29 ސެޕްޓެމްބަރ 2018 - 10:47

މިދިޔަ އާދީއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ދާއިމީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން މިއަދު އިއުލާނުކޮށް، އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް އިންތިޚާބުވެފައިވާކަން މިއަދު އިއުލާނުކޮށްފި އެވެ.

ވަގުތީ ނަތީޖާއާ، ދާއިމީ ނަތީޖާ ދާދި އެއްގޮތެވެ. އެއީ އިބޫ އަށް 134،705 އަދި ރައީސް އަބްދުﷲ ޔާމީނަށް 96،052 ވޯޓެވެ. އެއީ އިބޫ އަށް ވޯޓުގެ 58.4 ޕަސެންޓް އަދި ރައީސް ޔާމީނަށް 41.6 ޕަސެންޓެވެ.
އިންތިޚާބު ބޭއްވި ދުވަހުގެ ރޭ އިއުލާނުކުރި ވަގުތީ ނަތީޖާއިން، އިދިކޮޅު ކެންޑިޑޭޓް އިބޫ އަށް ލިބިވަޑައިގަތީ 134،616 ވޯޓެވެ. ރައީސް ޔާމީނަށް ލިބިވަޑައިގަތީ، 96،123 ވޯޓެވެ. އެހެންވެ ދެ ނަތީޖާގެ އުޅެނީ 80 ވޯޓުގެ ފަރަގެކެވެ. އިލެކްޝަން ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ އެއީ ނަތީޖާ ޝީޓްގައި ވޯޓުގެ އަދަދު ލިޔުމުގައި އަރާފައިވާ އޮޅުމެއްގެ ސަބަބުން އައި ބަދަލެއް ކަމަށެވެ.
ދާއިމީ ނަތީޖާއިން ދެއްކި ގޮތުގައި އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ 262،135 މީހުންގެ ތެރެއިން 233،889 މީހުން ވޯޓު ދިނެވެ. ބާތިލް ވެފައި ވަނީ 3،132 ވޯޓެވެ.
ދާއިމީ ނަތީޖާ އިއުލާނުކޮށްފައި މި ވަނީ، މި ނަތީޖާ އިއުލާނުކުރުން ލަސްވަމުންދާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަނިކޮށެވެ. ނަމަވެސް ޝަރީފް މިއަދު ވިދާޅުވީ ނަތީޖާ އިއުލާންކުރުން ފަސްކުރީ ވަކި ފަރާތެއްގެ ނުފޫޒު އޮވެގެން ނޫން ކަމަށެވެ.
ގާނޫނުގައި ބުނާ ގޮތުން، އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާނުކުރާތާ، ގިނަވެގެން ހަތް ދުވަހުގެ ތެރޭގައި ދާއިމީ ނަތީޖާ އިއުލާނުކުރަން ޖެހޭނެ އެވެ.
އިންތިޚާބާ ބެހޭ މަރުކަޒުގައި ކޮމިޝަންގެ މެންބަރުންނާ އެކު ބޭއްވި ޕްރެސް ކޮންފަރެންސްގައި ޝަރީފް ވިދާޅުވީ އިންތިޚާބުގެ ކުރިން ކޮމިޝަނާ ބެހޭ ގޮތުން ތުހުމަތުކުރި ގޮތަށް، އިންތިޚާބަށް ފަހުގައި ވެސް ތުހުމަތުކުރަމުން އަންނަ ކަމަށެވެ. އަދި ވިދާޅުވީ އިންތިޚާބަށް ފަހު، ވަކި ބަޔަކު އުންމީދުކުރި ގޮތަށް ނަތީޖާ ނައުމުން އެ ބޭފުޅުން ރިޝްވަތު ނެންގެވި ކަމަށް ތުހުމަތުކުރާ ކަމަށާއި އެބަޔަކާ ދެކޮޅަށް ދައުވާ ކުރައްވާނެ ކަމަށެވެ.
ޝަރީފް ވިދާޅުވި ގޮތުގައި އިންތިޚާބާ ބެހޭ ގޮތުން 423 ޝަކުވާއެއް ހުށަހަޅާފައި ވާއިރު އޭގެ ތެރެއިން 229 ޝަކުވާއަކަށް ވަނީ ޖަވާބު ދީފަ އެވެ. ޝަކުވާތަކުގެ ތެރޭގައި، ރީރެޖިސްޓްރޭޝަނާ ގުޅޭ ޝަކުވާ އާއި ނުފޫޒު ފޯރުވުމާއި ވޯޓާސް ލިސްޓުގެ މައްސަލަތަކާއި ރިޝްވަތާ ގުޅޭ ޝަކުވާތައް ވެސް ހިމެނެ އެވެ. އެކަމަކު މީގެ ތެރޭގައި، ނަތީޖާއަށް ބަދަލު އަންނަ ވަރުގެ ޝަކުވާއެއް ނެތްކަން ޝަރީފް ފާހަގަކުރެއްވި އެވެ.
ޕްރެންސް ކޮންފަރެންސްގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އިލެކްޝަންސްގެ މެންބަރުން ވިދާޅުވީ ރޭގެ ވަގުތެއްގައި ކޮމިޝަންގެ ޓްވިޓާ އެކައުންޓް ހެކްކޮށް އަދި ކޮމިޝަންގެ ނަމުގައި ފޭކް ޓްވިޓާ އެކައުންޓެއް ވެސް ބަޔަކު ހަދާފައިވާ ކަމަށެވެ. އެހެންވެ އެ މައްސަލަ ފުލުހުންނަށް ހުށަހަޅައި ތަހުގީގުކުރަމުން އަންނަ ކަމަށް ބުންޏެވެ.