29 ސެޕްޓެމްބަރ 2018 - 11:11

ބަޣުދާދު (ސެޕްޓެމްބަރު 29) - އިންސްޓަރާމްގައި އެތައް ބަޔަކު ފޮލޯކުރާ އިރާގުގެ މަޝްހޫރު މޮޑެލް ތާރާ ފާރިސް ބަޣުދާދުގެ މެދުތެރޭގައި ކާރުގައި ދުއްވާފައި ދަނިކޮށް ބަޑިޖަހައި މަރާލައިފި އެވެ.
އިރާގުގެ ދާޚިލީ ވުޒާރާ އިން ބުނެފައި ވަނީ އުމުރުން 22 އަހަރުގެ މޮޑެލްގެ ހަށިގަނޑުގެ ތިން ތަނަކަށް ވަޒަން އަރާފައިވާ ކަމަށެވެ.
ބޮލުގައި ތަފާތު ކުލަ ޖައްސައި، އެކި ފާޑުގެ ޓެޓޫއާ އަދި ތަފާތު ހެދުންތަކާ އެކު ނަގާފައިވާ ފޮޓޯތައް އިންސްޓަގްރާމްގައި ޝެއާކުރަމުންދާ ތާރާ މަރާލުމުން އެތައް ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅު ކުރަމުންނެވެ. އިންސްޓަގްރާމުން 2.7 މިލިއަން މީހުން ތާރާ ފޮލޯ ކުރެ އެވެ.
ތާރާ މަރާލި ބަޔަކު އަދި ނޭނގުނު ނަމަވެސް އިރާގުގެ ދާޚިލީ ވުޒާރާ އިން މިހާރު ވަނީ ތަހުގީގު ފަށައިފަ އެވެ. ތާރާ މަރާލާފައި މި ވަނީ އިރާގުގައި އަންހެނުންގެ ހައްގުތަކަށް މަސައްކަތް ކުރި އެކްޓިވިސްޓެއް ކަމަށްވާ ސުއާދު އަލް އަލީ ދެކުނުގެ ބަސްރާގައި މަރާލިތާ ދެ ދުވަސް ފަހުންނެވެ.