނަށް ލިބިވަޑައިގަތީ 96،052 ވޯޓެވެ. އެއީ ވޯޓުގެ 41.6 ޕަސެންޓެވެ.