29 ސެޕްޓެމްބަރ 2018 - 10:06

މެންޗެސްޓާ (ސެޕްޓެމްބަރު 29) – ޕްރިމިއާ ލީގުގައި މިއަދު ހަވީރު ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ޕައުލް ޕޮގްބާ ކުޅޭނެ ކަމާށާއި އެކަމަކު އެއްވެސް ކުޅުންތެރިއަކު ކްލަބަށް ވުރެ ބޮޑުނުވާނެ ކަމަށް މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.
މޮރީނިއޯ އާއި ޕޮގްބާއާ މައްސަލަ ޖެހިފައިވާއިރު، ޓްރެއިނިންގެ ތެރެއިން "ހޫނު" ވާހަކަތަކެއް ދެކެވޭ މަންޒަރުގެ ވީޑިއޯ ކްލިޕެއް އަންނަނީ ދައުރުވަމުންނެވެ. މީގެ ކުރިން މޮރީނިއޯ ވަނީ ޕޮގްބާ ދެން އެ ޓީމުގެ ކެޕްޓަންކަން ނުކުރާނެ ކަމަށް ވެސް ބުނެފަ އެވެ. އަދި ޖެނުއަރީ މަހު އޭނާ ވިއްކާލަން ނިންމައިފި ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
"މާދަމާ (މިއަދު) އޭނާ ކުޅޭނެ. އޭނާ އަކީ އެހެން ކުޅުންތެރިން ފަދަ ކުޅުންތެރިއެއް. އެއްވެސް ކުޅުންތެރިއަކު ކްލަބަށް ވުރެ ބޮޑެއް ނުވާނެ. އޭނާގެ މަސައްކަތާ މެދު އަހަރެން ހިތްހަމަޖެހެންޏާ އޭނާ ކުޅޭނެ. އެހެން ނޫނީ ނުކުޅޭނެ. މި ހަފުތާގައި އޭނާގެ މަސައްކަތާ މެދު ހިތްހަމަޖެހޭ. އޭނާ ވަރަށް ރަނގަޅަށް ފަރިތަކުރި. ޓީމަށް ބޭނުންވޭ ރަނގަޅު ކުޅުންތެރިން. އޭނާ އަކީ ރަނގަޅު ކުޅުންތެރިއެއް،" މޮރީނިއޯ ބުންޏެވެ.
މި ހަފުތާގައި ޓްރެއިނިންގެ ތެރެއިން ހިނގައިދިޔަ ކަންތައްތަކާ ގުޅިގެން ކްލަބުގެ ނަމަށް ހުތުރުވެދާނެތޯ އެހުމުން މޮރީނިއޯ ބުނީ އެއްވެސް މީހަކަށް ވުރެ މެންޗެސްޓާ ޔުނައިޓެޑް ބޮޑު ކަމަށެވެ.
މޮރީނިއޯ ބުނީ ޕޮގްބާ އަކީ ކެޕްޓަނެއް ނޫން ކަމަށާއި ހަމަ އާދައިގެ ކުޅުންތެރިއެއް ކަމަށް ނިންމީ ކަންތައްތައް އެތައް ހަފުތާއެއްވަންދެއް ދިރާސާކޮށް، ކޯޗިން ސްޓާފުންނާ ހިޔާލު ބަދަލުކުރުމަށް ފަހު ކަމަށެވެ.
ލަންޑަނުގައި ހުންނަ ވެސްޓް ހޭމްގެ ސްޓޭޑިއަމުގައި ކުޅޭ މި މެޗު ފަށާނީ މިއަދު ހަވީރު ރާއްޖެ ގަޑިން 4:30 ގަ އެވެ.