29 ސެޕްޓެމްބަރ 2018 - 10:03

ބާލިން (ސެޕްޓެމްބަރު 29) – ހާތާ ބާލިން އަތުން 2-0 އިން ބަލިވެ ޖަރުމަން ލީގުގެ ޗެމްޕިއަން ބަޔާން މިއުނިކް މި ސީޒަނުގައި ފުރަތަމަ ފަހަރަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިއްޖެ އެވެ.
މި މޮޅާ އެކު ހާތާ ބާލިން ވަނީ ބަޔާންއާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފަ އެވެ. ދެ ޓީމަށް ވެސް 13 ޕޮއިންޓް ލިބިފައިވާއިރު ލަނޑުގެ ތަފާތުން އަދިވެސް އެއް ވަނައިގައި އޮތީ ބަޔާނެވެ.
ހާތާ ބާލިންގެ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމަށް ފުރަތަމަ ގޯލް ޖަހައިދިނީ 23 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ވެޑަޑް އިބިސެވިޗެވެ. ދެ ވަނަ ގޯލް ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ޖެހީ އޮންޑްރޭ ޑުޑާ އެވެ.
ބަޔާނުން ފަހަތުން އަރައި ކުރި ހޯދަން ވަރަށް ބޮޑަށް މަސައްކަތްކުރި އެވެ. ރެނާޓޯ ސަންޗޭޒާއި ޑޭވިޑް އަލަބާ އަށް ލިބުނު ފުރުސަތުތައް ބޭނުމެއް ނުކުރެވުނެވެ. މެޗުގެ 51 ވަނަ މިނެޓުގައި އާޔެން ރޮބެންގެ ބަދަލުގައި ތޯމަސް މުލާ އެރުވިއިރު އެ ނިންމުމާ ހިތްހަމަނުޖެހި ރޮބެން ވަނީ ކޯޗު ނިކޯ ކޮވަޗާ ވާހަކަތަކެއް ދައްކައިފަ އެވެ.
ބަޔާން މިއުނިކަށް ދެން އޮތީ ޗެމްޕިއަންސް ލީގުގައި އަންގާރަ ދުވަހުގެރޭ ނެދަލެންޑްސްގެ އަޔަކްސްއާ ދެކޮޅަށް ކުޅޭ މެޗެވެ. އެ ޓީމު ވަނީ ފުރަތަމަ މެޗުން ޕޯޗުގަލްގެ ބެންފީކާ އަތުން 2-0 އިން މޮޅުވެފަ އެވެ.