29 ސެޕްޓެމްބަރ 2018 - 16:28

ރިޔާސީ އިންތިޚާބަށް ފަހު، ވެރިކަމުގެ ބާރުތައް ބަދަލު ކުރުމުގެ މަރުހަލާގެ މަސައްކަތްތަކުގައި، އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ފަރާތުން ސިޔާސީ ގޮތުން އިސްކޮށް ހަރަކާތްތެރިވާނީ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ކަމަށް ހަމަޖައްސައިފި އެވެ.
މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު، ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބު ކުރެއްވި އިބޫގެ ތަރުޖަމާން މާރިޔާ އަހުމަދު ދީދީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، ވެރިކަމުގެ ބާރުތައް ބަދަލު ކުރުމުގެ މަރުހަލާގައި އިބޫގެ ފަރާތުން މަޖިލީހުގެ ކުރީގެ ރައީސް އަދި މިހާރު ހެންވޭރު އުތުރު ދާއިރާގެ މެމްބަރު ޝާހިދު ހަމަޖެއްސެވީ ސިޔާސީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ކަމަށެވެ. އަދި ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ގާނޫނުގެ ދަށުން، ވެރިކަން ބަދަލުވުމުގެ މަރުހަލާގެ އެންމެ އިސްވެރިޔާ ކަމަށްވާ ޑައިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަން އައްޔަން ކުރުމުގެ މަސައްކަތް ވެސް ކުރިއަށް ދާ ކަމަށް މާރިޔާ ވިދާޅުވި އެވެ.
"ޓްރާންސިޝަން މި މަރުހަލާ ހެޑް ކުރައްވާ ސިޔާސީ ބޭފުޅެއްގެ ގޮތުގައި ހުންނަވާނީ ކުރީގެ މަޖިލިސް ރައީސް ޝާހިދު. ދެން އޭގެ ދަށުން ޑައިރެކްޓާ ޖެނެރަލް އޮފް ޓްރާސިޝަނެއް އައްޔަން ކުރައްވާނީ. އެ ބޭފުޅެއް އައްޔަން ކުރެއްވުމުގެ މަސައްކަތް އެބަ ކުރިއަށް ދޭ." މާރިޔާ ވިދާޅުވި އެވެ.
އަންނަ ނޮވެމްބަރު މަހު އިބޫ ވެރިކަމުގެ ހުވާ ކުރައްވާނެ ދުވަހާ ގުޅޭ ގޮތުން އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކާ މެދު ސުވާލު ދެންނެވުމުން މާރިޔާ ވިދާޅުވީ ހުވާ ކުރައްވާނެ ދުވަހާ ބެހޭ ވާހަކަތައް ދެކެވެމުން ދިޔަޔަސް، ސަރުކާރާ އެކު މިހާތަނަށް މަޝްވަރާ ކޮށްފައި ނެތް ކަމަށެވެ. އަދި ވެރިކަން ބަދަލުވުމުގެ މަރުހަލާއާ ބެހޭ ގާނޫނުގެ ދަށުން ކުރަންޖެހޭ ކަންކަން ކުރުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މާރިޔާ ވިދާޅުވި ގޮތުގައި ވެރިކަން ބަދަލުވުމުގެ މަރުހަލާ ކުރިއަށް ދަނިކޮށް ސަރުކާރާއި ސަރުކާރުގެ އެކި ކުންފުނިތަކުން މަސައްކަތްތައް އެކި ފަރާތްތަކާއި ހަވާލު ކުރުމާއި ގޯތި ދޫކުރުމާއި ވަޒީފާއިން ވަކި ކުރުމާއި ވަޒީފާ ދިނުމުގެ ކަންކަން ކުރިއަށް ގެންދިއުމަކީ ރަނގަޅު ގޮތެއް ނޫނެވެ. އެހެންވެ، އެފަދަ ކަންކަން ކުރިއަށް ނުގެންދިއުމަށާއި އިދާރާތަކުގައި ހުރި ލިޔުންތައް ނައްތާލުން ފަދަ ކަންކަން އެއްވެސް ފަރާތަކުން ނުކުރަން އޭނާ އެދިވަޑައިގަތެވެ.
