ކްލިންޓް އީސްޓްވުޑް ކުޅޭ ފަހު ފިލްމު "ދަ މިއުލް" ޑިސެމްބަރުގައި
ކްލިންޓް އީސްޓްވުޑް ކުޅޭ ފަހު ފިލްމު "ދަ މިއުލް" ޑިސެމްބަރުގައި

ހޮލީވުޑްގެ ދުވަސްވީ ތަޖުރިބާކާރު އެކްޓަރު/ޑައިރެކްޓަރު ކްލިންޓް އީސްޓްވުޑް އެކްޓް ކުރާނެ ކަމަށް ބެލެވޭ ފަހު ފިލްމު "ދި މިއުލް" އަންނަ ޑިސެމްބަރު މަހުގެ 14 ގައި ސިނަމާތަކަށް ގެންނަން ނިންމައިފި އެވެ.

މި ފިލްމަކީ ވޯނާ ބްރަދާޒް އާއި އިމްޕެރޭޓިވް އެންޓަޓައިންމަންޓް ގުޅިގެން ހަދާ ފިލްމެކެވެ.

އުމުރުން 80 އަހަރުން މައްޗަށް ގޮސްފައިވާ، ދެވަނަ ބޮޑު ހަނގުރާމައިގެ ވެޓެރަން އަކު ޑްރަގް ވިޔަފާރީގެ ތެރެއަށް ވަދެ، ހިންގާ ކަންތައްތަކެއް ކިޔައިދޭ "ދަ މިއުލް" 2014 ގައި ނިއު ޔޯކް ޓައިމްސް މެގަޒިނުން ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ގެނެސް ދިން ފީޗާއަކަށް ހަދާފައިވާ ފިލްމެކެވެ.

ކްލިންޓް ޑައިރެކްޓް ވެސްކޮށްފައިވާ މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ބްރެޑްލީ ކޫޕާ، މައިކަލް ޕީނާ، ލައުރެންސް ފިޝްބާންގެ އިތުރުން ޑަޔަން ވިއެސްޓް ހިމެނެ އެވެ.

"ދަ މިއުލް" އަކީ 2012 ގައި ރިލީޒް ކުރި "ޓްރަބަލް ވިތު ދަ ކާވް" އަށް ފަހު، ކްލިންޓް، 87، ބޮޑު ސްކްރީނުން ފެނިގެންދާ ފުރަތަމަ ފިލްމެވެ. މި ފިލްމުގައި އޭނާ ފެނިގެން ދާނީ އާލް ސްޓޯން ކިޔާ ކެރެކްޓާއަކުންނެވެ.

ކްލިންޓް އެންމެ ފަހުން ޑައިރެކްޓްކޮށް ގެނެސް ދިން ފިލްމަކީ މިދިޔަ ފެބްރުއަރީ މަހު ރިލީޒް ކުރި ބައޮގްރަފިކަލް ޑްރާމާ "ދަ 15:17 ޓް ޕެރިސް" އެވެ.