ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

އިންޑިއާގެ ސައުތު ފިލްމު އިންޑަސްޓްރީން ބޮލީވުޑަށް ނުކުންނަ ބަތަލާއިން އެއް ދުވަހުން އަނެއް ދުވަހަށް އަންނަނީ އިތުރުވަމުންނެވެ. މީގެ ކުރިން ބައެއް ބަތަލާއިން ވަނީ ބޮލީވުޑްގައި ހުނަރު ދައްކާލައި، ބޮޑު މަގުބޫލުކަމެއް ވެސް ހޯދައިފަ އެވެ.

ކިރިތީ ސެނަން އާއި ކިރިތީ ކަރްބަންދާ، ކާޖޮލް އަގަރްވާލް އަދި ތަމަންނާ ބާޓިއާ ފަދަ ބަތަލާއިންނަކީ މިހާރު ދެ އިންޑަސްޓްރީގައި ވެސް މަސައްކަތްކުރާ މަގުބޫލު ބަތަލާއިންނެވެ.

ކުރިއަށް ރިލީޒްވާން ހުރި ބައެއް ފިލްމުތަކުން ވެސް ސައުތުގެ ބައެއް ބަތަލާއިން ފެނިގެން ދާނެ އެވެ.

ދާފި ފަހުން ޝޫޓިން ފެށި ސޫރަޖް ޕަންޗޯލީގެ އާ ފިލްމު "ސެޓްލައިޓް ޝަންކަރް" ގެ ބަތަލާއަކަށް އިންޑިއާގެ ސައުތުގެ ފިލްމުތަކުން މިހާރު ވިދަމުން އަންނަ މެގާ އާކާޝް ބޮލީވުޑަށް ތައާރަފުވެގެން ދާނެ އެވެ.

އޭނާ މިހާރު ވެސް އަންނަނީ ރަޖްނީކާންތުގެ "ޕެޓާ" އާއި އޭނާގެ ދަނބިދަރިފުޅު ދަނޫޝް (ކޮލަވަރީ ޑީ) އާ އެކު ފިލްމެއް ކުޅެމުންނެވެ. ދަނޫޝްއާ އެކު މެގާ ކުޅޭ ފިލްމުގެ ނަމަކީ "އެނައި ނޯކީ ޕާޔުމް ތޯޓާ" އެވެ.

"ސެޓްލައިޓް ޝަންކަރް" އިން 22 އަހަރުގެ މެގާ ބޮލީވުޑަށް ފައިތިލަ އަޅާ އިރު، އޭނާއަކީ ތެލެގޫގެ އިތުރުން ތަމަޅަ ފިލްމުތައް ކުޅެމުން އަންނަ އުންމީދީ ބަތަލާއެކެވެ. އިރްފާން ކަމާލް ޑައިރެކްޓް ކުރާ "ސެޓްލައިޓް ޝަންކަރް" އަކީ ބުޝަން ކުމާރްގެ ޓީ ސީރީޒުން ގެނެސްދޭ ފިލްމެކެވެ.

އިންޑިއާގެ މަޝްހޫރު އަންހެން ބެޑްމިންޓަން ކުޅުންތެރިޔާ ސައިނާ ނެހްވާލްގެ ބައޮގްރަފިކަލް ޑްރާމާ "ސައިނާ" ގައި ބަތަލާ ޝްރަދާ ކަޕޫރް ފެނިގެން ދާނެ ގޮތް ދައްކާލައިފި އެވެ. ޓީ ސީރީޒުން ގެނެސްދޭ މި ފިލްމުގެ ޝޫޓިންގެ ތެރޭގައި ނަގާފައިވާ ފޮޓޯއެއް ޓްވިޓާގައި ހިއްސާކޮށްފައިވާ އިރު، އޭގައި ފެންނަނީ މެޗެއްގެ ތެރޭގައި ޝްރަދާ ހުއްޓަ އެވެ.

"ސައިނާ" އަކީ "ތާރޭ ޒަމީން ޕަރް" ފަދަ ފިލްމުތަކުގެ ސްކްރީންޕްލޭ ލިޔުނު އަމޯލް ގުޕްތޭ ޑައިރެކްޓް ކުރާ ފިލްމެކެވެ. މި މަހުގެ 22 ވަނަ ދުވަހު ފިލްމުގެ ޝޫޓިން ފެށި ނަމަވެސް، ފިލްމުގައި ދެން ހިމެނޭ ކާސްޓުންނަކީ ކޮބައި ކަމެއް އަދި ނޭނގެ އެވެ. އަދި ފިލްމު ރިލީޒް ކުރާނެ ތާރީހެއް ވެސް އިއުލާނެއް ނުކުރެ އެވެ.