"އަޅުގަނޑު ޝުކުރު ދަންނަވަން އޮޑިޓާ ޖެނެރަލްގެ އޮފީހުން ވެސް ބަޔާނެއް ނެރުއްވި. އަދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް ބަޔާނެއް ނެރުއްވި. އަދި އެ ނޫން ތަންތަނުން ވެސް ބަޔާންތައް ނެރުއްވަމުން ދަނީ މި ކަންކަން މިގޮތަށް ނުކުރެއްވުމަށް ނަސޭހަތްތެރިވަމުން. އެހެންވީމަ ގާނޫނުގައި އޮންނަ ގޮތަށް ކަންކަން ކުރެއްވުމަށާއި ޓްރާންސިޝަން މަރުހަލާގައި މިގޮތަށް ކަންކަން ނުކުރެއްވުމަށް ދަންނަވަން،" މާރިޔާ ވިދާޅުވި އެވެ.
ޖަލުގަ އާއި ރާއްޖެއިން ބޭރުގައި ތިއްބެވި ސިިޔާސީ ބޭފުޅުން މިނިވަން ކުރަން ކުރަމުންދާ މަސައްކަތާ ބެހޭގޮތުން މާރިޔާ ވިދާޅުވީ މިވަގުތު އެ ހުރިހާ ބާރެއް އޮތީ މިހާރުގެ ސަރުކާރަށް ކަމަށާއި އެކަމުގައި އެއްބާރުލުން ދެއްވަން އިބޫގެ ފަރާތުން ތިބީ ތައްޔާރަށް ކަމަށެވެ. އަދި ސިޔާސީ ބޭފުޅުން މިނިވަން ކުރުމަށް، ރައީސް އަބްދުﷲ ޔާމީނާ އެކު އިބޫ ބޭއްވި ބައްދަލުވުމުގައި އެދިވަޑައިގެންފައިވާ ކަން ވެސް މާރިޔާ ފާހަގަ ކުރެއްވި އެވެ.
"އަޅުގަނޑުމެންނާ ސަރުކާރު ހަވާލުވުމާ އެކު އެކަންކަން އެގޮތަށް ހިނގާނެ. އަޅުގަނޑުމެންގެ އަތްމަތީގައެއް ނޫން މި ވަގުތު އެކަން މިއޮތީ. އެއީ ރައީސުލް ޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރެއް ސިޔާސީ ހައްޔަރީން ދޫކޮށްލެއްވުމަކީ،" މާރިޔާ ވިދާޅުވި އެވެ.
މިދިޔަ ފެބްރުއަރީ މަހު އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތާ ގުޅޭގޮތުން ޕީޕީއެމުން ރޭ ބޭއްވި ކޮންގްރެސްގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅާ ބެހޭގޮތުން މާރިޔާ ވިދާޅުވީ އެކަންކަމާ ބެހޭގޮތުން ދައުލަތުގެ އިދާރާތަކުން އަޅަންޖެހޭ ފިޔަވަޅުތަކެއް ހުރި ނަމަ، އެ ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާ ކަމަށެވެ.
ވެރިކަން ބަދަލުވުމުގެ މަރުހަލާގައި އައްޔަން ކުރަންޖެހޭ ޑައިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަންއަކީ ރައީސް ކަމަށް އިންތިޚާބުވާ ބޭފުޅަކު އެދިވަޑައިގަންނަވާ ގޮތެއްގެ މަތިން ސިވިލް ސާވިސް ކޮމިޝަނުން އައްޔަން ކުރާ މަގާމެކެވެ. ރައީސް ކަމަށް އިންތިޚާބުވާ ބޭފުޅެއްގެ ސަލާމަތީ ކަންކަމާއި ދިރިއުޅުމުގެ ޚަރަދުތަކާއި ދަތުރުފަތުރާއި އެ ބޭފުޅަކަށް އޮފީހަކާއި އެތަނަށް ބޭނުންވާ ވަސީލަތް ހަމަޖައްސައި ދިނުމަކީ ޑައިރެކްޓާ އޮފް ޓްރާންސިޝަންގެ ޒިންމާ އެކެވެ.