ބަންގްލަދޭޝްގެ ވެބްސައިޓަކަށް ފުލުހުން ހަމަލާދީ ނޫސްވެރިން ހައްޔަރުކޮށްފި
ބަންގްލަދޭޝްގެ ވެބްސައިޓަކަށް ފުލުހުން ހަމަލާދީ ނޫސްވެރިން ހައްޔަރުކޮށްފި

ޑާކާ (އޮގަސްޓް 9) - ބަންގްލަދޭޝްގެ ނިއުސް ވެބްސައިޓެއްގެ އޮފީހަށް ފުލުހުން ވަދެ އެ ތަން ބަންދު ކުރުމަށް ފަހު ތިން ނޫސްވެރިން އިއްޔެ ހައްޔަރުކޮށްފި އެވެ.

އޮފިޝަލުން ބުނީ އެ ސައިޓް ބަންދުކުރީ ބޮޑު ވަޒީރު ޝެއިޚު ހަސީނާގެ ދަރިކަލުން އަވަހާރަވެއްޖެ ކަމަށް ބުނެ ދޮގު ޚަބަރު ފެތުރުމުން ކަމަށެވެ. މި ޚަބަރު އާއްމު ކުރިތާ މާގިނައިރެއް ނުވެ ފުލުހުން ވަދެ އެ ވެބްސައިޓުގެ އޮފީސް ވަނީ ފަސް ގަޑިއިރު ވަންދެން ބަލާ ފާސްކޮށްފަ އެވެ. އަދި ވެބްސައިޓުގެ އެގްޒެޓިވް އެޑިޓަރާއި ދެ ނޫސްވެރިން ވަނީ ހައްޔަރުކޮށްފަ އެވެ.

ބަންގްލާމެއިލް24 ވެބްސައިޓުގެ ފޭސްބުކް ޕޭޖުގައި ވަނީ ބޮޑު ވަޒީރުގެ ދަރިކަލުން ސަޖީބު ވާޒިދު ޖޯއީ މަތިންދާ ބޯޓު ވެއްޓުމުގެ ހާދިސާއެއްގައި އަވަހާރަވެއްޖެ ކަމަށް ބުނެ ދޮގު ޚަބަރު ފަތުރައިފަ އެވެ.

ވެބްސައިޓުގެ އޮފީހަށް ވަން ރެޕިޑް އެކްޝަން ބެޓޭލިއަންގެ ތަރުޖަމާން މުފްތީ މަހްމޫދު ޚާން ވިދާޅުވީ ތިން މީހުން ހައްޔަރުކުރީ އެ ވެބްސައިޓުން އާއްމުކުރި ދޮގު ޚަބަރާއި ގުޅިގެން ސުވާލު ކުރުމަށް ކަމަށެވެ.

ބަންގްލާމެއިލް24 ވެބްސައިޓު ބަންދުކުރި އިރު ސަރުކާރުން ވަނީ 32 އޮންލައިން ނޫސް ކުރިން ބަންދުކޮށްފަ އެވެ. އަދި ހައްދުފަހަނަޅާފައިވާ ހަނގުރާމަވެރިން ދޭ ޓެރަރިސްޓް ހަމަލާތައް ޓީވީތަކުން ވަގުތުން ދެއްކުން ވެސް ވަނީ މަނާކޮށްފަ އެވެ.