30 ސެޕްޓެމްބަރ 2018 - 07:41

ޕްރިޔަންކާ ޗޯޕްޅާ ކަހަލަ ބައިވެރިއަކު، ލަވަކިޔުންތެރިޔާ ނިކް ޖޯނަސް އަށް ލިބުމަކީ ވަރަށް ބޮޑު ނަސީބެއް ކަމަށާއި އެ ދެ މީހުންނަށް ބާއްޖަވެރި ހަޔާތަކަށް އެދޭ ކަމަށް ކެނެޑާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ބްރަޔަން އެޑަމްސް ބުނެފި އެވެ.
ޕްރިޔަންކާއާ އެކު ބައެއް ކޮމާޝަލްތަކުގައި މަސައްކަތްކޮށްފައިވާ 58 އަހަރުގެ ބްރަޔަން ހިންދުސްތާން ޓައިމްސް އަށް ބުނީ ކޮންމެ ކޮންމެ މީހަކީ ނިކް ކަހަލަ ނަސީބުވެރިޔަށް ނުވެދާނެ ކަމަށެވެ.
"ޕްރިޔަންކާއަކީ ވަރަށް ވެސް އާދަޔާހިލާފު އަންހެނެއް. އޭނައަކީ އެހާ ހުނަރުވެރި އަދި އެހާމެ ވިސްނުން ތޫނު ދުނިޔެ އަށް ވަރަށް ބޮޑަށް ލޯ ހުޅުވިފައިވާ މީހެއް،" އަންނަ މަހު ޓުއާއެއްގައި އިންޑިއާ އަށް ދާ ލަވަކިޔުންތެރިޔާ ބުންޏެވެ. "އަހަރެން އެ ދެ މީހުންނަށް ބާއްޖަވެރި ހަޔާތަކަށް އެދެން."
ޕްރިޔަންކާ އާއި ނިކްގެ އެންގޭމަންޓް މިދިޔަ މަހުގެ 18 ވަނަ ދުވަހު އިންޑިއާގައި ރަސްމީކޮށް އިއުލާންކޮށްފައިވާ އިރު، ދެ ތަރިން ކައިވެނި ކުރާނެ ކަމަށް ބެލެވެނީ އަންނަ އަހަރު އެވެ.
ޕްރިޔަންކާ މިހާރު އަންނަނީ "ދަ ސްކައި އިިޒް ޕިންކް" ކިޔާ ހިންދީ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. މިއީ 2016 ގައި ރިލީޒް ކުރި "ޖެއި ގަންގާޖަލް" އަށް ފަހު އޭނާ ކުޅޭ ފުރަތަމަ ފިލްމެވެ. މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ފަރްހާން އަހްތަރާއި ޒާއިރާ ވަސީމު ހިމެނެ އެވެ.
ސޮނާލީ ބޯސް ޑައިރެކްޓް ކުރާ "ދަ ސްކައި އިޒް ޕިންކް" އަށް ސޮއި ކުރުމުގެ ކުރިން ޕްރިޔަންކާ، ސަލްމާން ހާންގެ "ބާރަތު" ވެސް ސޮއި ކުރި އެވެ. އެކަމަކު އެ ފިލްމުގެ ޝޫޓިން ފެށިތަނާ ހެން އޭނާ ވަނީ ފިލްމު ދޫކޮށްލައިފަ އެވެ.