ޝްރަދާގެ "ސްޓްރީ" އާއި "ބައްތީ ގުލް މީޓަރު ޗާލޫ" މިހާރު ވެސް ސިނަމާގައި އޮތް އިރު، އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ބާހްބަލީ" ގެ އެކްޓަރު ޕްރަބާސްއާ އެކު ކުޅޭ "ސާހޯ" ފާހަގަކޮށްލެވެ އެވެ.

އަންނަ އަހަރު ރިލީޒް ވާން ހުރި ފިލްމުތަކުގެ ތެރެއިން އެންމެ އުންމީދީ އެއް ފިލްމު ކަމަށްވާ ކަންގަނާ ރަނާވަތުގެ ތާރީހީ ފިލްމު "މަނިކަރްނިކާ: ދި ކްއީން އޮފް ޖާންސީ" ގެ ޓީޒާ ޓްރެއިލާ އަންނަ މަހުގެ 2 ގައި ދައްކައިލަން ނިންމައިފި އެވެ.

މި ފިލްމަކީ އިންޑިއާގެ ތާރީހުގައި ފާހަގަކޮށްލެވުނު އަންހެން ހަނގުރާމަވެރިޔާ ރާނީ ލަކްޝްމީބާއީގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. ފިލްމުގެ ޓައިޓްލް ރޯލުން ކަންގަނާ ފެނިގެންދާ އިރު، މީގެ ކާސްޓުންގެ ތެރޭގައި އަތުލް ކުލްކަރްނީ، ޖިއްޝޫ ސެންގުޕްތާ، ސުރޭޝް އޮބެރޯއީ ޓީވީ ތަރިން ކަމަށްވާ ތާހެރް ޝައްބީރް އަދި އަންކިތާ ލޯކަންދޭ ހިމެނެ އެވެ.

އިންޑިއާގެ ސައުތުގެ މަޝްހޫރު ޑައިރެކްޓަރު ކްރިޝް އާއި ސީދާ ކަންގަނާ ޑައިރެކްޓް ކުރި މަންޒަރުތަކެއް ވެސް ހިމެނޭ ގޮތަށް ގެނެސްދޭ "މަނިކަރްނިކާ" ސިނަމާތަކަށް އަންނާނީ ޖެނުއަރީ، 25، 2019 ގަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ފިލްމުގެ މަންޒަރުތަކެއް ކަންގަނާގެ ޑައިރެކްޝަނުގެ ދަށުން އަލުން ޝޫޓް ކުރި ނަމަވެސް، އޭނާ ވަނީ ފިލްމުގެ ޑައިރެކްޝަނުން ކްރެޑިޓް ނުނަގަން ނިންމައިފަ އެވެ.

މިހާރު ޝޫޓިން ފަށަން ތައްޔާރުވަމުން އަންނަ ތެލެގޫ ފިލްމު "އަރްޖުން ރެޑީ" ގެ ހިންދީ ރިމެކިން އިން ފެނިގެންދާ ޝާހިދު ކަޕޫރާއި ކިއާރާ އަދްވާނީގެ ޖޯޑު އެކުގައި ފެނިގެންދާ ފުރަތަމަ ލަވަ ދައްކާލައިފި އެވެ. ޓީ ސީރީޒްގެ ތައްގަނޑާ އެކު ބެލުންތެރިންނަށް ދޫކޮށްލި މި ލަވައަކީ ސައުތުގެ ކުރީގެ މަޝްހޫރު ފިލްމެއް ކަމަށްވާ 1994 ގެ "ކަދަލަން" ގައި ހިމެނޭ ލަވަ "އުރްވަޝީ" ގެ އާ ވާޝެނެކެވެ.

މަޝްހޫރު ނެށުންތެރިޔާ ޕްރަބޫދޭވާ އާއި ނަގްމާ ލީޑް ރޯލް ކުޅުނު ފިލްމުގައި ހިމެނޭ ހިޓް ލަވައިގެ އާ ވާޝަން ކިޔާފައި ވަނީ ޔޯޔޯ ހަނީ ސިންގް އެވެ. މި ފަހަރުގެ ލަވަ ޑައިރެކްޓްކޮށްފައި ވަނީ ރީތި އެތަކެއް ވީޑިއޯ ލަވަތަކެއް ޑައިރެކްޓްކޮށްފައިވާ ގިފްޓީ އެވެ.

"އުރްވަޝީ" ގެ އޮރިޖިނަލް ލަވައިގެ މިއުޒިކް ޑައިރެކްޓަރަކީ އޭއާރް ރަހްމާނެވެ.

ޝާހިދާއި ކިއާރާގެ ވަރުގަދަ ސްޓެޕްތަކެއް ފެނިގެންދާ ލަވަ އަށް ޔޫޓިއުބްގައި މިހާރު އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. މިއީ "އަރްޖުން ރެޑީ" ގެ ކުރިން މި ދެ ތަރިން ކެމިސްޓްރީ ވެސް ތަޖުރިބާކޮށްލަން ލިބޭނެ ރަނުގެ ފުރުސަތެކެވެ.