28 ސެޕްޓެމްބަރ 2018 - 18:45

މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ދާއިމީ ނަތީޖާ މާދަމާ އިއުލާން ކުރާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ނިންމައިފި އެވެ.
މާދަމާ ހެނދުނު 10:30 ގައި އޮންނަ ޕްރެސް ކޮންފަރެންސަކާ އެކު، ދާއިމީ ނަތީޖާ އިއުލާން ކުރާނީ ބާ ޖަމާލުއްދީން ސްކޫލްގައި ހިންގާ އިންތިޚާބާ ބެހޭ މައި މަރުކަޒުގަ އެވެ.
އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވި މި އިންތިޚާބުގެ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން މާދަމާ އިއުލާން ކުރަން ނިންމިއިރު، އެކަން ލަސްވެގެން އިދިކޮޅު ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އެމްޑީޕީގެ ހަރުގެ ކައިރީގައި ރެ އާއި މިއަދު ހަވީރު ވެސް އިހުތިޖާޖު ކޮށްފައިވެ އެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އިސްމާއިލް ހަބީބު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ދާއިމީ ނަތީޖާ މިހާރު ކަނޑައަޅާފައިވާ ކަމަށާއި ވަގުތީ ނަތީޖާއާ އަޅާ ބަލާއިރު މާ ބޮޑު ބަދަލެއް ނެތް ކަމަށެވެ.
ހަބީބުގެ ޓުވީޓުގައި ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ ފަސް މެމްބަރުން އިއްޔެ ބައްދަލުކުރައްވައި ދާއިމީ ނަތީޖާ ނިންމާފައިވާ ކަމަށެވެ. އަދި ވިދާޅުވީ، ވަގުތީ ނަތީޖާއާ އަޅާ ބަލާއިރު ބޮޑު ބަދަލެއް ދާއިމީ ނަތީޖާއިން ފެނިވަޑައިނުގަންނަވާ ކަމަށެވެ.
"ގާނޫނުގައިވާ ގޮތުން ދާއިމީ ނަތީޖާ އިއުލާން ކުރަން ޖެހެނީ އިންތިޚާބު ބޭއްވި ތާރީޚުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި. އެ ދުވަސް ހަމަވާނީ އާދިއްތަ ދުވަހަށް،" ހަބީބު ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނުން އިއުލާން ކޮށްފައިވާ ވަގުތީ ނަތީޖާއަށް ބަލާއިރު، އިބޫ އިންތިޚާބު ކާމިޔާބު ކުރެއްވީ، 134،616 ވޯޓުންނެވެ. އެއީ 58.4 ޕަސެންޓެވެ. ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަތީ، 96،123 ވޯޓެވެ. އެއީ 41.6 ޕަސެންޓެވެ.